ވާހަކަ

ނިވެމުންދާ ބައްތި

(އަންގާރަ ދުވަހުގެ ނޫހާއި ގުޅޭ)

ސައުންނަށްވުރެ ކުރިން މިއަދު ތެދުވީ އާލިޔާއެވެ. ހެދނުގެ ނާސްތާއެއް ކުޑަ ގޮތަކަށް ތައްޔާރު ކުރުމަށް ފަހު ފެންވަރައިގެން އޮފީހަށް ދިއުމަށް ތައްޔާރު ވަމުން ދިޔައެވެ. ގަޑިޖެހެމުން ދާތީ ސައުންނަށް ގޮވަން ގަސްތުކޮށް ކައިރިއަށް ދިޔައިރު ސައުން ހޭލައިގެން އާލިޔާއާއި ދިމަ ބަލަހައްޓައިގެން އޮތެވެ. ކައިރިއަށް އައުމުން އަތުގައި ހިފާ ގަޔާ ގާތަށް ދަމާލިއެވެ. ކުރިން ނުގޮވީ ކީއްވެ ހެއްޔޭ އެހިއެވެ. ސިއްރު ސިއްރުން މިހާރު ފެންވެސް ވެރީ ހެއްޔެވެ؟ ސައުންގެ ވާހަކަ ހުރި ގޮތުން ކުޑަކޮށް އާލިޔާ ލަދުގަތެވެ.

ވާހަކަ އޮޅުވާލުމަށް ޓަކައި ރޭގައި އައީ ކިހާ އިރަކުތޯ އެހީމެވެ. " ތަންކޮޅެއް ލަހުން އާދެ ވުނީ ކުދިވެރިން ގޮވައިގެން ބޭރަށް ނުދާތާ ގިނަ ދުވަސްވެފައި ވާތީ ބޭރަށް ޖައްސާލީ. އެނބުރި އައިސް މިކޮޅަށް އަންނަން އުޅުމުން ޒީކު ރޯތީ އޭނަ ނިދަން ދެން މަޑު ކޮށްލީ" އެކަމާ ހިތްހަމަ ނުޖެހިފަތަ ތިޔަ އިނީ" އެހެން ބުނަމުން ކޮލުގައި ހިފާލިއެވެ.

''ނޫން އެކަމަކާއި ނުވިސްނަން. އެކަމު ވަރަށް ގިނަ އިރު އިންތިޒާރު ކުރިން ބަނޑުހައި ވިއިރު ވެސް ނައުމުން ދެފަހަރަކު ފޯނަށް ވެސް ގުޅިން ރިންގުވޭ. އެކަމަކު ފޯނެއް ނުވެސް ނަގަ" އެހެން ބުނުމުން ސައުން ފޯނު ނަގާ ޗެކު ކޮށްލިއެވެ. "ގުޅާފައެއް ނެތް" ތިޔަ ގުޅީ އެހެން ނަމްބަރަކަށޭ ބުނެ އެނދުން ތެދުވެ ހިނގައިގަތެވެ. ސައުން ފާހާނައަށް ގޮސްވަނެވެ. ސައުންގެ އެ ޖަވާބާއި މެދު އާލިޔާ ހިތްހަމައެއް ނުޖެހުނެވެ.

އާލިޔާ ގުޅީ ހަމަ ސައުންގެ ނަމްބަރަށެވެ. އެހެން ކަމުން އިތުރަށް ފޯނު ޗެކު ކޮށްލިއެވެ. އެ ވަގުތު އަން ސޭވު ނަމްބަރަކުން ގުޅަން ފެށިއެވެ. ނުދަންނަ ނަމްބަރަކަށް ވާތީ ފޯނު ސައިލެންޓް މޯޑަށް ލުމަށް ފަހު އޮފީހަށް ދިއުމަށް ބިޒީވިއެވެ. އަދި ސައުންގެ ހެދުން ނަގައި ރެޑީ ކޮށްލުމަށް ފަހު ދެތަށި ކޮފީ ހަދައިގެން އައިސް ސައުންނަށް އިންތިޒާރު ކުރަމުން ދިޔައެވެ.

