ސީރިއާގެ ރައީސް ބައްޝާރުލް އަސަދު އީރާނަށް ވަޑައިގެންފި އެވެ. އަސަދު އީރާނަށް ވަޑައިގެންވި ސަބަބެއް ކަމަށް ހަބަރުތައް ބުނަނީ އީރާންގެ ވެރިންނާ މަޝްވަރާ ކުރައްވައި ގުޅުން ބަދަހި ކުރެއްވުމަށް ކަމަށެވެ.
އީރާންގެ ޚަބަރު ޗެނަލްތަކުން ބުނާ ގޮތުން އީރާންގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އަރިއަށް އަސަދު ޒިޔާރަތް ކުރެއްވި އެވެ. އަދި ރައީސް އިބްރާހީމް ރައީސީއާ ވަކިން ބައްދަލު ކުރައްވައި ގުޅުން ބަދަހި ކުރެއްވި އެވެ.
ސީރިއާގައި ދާޚިލާ ހަނގުރާމަ ފެށުނު ފަހުން އަސަދު ގައުމުން ބޭރަށް މާ ގިނައިން ވަޑައިގެން ނޫޅުއްވަ އެވެ. އެހެން ނަމަވެސް، 2011 އަށް ފަހު މިއީ އީރާނަށް ވަޑައިގެންނެވި ދެވަނަ ފަހަރެވެ. އަސަރު އީރާނަށް އެންމެ ފަހުން ވަޑައިގަތީ 2019 ގައެވެ.
އީރާންގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުލާހިޔާން މާޗު މަހު ސީރިއާއަށް ވަޑައިގެން ދިމިސްގުގައި އަސަދާ ބައްދަލު ކުރެއްވި އެވެ. އަދި ރަޝިއާއިން ޔުކްރޭނަށް ދެމުން ގެންދާ ހަމަލާތަކުން އުނގެނި ސަރައްހައްދީ ބާރުވެރި ކަމެއް ގާއިމު ކުރެއްވުމަށް މަޝްވަރާ ކުރެއްވި އެވެ.
އަސަދުގެ ވެރިކަން ދެމެހެއްޓުމަށް ރަޝިއާގެ އިތުރުން އީރާނަކީ ވަރަށް ބޮޑަށް ހޭދަކުރާ ގައުމެކެވެ. ސީރިއާއަށް ބޮޑެތި އަދަދުތަކުން ލޯން ދޫކުރުމާއި ހިލޭއެހީ އަދި އިންވެސްޓް ކުރުން ފަދަ ވިޔަފާރި އާއި އިގުތިސޯދާ ގުޅުން ހުރި މުއާމަލާތްތައް މިހާރު ވެސް ހިންގަ އެވެ.
ސީރިއާގެ ދާހިލީ ހަނގުރާމައިގައި އަސަދާ ދެކޮޅު ހަނގުރާމަވެރިންނަށް ހަމަލާ ދިނުމަށް އީރާން ވެސް ބައިވެރިވެ އެވެ. އެހެން ނަމަވެސް ނުސީދާކޮށް ޕްރޮކްސީ މެދުވެރިކޮށެވެ. މިއީ ދުނިޔެއަށް ފާޅުކަން ބޮޑު އެކަމަކު ސިއްރެކެވެ.
އިޒްރޭލުން ދޭތެރެ ދޭތެރެއިން ސީރިއާއަށް ރޮކެޓް ހަމަލާތައް ދެނީ ވެސް ސީރިއާއަށް ޖަމާވާ އިރާންގެ ހަނގުރާމަވެރި ގުރޫޕްތަކަށެވެ. ސީރިއާގައި ބައިގަނޑު ހަދައި ސަރަހައްދަށް ދީފާނެ ހަމަލާއަކަށް އިޒްރޭލުން ގަންނަ ބިރަށް ހަނގުރާމަވެރިންނަށް ހަމަލާދެނީ އެވެ.
އަސަދު މިފަހަރު އީރާނަށް ވަޑައިގަތީ ގުޅުން ބަދަހިކުރަން ކަމަށް ޚަބަރުތައް ބުނި ނަމަވެސް ސިއްރު ކުރެވިފައި އެހެން ކަމެއް އޮތް ކަމަށް ބެލެވެ އެވެ. ރަޝިއާގެ ތެޔޮ ބޭނުން ކުރުން ޔޫރަޕް ގައުމުތަކުން ހުއްޓާލަން ވިސްނާއިރު ތެލުގެ ވިޔަފާރި އަކީ ސީރީއާއަށް ވެސް ފައިދާ ނެގެން އޮތް ވިޔަފާރިއެކެވެ.
އީރާން މެދުވެރިކޮށް ތެލުގެ ވިޔަފާރި ފުޅާ ކުރުމަކީ ވެސް ސީރިއާ ވިސްނާ ކަމެއް ކަމަށް ދުރު ވިސްނާ މީހުން ބުނެ އެވެ.