(އަންގާރަ ދުވަހުގެ ނޫހާ ގުޅޭ)
އާލިޔާ ޓިކެޓްގައި ހިފުމުގެ ބަދަލުގައި ބަލަހައްޓައިގެން އިނީއެވެ. އަދި ސުވާލުގެ ނަޒަރަކުން ބަލަމުން ދިޔައެވެ. ''ކިހިނެއްވީ ތިޔަ ބަލަނީ މީގައި ހިފާބަލަ. ދާން ބޭނުން ނުވަނީތަ؟" އިތުރު އެއްޗެކޭ ނުބުނެ ޓިކެޓްގައި ހިފުމަށްފަހު ރަނގަޅަށް ބަލާލިއެވެ. ކޮންތަނަކަށްތޯއާ ދަނީ ކޮން ދުވަހަކުންތޯ ބެލުމަށްފަހު އާލިޔާ ވާހަކަ ދައްކަން ފެށިއެވެ.
"މިދުވަސްކޮޅު އޮފީހުގެ މަސައްކަތްތައް ވަރަށް ގިނަ . ދެމީހުން އެކުގައި ތަނަކަށް ހިނގައްޖެ ނަމަ އޮފީހުގެ މަސައްކަތް ތަކަށް ހުއްޓުން އަންނާނެ'' އާލިޔާ އެހެން ބުނީ މިދަނޑިވަޅުގައި ތަނަކަށް ދިއުމަކީ ރަނގަޅު ކަމަކަށް ނުފެންނާތީއެވެ. އެހެން ބުނުމުން ސައުން އާލިޔާގެ އަތުގައި ހިފާ ކައިރި ކޮށްލުމަށްފަހު
''އޮފީހުގެ މަސައްކަތް ތައް ނުނިމި ހުޢްޓަސް އަހަރެން ބޭނުން އާލިޔާއާ އެކު އެއްވެސް މީހެއްގެ އުނދަގޫ ނުވާ ހިސާބަށް، ތަންކޮޅެއް ދުރަށް ދާން. މިނިވަން މާހުލެއްގައި ކުޑަދުވަސްކޮޅެއް ހޭދަ ކޮށްލަން. މިދުވަހަށް އިންތިޒާރު ކުރާތާ ހާދަ ދުވަހެއްވެއްޖެއޭ''
ތެދުތެދަށް ބުނާނަމަ އަދިވެސް އާލިޔާއަށް ސައުންނަކަށް މާބޮޑު އިތުބާރެއް ނުކުރެވެއެވެ. އާލިޔާގެ ވިސްނުމުގައި އަބަދުވެސް ރަސްކަން ކުރަނީ ސައުންގެ ހަޔާތުން އާލިޔާ ދާންޖެހިދާނެ ކަމެވެ. އެހެން ވެއްޖެ ނަމަ އާލިޔާ ސައުންނާއި މާބޮޑަށް ގާތްވެ އެކުގައި ދުވަސްތައް ހޭދަ ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫންކަމުގައެވެ. އޭރުން ވަކިވެދާ ދުވަހަކުން ހިތަށް މާބޮޑަށް އަސަރު ކުރާނެ ކަމުގައެވެ. އާލިޔާގެ އެންމެ ބޮޑު މަގުޞަދަކީ މިޝްކާއާއި ސައުން ވަކި ވިޔަ ނުދީ އަލުން ގުޅުވައި ދިނުމެވެ. އެއީ އާލިޔާގެ ނިންމުމެވެ. އެކަމުގެ މަޤްޞަދާއި ބޭނުން އެނގެނީ ހަމައެކަނި އާލިޔާއަށެވެ.
