ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވައިފި އެވެ. ރާޖަޕަކްސަ އިސްތިއުފާ ދެއްވާފައި މިވަނީ ލަންކާއަށް އިގުތިސޯދީ ގޮތުން ދިމާވެފައި އޮތް ދަތި ހާލަތުން އަރައިގަތުމަށް ދެމެހެއްޓެނިވި ގޮތެއް ނުފެނިގެން އުޅެނިކޮށް ކުރިމަތިވި ސިޔާސީ ހަމަނުޖެހުންތަކާ ހެދި އެ ގައުމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށެވެ.
މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވާފައިވާކަން އެ ގައުމުގެ ބޮޑެތި ހުރިހާ ނޫސްތަކުގައި ވަނީ ރިޕޯޓް ކޮށްފަ އެވެ. ގިނަ ނޫސްތަކުގައި އެކަން ރިޕޯޓްކޮށްފައިވަނީ އާއިލީ ބޭފުޅުންނާއި ހަވާލާ ދެއްވައެވެ. ނަމަވެސް ފަހުން އެމަނިކުފާނުވެސް ވަނީ ޓްވީޓާ މެދުވެރިކުރައްވާ އެކަން އިއުލާނު ކުރައްވާފައެވެ.
ލަންކާގެ އިދިކޮޅު ޕާޓީތަކުން ސަރުކާރަށް ހުށަހަޅާފައި އޮތް ހުށަހެޅުމަކީ ޝަރަފުވެރި ގޮތުގައި ބޮޑުވަޒީރު އިސްތިއުފާ ދެއްވައި، ސަރުކާރު އުވާލައްވާފައި ގެއަށް ވަޑައިގަތުމެވެ. އެނޫން ގޮތެއްގައި ބޮޑުވަޒީރަށް އޮތީ އިތުބާރު ނެތްކަމުގެ ވޯޓާ ކުރިމަތި ލެއްވުމެވެ. އިދިކޮޅު ޕާޓީތަކުން ބުނި ގޮތަށް ބޮޑުވަޒީރަށް އިތުބާރު އޮތްތޯ ބެލުމަށް ވޯޓު ނެގުމަށް ޕާލަމެންޓަށް އޮތީ ހުށައަޅާފައެވެ.
ނަމަވެސް ރާޖަޕަކްސަ އިސްތިއުފާ ދެއްވީ މީގެ ދެ ދުވަސް ކުރީން އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ރައީސް ގޯޓާބެ ރާޖަ ޕަކްސަ އެކަމަށް އެދިވަޑައިގަތުމުން އެކުގައި ތިއްބެވި ސިޔާސީ ލީޑަރުންނާއެކު ކުރެއްވެވި ދިގު މަޝްވަރާތަކަށް ފަހު ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ރައްޔިތުންގެ ހައްގުގައި ކޮންމެ ފިޔަވަޅެއް އަޅުއްވަންވެސް ތައްޔާރަށް ހުންނެވި ކަމަށް އިއުލާނު ކުރައްވާފައި ވަނިކޮށެވެ.
"ރައީސް އެދިވަޑައިގެންފި ނަމަ އިސްތިއުފާދީފައި ސަރުކާރު ދޫކޮށްލަން ތައްޔާރު" މަހިންދާ ރާޖަ ޕަކްސަ ވިދާޅުވި އެވެ.
ލަންކާގެ ބޮޑުވަޒީރު ކަމުން މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވާފައި މިވަނީ އެ ގައުމުގެ ހާލަތު އެންމެ ގޯސްވީ ދަނޑިވަޅާ ދިމާކޮށެވެ. ސަރުކާރާ ދެެކޮޅު މުޒާހަރާތައް ބޮޑުވެ ވަރުގަދަ ވަމުންދާއިރު ސަރުކާރަށް ސަޕޯޓްކުރާ އެތައް ބަޔަކުވެސް މިއަދު ވަނީ މަގުތަކަށް ނިކުމެފައެވެ. އެކަމުގެ ސަބަބުން ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައިވެއެވެ. ރިޕޯޓްތައް ބުނާ ގޮތުން އިދިކޮޅު ލީޑަރަށްވެސް ވަނީ ސަރުކާރަށް ވަފާތެރި ސަޕޯޓަރުން ހަމަލާދީފައެވެ. އަދި ސަރުކާރާ ދެކޮޅަށް އިހުތިޖާޖު ކުރި ބައެއް މީހުންނަށްވެސް ލަކުޑި ފަތިތަކުން ހަމަލާދީ ޒަހަމުކޮށްލާފައިވެއެވެ.
ލަންކާގެ ހާލަތު ގޯސްވުމުން މުޅި ގައުމުގައި އޮތީ ކުއްލި ހާލަތު އިއުލާނުކޮށްފައެވެ.