ދޭތެރެ ދޭތެރެއިން ނުދަންނަ ނަމްބަރަކުން މެސެޖު ކޮށް ގުޅަމުން ދެއެވެ. މެސެޖުތައް ނުކިޔާ އާލިޔާ ޑިލީޓް ކުރަމުން ދެއެވެ. ސައުންނާއި އާލިޔާގެ ކައިވެންޏަށް އެއްއަހަރު ވެގެން ދިޔައިރު ދެ މީހުންގެ ދެމެދުގައި މާބޮޑު މައްސަލަތަކެއް ޖެހިފައެއް ނުވެއެވެ. ނަމަވެސް އާލިޔާއަށް ވުރެ މިޝްކާއާއި ކުދިންނަށް ސައުން ހުސްކުރާ ވަގުތު މިހާރު ގިނައެވެ. ވުމާއެކު ބައެއް ފަހަރަށް އާލިޔާއަށް އެކަނި ވެރިކަން އިހުސާސްކުރެވި ފުހިވާ ގޮތް ވެއެވެ.

ކުދިންނާއެކުގައި މިޝްކާ އުޅެމުން ދަނީ ގޭގެ ގުރައުންޑް ފުލޯގައެވެ. އާލިޔާ ދިރިއުޅެމުން ދަނީ ތިން ވަނަ ފުލޯގައެވެ. މުލިން ވަކި ދިރިއުޅުމެކެވެ. އާލިޔާއަށް ސައުން އޯގާތެރިވެފައި އަޅައި ނުލައެކޭ ނުބުނެ ވޭނެއެވެ. ޝަކުވާތައް ހުރިނަމަވެސް އެޝަކުވާތައް އާލިޔާ ވަނީ އޭނާގެ ހިތުގައި ފޮރުވާ ރައްކާ ކޮށްފައެވެ. ހިތުގެ އުދށްތައް އެހން މީހަކާއި ހިއްޞާ ނުކުރުމަކީ ގެއްލުންވާނެ ކަމެއް ކަމާމެދަކު އާލިޔާ ވިސްނާ ލައިފައި ނުވެއެވެ.

ކުރިން އާލިޔާއާއި ގާތް ގޮތެއް ސައުންގެ ކުދިން ބެހެއްޓި ނަމަވެސް މިހާރު އާލިޔާއާއި މެދު ދެކެނީ ދުރު މީހެއްގެ ގޮތުގައެވެ. ޒޯޔާގެ އުމުރުން ބާރަ އަހަރެވެ. ޒީކުގެ އުމުރުން ހައަހަރެވެ. މިޝްކާގެ ނަޞޭހަތް އެކުދިން ގަބޫލު ކުރެއެވެ. އެ ކުދިންގެ މަންމައާއި ބައްޕަ ދުރުކޮށް އެ ފެމެލީގެ ތެރެއަށް އާލިޔާ ވަނީ މުދަލުގެ ދަހިވެރި ކަމުގައި ކަމަށް ކުދިންނަށް ވިސްނައިދޭން މިޝްކާ މަސައްކަތް ކުރަމުން ދިއައެވެ. ކުދިންނަށް ޚަގީޤަތް ވަނީ އޮޅުވާ ލައިފައެވެ.
ނަތީޖާ އަކަށްވީ އާލިޔާއަކީ އެފެމެލީގެ ދުޝްމަނެއްގެ ގޮތުގައި ޒޯޔާ ދެކުމެވެ. އެހެންކަމުން ބައެއްފަހަރަށް ސައުން ނޫޅޭ ވަގުތު ތަކުގައި ނުރުހުމުގެ ބަސް އާލިޔާއަށް ރައްދު ކޮށް ވާހަކަ ދައްކާފައި އެބަހުއްޓެވެ. އެއިން އެއްވެސް ކަމެއް ސައުންނަކަށް އާލިޔާ ނާންގައެވެ. އެހުރިހާ އުދާހަކާއި އެކުގައި ސައުންދެކެ ވާ ލޯތްބަށް ޓަކައި ހިތުގެ ވޭން ރައްކާ ކުރިއެވެ. ކުދިން އާލިޔާ އާ ހިތްހަމަ ނުޖެހޭކަން މިހާރު ސައުންނަށް ވެސް ފާހަގަ ކުރެވެއެވެ. އެކަމާއި ސައުން ވަރަށްފިކުރުބޮޑުވެއެވެ.

