ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ ތުހުމަތު ރައީސް ފެކްޝަނަށް: އަތުގައި ހޭކިފައި ތިހުރީ އަޅުގަނޑުގެ ލޭ

މެއި ހަވަނަ ދުވަހުގެ ރޭ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާގެ ކަންކަން ފޮރުވަން ސަރުކާރަށް ވަފާތެރިވާ މަޖިލީސް މެންބަރުންތަކެއް އެބަތިއްބެވި ކަަމަށް ވިދާޅުވެ ރައީސް ނަޝީދު ބޮޑެތި ތުހުމަތުތަކެއް ފެންމަތި ކުރައްވައިފި އެވެ.

އެމަނިކުފާނު އެ ތުހުމަތުތައް ފުރަތަމަ ފެންމަތި ކުރެއްވީ އެމްޑީޕީގެ މަޖިލީސް މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގްރޫޕްގައެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ގުރޫޕްގައިވެސް އެ ތުހުމަތު އައުކުރައްވާފައިވެއެވެ. މައިގަނޑުކޮށް ތުހުމަތު އަމާޒު ކުރެއްވީ ރައީސް ސޯލިހްގެ ވަރަށް އަރިސް އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރައްވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) އަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީސް މެންބަރުންގެ ގުރޫޕްގައި ނަޝީދު ވިދާޅުވީ މެއި ހައެއްގެ ޓެރަރިސްޓް ހަމަލާގެ ތަހުގީގުގެ ކަންކަން ފޮރުވަން ސަރުކާރަށް ވާގިވެރިވަނީ މެންބަރު ހުސައިން ކަަމަށެވެ.

"އަޅުގަނޑަށް އެނގޭތީ މި ދަންނަވަނީ، މިކަން [މެއި ހައެއްގެ ހަމަލާ] ފޮރުވުމުގައި ސަރުކާރަށް ވާގި ދެއްވާ އެއް ބޭފުޅަކީ އަނދުންގޭ ހުސެއިން. މާތް ރަސްކަލާނގެ ގަންދީ ހުވާކޮށް އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑަށް އެނގިފައިވާ މިންވަރުން، އަޅުގަނޑު މަރާލަން ރޭވި ރޭވުން ފޮރުވަން ސަރުކާރަށް ވާގި ދެއްވާ އެއްބޭފުޅަކީ ތިބޭފުޅާ އާއި އާރުކާޓީ،" ވަކިވަކިން ފޮނުއްވެވި ދެ މެސެޖްގައި ނަޝީދު ވިދާޅުވެފައިވެއެވެ.

ހުސައިން ވަނީ އެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. ވިދާޅުވީ އެެފަދަ ކަމެއް އޭނާއަށް ނުކުރެއްވޭނެކަން ރައީސް ނަޝީދަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އޭގެ ފަހުން މަޖިލީސް މެންބަރުންނަށް ހާއްސަ ގުރޫޕްގައިވެސް ނަޝީދު ވަނީ އެ ތުހުމަތުތައް އައު ކުރައްވާފައެވެ. ވިދާޅުވީ ހުސައިންގެ އަތުގައި މިހާރުވެސް ހޭކިފައި ހުރީ އެމަނިކުފާނުގެ ލޭ ކަމަށެވެ.

"ހުސައިންގެ އަތް ރަނގަޅަށް ބަލައިލާ. ހުސައިންގެ އަތުގައި މިހާރު ކޭއްތިފައި ތި ހުރީ އަޅުގަނޑުގެ ލޭ،" ނަޝީދުގެ މެސެޖްގައި ވިދާޅުވިއެވެ.

އެ ވާހަކަތަކަށް މަޖިލީސް ގުރޫޕްގައިވެސް ހުސައިން ރައްދު ދެއްވިއެެވެ. ހުސައިން ފުރަތަމަ ވިދާޅުވީ ނަޝީދު ހުންނެވީ މާބޮޑަށް ކޯފާވެފައި ކަމަށެވެ. އެހެން ވިދާޅުވީ ހުސައިނަށް އަމާޒުކުރި ތުހުމަތުތަކަކީ ހަގީގަތެއް ނޫން ކަމަށާ އަދި އެއީ ވަރަށް ބޮޑަށް ކޯފާވެފައި ހުންނެވުމަށް ވިދާޅުވި ވިދާޅުވުމެއް ކަމަށް ސިފަކޮށް ދެއްވުމަށެވެ.

ހުސައިން އެހެން ވިދާޅުވީ ނަޝީދު ވަނީ "އަޅުގަނޑުގެ ލެޔަކީ ކެރަފާ ދަނޑިކޮށީގެ ލޭ. އޭގައި އަސަރު ހުންނާނެ" ކަމަށް ވިދާޅުވެ ރައްދު ދެއްވާފައެވެ. އަދި ތުހުމަތު އިތުރަށް ފުޅާކުރައްވާ ވިދާޅުވީ މެއި ހައެއްގެ ޓެރަރިސްޓް ހަމަލާގެ ކަންކަން ފޮރުވަން ސަރުކާރަށް ވާގިވެރި ވަނީ ހަމައެކަނި ހުސައިން ނޫން ކަމަށެވެ. ނަމަވެސް ދެން އެކަމުގެ ތުހުމަތު ކުރައްވާ އެއްވެސް ބޭފުޅެއްގެ ނަން ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އެ ތުހުމަތުތައް ހުސައިން ސިފަކުރެއްވީ ޗެއާޕާސަން ހޮވުމުގެ އިންތިހާބާ ދިމާކޮށް އުފެއްދެވި ތުހުމަތުތަކެއްގެ ގޮތުގައެވެ. އަދި ވިދާޅުވީ އިލްޒާމް އެޅުވުމުގައިވެސް ހައްދެއް އޮންނަން ވާނެ ކަމަށެވެ. ވަކި ކެންޑިޑޭޓަކަށް ތާއީދު ކޮށް ތާއީދު އިތުރުކުރަން މަސައްކަތް ކުރުމަކީ ދޮގު އިލްޒާމް އަޅުވަން ޖެހޭ ސަބަބެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ބޮމުގެ ހަމަލާއާ ގުޅޭގޮތުން އިއްޔެއިން ފެށިގެން ރައީސް ނަޝީދުގެ ވަފާތެރި މެންބަރުން ގެންދެވީ ސޯޝަލް މީޑިއާގައި އެކި ވާހަކަތައް ދައްކަވަމުންނެވެ. އެ ވާހަކަތަކަށް ރައީސް ނަޝީދު ފޮރުވިގެން ހުންނަވާ ވިދާޅުވާން ބޭނުންފުޅުވާ ވާހަކަތަކަށް ހާއްސަ އެކައުންޓުން ގެންދިޔައީ ޖަވާބުވެސް ދެމުންނެވެ. އަދި ތަހުގީގާމެދު ސުވާލު އުފައްދަވާފައިވެއެވެ.