މިއަދަކީ މިއަހަރުގެ ބައިނަލްއަގްވާމީ މަންމައިންގެ ދުވަހެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި މި ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރެއެވެ. އެކި މީހުން އެކި ގޮތަށެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މިއަދު އެންމެ ގަދަ އަޑަކީ މަންމައިންގެ އަޑެވެ. މަންމައިންގެ ފޮޓޯތަކާއި ތަސްވީރުތަކެވެ. މަންމައިންނަށް ރައްދު ކުރެވޭ ހެޔޮ ދުއާތަކާއި ހެޔޮ ބަސްތަކެވެ. އުފެއްދުންތެރިންގެ ތަފާތު އުފެއްދުންތަކުން މި ދުވަހަށް އިތުރު ފުރިހަމަ ކަމެއް ގެނުވައިދެއެވެ.
އެގޮތުން މިއަހަރުގެ މަންމައިންގެ ދުވަހު އެންމެ ރަނގަޅު ހަދިޔާއެއް ލިބުނީ ރާޅުގަނޑު ބޮޑުބެރު ގުރޫޕްގެ ބާނީ އަދި ކުޅަދާނަ ލަވަކިޔުންތެރިޔާ ހައްމާދު ރަޝީދު (ހަމްޕު) ގެ ފަރާތުންނެވެ. މަންމައިންގެ ދުވަހަށް ހާއްސަކޮށްގެން ހައްޕު ވަނީ ވަރަށް އިބްރަތްތެރި މެސެޖްތަކެއް ދޭ މަދަހައެއް ބެލުންތެރިންނަށް ގެނެސްދީފައެވެ. ލޯތްބާއި އޯގާތެރިކަމަށް އެންމެ ބޭނުންވި ވަގުތު އެ އެހީތެރިކަން ނުދެވި ވަނިކޮށް މަންމަ ވަކިވެދަނީ އެވެ. އެކަމުގެ ސަބަބުން ދެން ލިބޭ ހިތާމައެވެ. ހަޔާތުން ބީވެގެން ދިޔައީ ކިހާ އަގުހުރި ޝަހުސިއްޔަތެއްކަން އިހުސާސް ކުރެވެނީ އެހިސާބުންނެވެ.
ދަރިއަކު ބަލާ ބޮޑުކުރުމަށް މަންމައަކުވާ ގުރުބާނީގެ އަގު ވަޒަން ކުރެވުނީ އަދި ކިރިއާއެވެ. ނަމަވެސް އޭރު ވަގުތު ފާއިތުވެއްޖެ އެވެ. މިއީ ހަމްޕުގެ މަދަހައިގެ މައިގަނޑު ވާހަކަތަކެވެ. ވަރަށްވެސް އިބްރަތްތެރި އެވެ. އެެހާމެ ޝައުގުވެރިއެވެ. މަދަހަ ފެށިގެން ނިމުމާ ހަމައަށްވެސް އެހާމެ އަސަރުގަދައެވެ.
މަދަހައިގެ ޅެމާއި މޮލެޑީ ތައްޔާރުކުރީވެސް ހަމްޕު އެވެ.
މިފަދަ ޅެމެއް ތައްޔާރުކުރުމުގެ ހިޔާލު އައީ ލޮކްޑައުންގެ ދުވަސްވަރު މަންމައާ ދުރުގައި ހުންނަން ޖެހުމުން ކަމަށް ހަމްޕު ބުންޏެވެ. އެއީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން މުޅި މުޖްތަމައު ބިރުވެރިކަމެއްގައި އޮތް ދުވަސްތަކެވެ. އުމުރުން ދުވަސްވީ މީހުންނަށް ބަލީގެ ނުރައްކާ ބޮޑެވެ. އެ ބަލީގައި އެތައް ބަޔަކު ދިޔައީ އަޅުގަނޑުމެންނާއި ވަކިވަމުންނެވެ. އެހެން ކަމުން މަންމައާ ދުރުގައި ހުރުން ހަމްޕުއަށްވެސް ވީ ވަރަށް ދަތި އެހާމެ އުނދަގޫ ކަމަކަށެވެ. ޅެމުގެ ހިޔާލް ސިކުޑީގައި އެނބުރި އެތުރެމުން އައީ އެ ސަބަބާއި ގުޅިގެންނެވެ.
މަދަހައެއްގެ ގޮތުގައި ގެނެސް ދިނުމުގެ މައިގަނޑު ބޭނުމަކަށްވީ ޒުވާނުންނަށް މުހިންމު މެސެޖެއް ދިނުމެވެ.
"ހަޔާތުގައި އެބަ އާދޭ މައިންބަފައިންގެ މާބޮޑު ދައުރެއް ނެތި އަމިއްލައަށް ކަންކަން ނިންމާ ދުވަސްތަކެއް. ނަމަވެސް އަޅުގަނޑުގެ މެސެޖަކީ ކޮންމެ ވަގުތަކީވެސް މައިންބަފައިންގެ ނަސޭހަތާއި އިރުޝާދު ބޭނުންވާ ވަގުތެކޭ. ވަގުތު ފާއިތުވުމުގެ ކުރީން މައިންބަފައިންނަށް ހެޔޮކޮށް ހިތާ އެ މީހުންގެ ބަސް އަހާ ރަނގަޅު އިންސާނެއްގެ ގޮތުގައި ދިރިއުޅެވޭތޯ ބަލާށޭ،"
މަދަހައިގެ ވީޑިއޯ މަސައްކަތް ކޮށްފައިވަނީ ކުޅަދާނަ ޑައިރެކްޓަރު އަހްމަދު ޝިނާން އެވެ. މިއުޒިކް ކޮމްޕޯސްކުރީ އެ ދާއިރާއިން ފިލްމްފެއާ އެވޯޑް އުފާލާފައިވާ އިސްމާއީލް އަދްލީ (މިސްޓީ) އެވެ.
މަދަހަގެ ގިނަ މަންޒަރުތައް ޝޫޓްކޮށްފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. މިއީ އެ ހޮސްޕިޓަލްގައި މިފަދަ މަންޒަރުތަކެއް ނަގަން ހުއްދަ ދިން ފުރަތަމަ ފަހަރު ކަމަށްވާތީ އަދި އެފަދަ ފުރުސަތެއް ދިނީތީ ހަމްޕުގެ ވަރަށް ހާއްސަ ޝުކުރެއް ޓްރީޓޮޕް ހޮސްޕިޓަލްގެ މެނޭޖްމަންޓަށް އެބައޮތެވެ.
މީގެ އިތުރުން ރާޅުގަނޑު ސްޓޫޑިއޯގެ ކޮންމެ މަސައްކަތަކަށް އެހީތެރިވާ ކޮކާ ކޯލާ ކޮންޕެނީގެ އެހީ މިފަހަރުވެސް ލިބިފައިވާކަން ހަމްޕު ފާހަގަކުރެއެވެ.
ވީޑިއޯގައި ފެނިގެންދާ މައިގަނޑު ކެރެކްޓާއަކީވެސް ހަމްޕު އެވެ. އަދި ރޯނުގޭ ހަސަން މަނިކާއި މަރިޔަމް ޝަކީލާ (ޝަކިއްތަ) އެވެ. މީގެ އިތުރުން ހާނި ބަދީއު އާއި ޝިފާއެވެ.
ޔަގީނުންވެސް ބެލުންތެރިންނަށް ހަމްޕުގެ މި ހަދިޔާ ވަރަށް ކަމުގޮސްފިއެވެ. އެތައް ބަޔަކަށް މުހިންމު އިބްރަތެއް ދީފިއެވެ.