އެއްކޮޅުގައި އާލިޔާއެވެ އަނެއްކޮޅުގައި ލޮލުގެ ފިނިކަން ކަމުގައިވާ ލޯބިވާ ދަރިންނެވެ. ކޮންމެފަދަ ގުރުބާނީ އެއްވެސް ކުދިންނަށްޓަކައި ސައުން ވާކަށް ފަހެއް ނުޖެހޭނެއެވެ. އެހާބޮޑަށް ކުދިން ދެކެ ލޯބިވެއެވެ. ސައުންގެ ހަޔާތުން މިޝްކާއަށް ދެވަނަ ފުރުޞަތު ދެވުނީ ވެސް ކުދިންގެ ހައްޤުގައެވެ. މިއަދު މިޝްކާއާއި ސައުންގެ މެދުގައި ހިތްހަމަ ނުޖެހުމެއް ނެތެވެ. ކުރިއެކޭ އެއްގޮތަށް ކުދިންގެ ކުރިމަތީގައި ހަމަޖެހޭ ފުރިހަމަ އާއިލާއެއްގެ ތަސްވީރު ކުރެހުން އެޅިފައި ވެއެވެ.

ހަމައެކަނި އެއާއިލާގެ އުފާތަކަށް ހުރަހަކަށް ވެފައި ވަނީ އާލިޔާއެވެ. ބައެއް ފަހަރަށް ސައުންނަށް އާލިޔާއާއި މެދު ކަންތައް ކުރެވެނީ އެހާ ރަނގަޅަށް ނޫންކަމުގައި ހީކުރެވެމުން ދެއެވެ. އެއީ ކުދިންނާއި މިޝްކާއާއި އެކު ޗުއްޓިތަކަށް ބޭރަށް ގޮސް އެނަގާ މަޖާތަކުގައި އާލިޔާ ބައިވެރި ނުކުރެވޭތީއެވެ. ކުދިން ނުރުހޭތީއެވެ. މިޝްކާ ސައުންގެ ކުރީމަތީގައި އެކުޓްގެ ބަހަނާ ދައްކައިގެން އާލިޔާ އެފަދަ ޓްރިޕް ތަކުގައި ބައިވެރި ކުރަން އެދި އާދޭސްކުރެއެވެ.

އެހެން ނަމަވެސް ކުދިން މެދުވެރި ކޮށް އެކަމާއި ކުދިން ނުރުހޭކަން ހާމަކުރެއެވެ. ވުމާއެކު ކުދިންގެ އުފާތަކަށް ހުރަސް އެޅޭނެތީ އާލިޔާ އަދި މިހާތަނަށް އެއްވެސް ދަތުރަކު އެ މީހުންނާ އެކުގައި ނުގެންދެއެވެ. އެކަމާއި އާލިޔާ އެއްވެސް ޝަކުވާއެއް ނުކުރެއެވެ. ސައުން ކަންތައް ކުރި ކޮންމެ ގޮތަކަށް އާލިޔާ ފުދިގެން ހުރެއެވެ. ނަމަވެސް ހިތް ހަމަނުޖެހުމުގެ އޮއިވަރު ކެކެމުން ގޮސް ހިތުގެ ޒަޚަމު ދިޔައީ ފުންވަމުންނެވެ.
މިޝްކާ އަދި ސައުން ތައްޔާރު ވަމުން ދަނީ އަހަރީ ބޮޑު ޗުއްޓިގައި ރާޢްޖެއިން ބޭރަށް ދިއުމަށެވެ. ބާޒާރު ކުރުމާއި ދަތުރުގެ ކަންތައްތަކުގައި ސައުން ބިޒީ ވުމުން އާލިޔާއާއި އެކު ވަގުތު ހޭދަކޮށްލަން ނުލިބުނެވެ. މިއަދަކީ ފުރާ ދުވަހެވެ. ދަތުރު ސެޑިއުލު ކުރެވިފައިވަނީ މެލޭޝިޔާއިން ސިންގަޕޫރުން އިންޑިޔާއަށެވެ. ދެމަހެއްހާ ދުވަސް ބޭރުގައި ހޭދަ ކުރާގޮތަށެވެ.

