ދުނިޔެ

ސަލްމާން ރަސްގެފާން ކޮލޮނޮސްކޯޕީ ހައްދަވައިފި

ސައުދީ އަރަބިއްޔާގެ ރަސްގެފާން ސަލްމާން ބިން އަބްދުލްއަޒީޒު 86، ޖިއްދާގައި ހުންނަ ކިންގް ފައިސަލް ސްޕެޝަލިސްޓް ހޮސްޕިޓަލްގައި އިއްޔެ އެޑްމިޓް ކުރެއްވުން ދުނިޔެއަށް ވީ ވަރަށް ބޮޑު ވާހަކައަކަށެވެ. ރަސްގެފާން އެޑްމިޓްކުރެއްވި ސަބަބެއް ކަމަށް ޝާހީ ގަނޑުވަރުން އެއިރު ވިދާޅުވީ ޓެސްޓްތަކެއް ހެއްދެވުމަށް ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

އެހެން ނަމަވެސް، ޝާހީ ގަނޑުވަރުން މިހާރު ވިދާޅުވަނީ ރަސްގެފާން އެޑްމިޓް ކުރެއްވީ ގޮހޮރު ޓެސްޓެއް ކުރަން ހަދާ ކޮލޮނޮސްކޯޕީއެއް ހެއްދެވުމަށް ކަމަށެވެ. ހާލަތު ރަނގަޅު ކަމަށާއި ނަތީޖާ ވެސް ރަނގަޅު ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ސަލްމާން ރަސްގެފާން ފަހަކަށް އައިސް އުޅުއްވަނީ އުމުރާ ގުޅުން ހުރި ބަދަލުތަކުގައި އާލާސްކަންފުޅާ އެވެ. ގޯލްބްލެޑާގެ އާލާސްކަންފުޅެއްގައި 2020 ގައި ގޯލްބްލެޑާ ނަގާފައިވާ ކަމަށް ވެސް ސައޫދީ ޕްރެސް އޭޖެންސީން ބުނެ އެވެ.

އަދި މިދާކަށް ދުވަހު، ފާއިތުވި މާޗުގައި ހިތުގެ ވިންދު އެއްވަރު ކުރަން ބޭނުންކުރާ ޕޭސްމޭކާގެ ބެޓެރީ ބަދަލު ކުރުމަށް ހޮސްޕިޓަލުގައި ރަސްގެފާން އެޑްމިޓް ކުރެއްވި އެވެ.