މިޝްކާ ދިޔައީ އޮފީހަށެވެ. ސައުންމެން ފުރަން ހަމަޖެހިފައި ވަނީ ހަވީރުއެވެ. އޮފީހަށް ދިޔައި ދާހިތަކުން ނޫނެވެ. އަބަދު ފިކުރު ކުރުމުގެ ސަބަބުން ބޮލުގައި ރިހެއެވެ. ގިނަވަގުތު ވިސްނުމާއި މަސައްކަތުގައި އުޅުމުގެ ސަބަބުން ވަރުބަލިކަން އިހުސާސްކުރެވެމުން ދިޔައެވެ. މިހާރަކަށްއައިސް ވަރަސްއަވަހަށްފުންނޭވާޔާއެކު ވަރުބަލިވާލެއް އަވސްކަން އާލިޔާއސް ފާހަގަ ކުރެވުނެވެ. ޑޮކުޓަރަށް ދައްކަން ދާން ހިތަށް އަރައެވެ. ސައުން ކައިރީ އެއިން އެއްވެސް ވާހަކައެއް ނުބުނެއެވެ. އުޅެން ޖެހޭލެއް ބިޒީ ކަމުން ވަގުތު ނުވާނީއެވެ. ގެއަސްއައުމަށްފަހު އެފަދަ ވާހަކައެއް ދައްކާހާ ހިތްވަރެއް ނުހުރެއެވެ.

ހަޤީގަތުގައި މިހާރު އޮފީހުގެ ގިނަ ކަންތައް ތަކުގައި ޒިއްމާ ނަގައިގެން ކުރާ މީހަކީ އާލިޔާއެވެ. ކައިވެންޏަށް ފަހު އޮފީސް އާލިޔާއަށް މާބުރަވިއެވެ. ހުސްވަގުތު ލިބޭލެއް މަދު ވިއެވެ.

އެއްގަޑި ތިރިސް ހިނގި ތަނުން ސައުން އޮފީހަށް އައިސް އޮފީހުގެ ބައެއް ކަންތައް ތަކާއި މެދު މުއައްޒަފުންނާއި ބައްދަލު ކުރިއެވެ. ބައްދަލު ވުމުން ނިމިގެން އާލިޔާގެ ކެބިންނަށް ވަދެ ގެއަށް ދިއުމަށް އެދުނެވެ. އެވަގުތަކީ މިއަދުން މިއަދަށް ނިންމަން ޖެހޭ ކަމެއްގައި އާލިޔާ ބިޒީ ވެފަ އިން ވަގުތެކެވެ. ވުމާއެކު އެހަށް މަޑު ކޮށްލާށެ ބުނެ މަސައްކަތަށް އެނބުރުނެވެ. ސައުން ވެސް ފޯނެއްގަ ހުރެގެން ނުކުމެގެން ދިޔައެވެ. އޭގެ ފަނަރަ ވަރަކަށް މިނިޓް ފަހުން ސައުން އާލިޔާގެ ކެބިންނަށް އައެވެ. އާލިޔާ ފެންނާކަށް ނެތެވެ. އޮފީހުގެ ދެތިން މުއައްޒަފެއް ކުރެން އާލިޔާ ދެކުނިންތޯ ސުވާލު ކުރިއެވެ. ދެކުނު އެކަކުވެސް ނެތެވެ.

ސައުން ވަރަށް ކަންތައް ބޮޑުވިއެވެ. އަނެއް ކޮޅުން ފުރަން ދާގަޑިވެސް އައީ ގާތް ވަމުންނެވެ. ފޯނަށް ގުޅޭތޯ ބެލިއިރު ފޯނު އޮތީ ކެބިންގެ ތެރޭގައެވެ. އާލިޔާއާއި ގުޅޭނެ އިތުރު ގޮތެއް ނެތުމުން ސައުން އެނބުރި ދިޔައި ގެއަށެވެ ދަތުރުގެ ކަންތައް ރެޑީ ކުރުމަށެވެ. ހަތަރެއް ޖަހާއިރު ޗެކިން އޮތުމުން އެކަމާ އަވަސް އަރައި ގަނެގެން އިރުއިރު ކޮޅުން މިޝްކާ ވެސް ގުޅަމުން ދިޔައެވެ.

ސައުން ގެއަށް ގޮސް އެންމެ ފުރަތަމަ ބެލީ އާލިޔާ ކޮބައި ތޯއެވެ. ގެއަށް ދިއުމުން އާލިޔާ ގެއަށް އައިސްފައި ވާކަން ސައުންނަށް ފާހަގަ ކުރެވުނެވެ. އެހެންވެ މިޝްކާ ގާތު އާލިޔާ ގެއަށް އައިތޯ އެހިއެވެ. "ދެކުނިން ވަރަށް ބާރު ބާރަށް މައްޗަށް އަރައިގެން ދާތަން. ކޮޓަރިއަށް ވަނުމަށްފަހު ކުޑަ ދަބަހަކަށް އެއްޗެހި ތަކެއް އަޅައިގެން ދާތަން ދެކުނިން. އާލިޔާ އެކަނިވެ ގެއަށް ބަދަލު ވަނީތަ" މިޝްކާގެ އެ ވާހަކަތައް އަޑުއިވޭ ގޮތެއް ސައުން ނަކަށް ނުވިއެވެ. އޮފީހުގެ މުއައްޒަފަކު ސައުންނަށް ގުޅީއެވެ. އެހެންވެ ފޯނުގަ ހުރެގެން ވާހަކަ ދައްކަމުން ސައުން ނުކުތީ ބޭރަށެވެ. މިޝްކާ ދެއްކި އެއްވެސް ވާހަކައެއް ސައުންނަކަށް ނީވުނެވެ.

އެންމެފަހުން އައި ފޯނު ކޯލުން އެނގުނު ގޮތުގައި އާލިޔާ އޮފީހުން ނުކުމެގެން ކާރެއްގައި ދިޔަކަމަށްވ ިއެވެ. އެހެންވެ ސައުން އާލިޔާ ދިޔައީ ގެއަށްތޯ ބެލުމަށް އެގެއަށް ގުޅިއެވެ. އެގޭން ވެސް ފޯނެއް ނުނަގައެވެ. އާލިޔާ ބައްޕަގެ ފޯނަށް ގުޅިއިރު އެފޯނު އޮތީ ނިންވާ ލައިފައެވެ. ސައުންގެ ހާސްކަން ވީ އިތުރެވެ. ކޮންމެ ގޮތެއް ވިޔަސް ދަތުރު ކެންސަލެއް ނުކުރެވޭނެއެވެ.

އާލިޔާ ނުފެނި ވީނުވީ ތަނެއްނޭނގި ދާން ޖެހޭތީ ސައުން ހުރި ވަރަށް ދެރަވެފައެވެ. އެކަން ޚުދު މިޝްކާއަށް ވެސް ފާހަގަ ކުރެވުނެވެ. މާޔޫސްވެފައިވާ ހިތަކާއި އެކުގައެވެ. އެއާރޕޯޓަށް ކުދިންނާއި މިޝްކާ ގޮވައިގެން ދާން ގެއިން ނުކުތެވެ. މުޅި މިހާވަނީ މިލާ މޯޅިވެ ތާޒާކަން ގެއްލިފައެވެ. އުއްމީދު ކޮށްގެން ހުރީ އެންމެފަހު ވަގުތުތައް އާލިޔާއާއި އެކުގައި ހޭދަ ކޮށްލުމަށެވެ. ނަމަވެސް...

އާލޔާ އޮފިހުގައި މަސައްކަތުގައި ބިޒީވި ވަގުތު މަންމަގެ ފޯނެއް އައެވެ. ބައްޕަ ގެ ހާލު ގޯސްވެގެން އިމަޖެންސީކޮށް ބޭރަށް ގެންދަން އެންގި ވާހަކައެވެ. މަސައްކަތަކާއި މަސައްކަތެއް ބަހައްޓާފައި ސައުންގެ މަތިން ވެސް ހަނދާން ނެތި ރޮމުން ރޮމުން ކަހަލަ ގޮތަކަށް އާލިޔާ ދިޔައި ހޮސްޕިޓަލަށެވެ. ހޮސްޕީޓަލަށް ގޮސް ވަންތަނުން ބައްޕަ ގެ ދަތުރުގެ ކަންތައްތަކުގައި އުޅެން ހަދައިގެން ސައުންނާއި ގުޅޭ ގޮތް ނުވީއެވެ. ގުޅަން ބެލިއިރު ފޯނު ވަނީ އޮފީހުގައިކަން ހަދާން ވިއެވެ. ފުރަތަމަ އިސްކަން ދިނީ ބައްޕަ ފުރުމުގެ ކަންތައް އަވަސް ކުރުމަށެވެ.

އާލިޔާގެ ބައްޕަ އަކީ ހިތުގެ ބައި ޕާސް ހަދާފައި ވާ މީހެކެވެ. ލަސްކުރުމަކީ ބުއްދިވެރި ކަމަކަށް ނުވާތީ އެކަމަށް އިސްކަން ދެވުނީއެވެ. މަންމަ އެކަނި ވީމަ ބައްޕައާއި އެކުގައި ދާންޖެހުނީ އާލިޔާއަށެވެ. ސައުންނާއި ގުޅަން މަޖުބޫރުވިއެވެ. ޓިކެޓް އޯކޭ ކުރުމުގެ ކުރިން ސައުންނާއި ގުޅަން އާލިޔާ މަސައްކަތް ކުރިއެވެ. އޭރު ހައެއް ޖަހާ ބޮޑުވެއްޖެއެވެ. ސައުންނާއި އޭނާގެ ފެމެލީ ވައިގެ ތެރޭގައި އުދުހެމުން ދިޔައެވެ. ހިނިތުން ވުމާއެކު ދެއްލެމުންދިޔަ ފަޒާގެ ތެރެއަށްނަޒަރު ހުސްކޮށްގެން ސައުންއިނެވެ. ކުދިންގެ މޫނުމަތީގައި ވަނީ އުފަލެވެ. ސައުންގެ މޫނުމަތިން ފާޅުވަނީ ހިތާމަޔާއި ވޭނެވެ.

ގަޑިއަށް ބަލާލުމަށް ފަހު ސައުން ފުރާފާނެކަން ޔަގީންވިއެވެ. ބައްޕަ ބޭރަށް ގެންދިއުމުގެ ކަންތައްތައް ރެޑީ ކުރުމުގައި އަވަސް ވިއެވެ. ބައްޕަ ގޮވައިގެން ފުރަން އޮތީ ހެނދުނު ދިހައެއްގެ ފުލައިޓުންނެވެ. ކަންތައް މެދުވެރިވީ އާލިޔާމެން ނިންމި ގޮތާ ޚިލާފަށެވެ. އޮފީހުގައި ހުރެފައި ހޮސްޕިޓަލަށް އައިގޮތަށް ގެއަކަށް ނުދެއެވެ. ދެމީހުން ބައްދަލުނުވެ އެހާ ދިގު މުއްދަތަކަށް ވަކިވާތީ އާލިޔާ ހުރީ ދެރަވެފައެވެ. ބުނަން ބޭނުން އެތައް ވާހަކައެއް ހުއްޓެވެ. ހިތް އެދުނު ނަމަވެސް އެ ފުރުޞަތެއް ނުލިބުނެވެ. ތަގުދީރުގެ ޕުލޭންވަނި ސިއްރުކުރެވިފައެވެ.
ބައްޕަގެ ހާލު ފަހަރަކަށް ވުރެ ފަހަރެއް ދިޔައި ދަށަށެވެ. މެންދަމު ދޭއްގެ ފަހުން ބައްޕަގެ ހިތުގެ ހިނގުމާއި ވިންދު ދަށްވެ އުއްމީދު ގެއްލިފައިވާ ކަމުގެ ހިތާމަވެރި ޚަބަރު ފުރަތަމަ ލިބުނު މީހަކީ އާލިޔާއެވެ. އެހެން މީހުނަށް އެޚަބަރު ދިނުމުގެ ކުރިން ހުރިތަނަށް ޚަބަރު ހުސްވެގެން އާލިޔާ ވެއްޓެން ދިޔައެވެ. ލިބުނު ސޮކުގައި ހިތަށް ކެތްނުވީއެވެ. އެ މަންޒަރު ދެކެން ހުރި އާލިޔާގެ މަންމައަށް ދުއްވައި ގަނެވުނެވެ. "މަގޭދަރި" ( ނުނިމޭ)