ކައިވެނި ކުރެވުނީމަ ހިތަށް ލިބެންވީ ފުރިހަމަ ހިތް ހަމަޖެހުމާއި އުފާ އާލިޔާގެ މޫނު މަތިން ފާޅެއް ނުވެއެވެ. ބުނަން ނޭނގޭ އެތައް ވާހަކަ ތަކެއް އެ ހަމަހިމޭން ކަމުގައި ފޮރުވިފައި ވެއެވެ. އާލިޔާގެ ނެގި މަޑު ވުމާއި ބަސްމަދުވުމުން ސައުންގެ ހިތުގައި އެތައް ސުވާލެއް އުފެދެމުން ދިޔައެވެ. ސައުން ހީކުރީ އަލަތު ކައިވެންޏެއްގެ ފުރަތަމަ ރެއަކި އަންހެން ކުދިންނަށް ހިތަށް ބިރު އިހުސާސްވާ ރެއެއް ކަމުން އެފަދަ ވިސްނުމެއްގައި އާލިޔާ ވެސް އިނީ ކަމަށެވެ. ބައެއް ފަހަރަށް ބައެއް ކުދިންނަށް ނަފުސާނީ ބަދަލުތައް އައިސް މީހާގެ މުޅި މިޒާޖު ބަދަލުކޮށް ލައެވެ. ހީސަމާސަ ކުރުން މަދުވެއެވެ. ދުލުގައި ތަޅުއެޅުވި ފިކުރުގެ ކަނޑެއްގައި ފަތަމުން ދެއެވެ. ކުރިމަގާ މެދުގައެވެ. އަލަށް ތަޖުރިބާ ކުރަންޖެހޭ ކަންތައް ތަކާ މެދުގައެވެ. އުޅެބޮޑުވި މާހައުލުން އެހެން މާހުލަކަށް ބަދަލު ވާން ޖެހޭތީއެވެ. ބަލަދުވެރި ފަރާތުން އެހެން މީހެއްގެ ބަލަދުވެރިކަމަށް ބަދަލު ވެ ދިއުމުންނެވެ. ނުވަތަ ތިމާގެ ހުރިހާ ކަމެއް ނުދަންނަ، ލޭގެ ގުޅުން ނެތް ފަރާތަކާއި ހިއްޞާކޮށް މުޅިހަޔާތް ވޭތު ކުރަން ޖެހުމުން ނެވެ. މިސަބަބު ތަކަށްޓަކއި އިންސާނި ޠަބީއަތުގައިވާ ފަދައިން އާލިޔާގެ ނަފުސު ވެސް ފިކުރުގެ ކަނޑެއްގައި ފީނަމުން ދިޔައެވެ.
ހިޔާލުގެ ވާފަށްކެނޑި ދެމީހުންގެ ހޭލައްވާލީ ކާރުގެ ދުވެލި މަޑުވެ ވަކި ތަނަކަށް މަންޒިލު ކުރުމުންނެވެ. އާލިޔާ ބޭރު ބަލާލިއެވެ. ސައުންގެ ގެއަށް މިއަދު އާލިޔާ ވަންނަށް މިޖެހުނީ ގޭގެ އެއް އޮޅިގަނޑަށް ވެގެންނެވެ. އާލިޔާއަކީ ސައުންގެ ހުރިހާ ކަމެއްގައި ހިޢްޞާވާ ހުރިހާ ހައްޤެއް ލިބިގެން ވާ ބައިވެރިއެއްގެ ގޮތުގައެވެ. ކާރުން ފޭބުމަށްފަހު އާލިޔާގެ އަތުގައި ސައުން ހިފިއެވެ. ގެއަށް ފުރަތަމަ އެޅި ފިޔަ ވަޅާއެކު އާލިޔާގެ ލޮލުގައި އަޅައިގަތީ މިޝްކާއެވެ. އަންނާނެ އިރެއްގެ އިންތިޒާރުގައި އިންމީހެއް ފަދައިން މިޝްކާ ސިޓިންގ ރޫމުގައި އިނެވެ.
ދެމީހުން އެކުގައި ވަދެގެން އަންނަތަން ފެނުމުން މިޝްކާ ތެދުވިއެވެ. ސައުންހުރީ މިޝްކާގެ ހަރަކާތް ތަކަށްބަލާށެވެ. މިޝްކާ ކޮށްފާނެ ކަމަކަށް ވިސްނައިގެންނެވެ. މިޝްކާއާއި އަރާ ހަމަވުމުން ހިނިތުންވުމާ އެކު މަރުޚަބާ ކިޔެވެ. އާލިޔާ އެއްމިޔަކަނުން ވަރަށް ބިރުން ހުރެ ހީލިއެވެ. ސައުން އިތުރު އެއްޗެކޭ ނުބުނެ އާލިޔާ ގޮވައިގެން ސައުންގެ ކޮޓރިއަށް ވަނެވެ. ވަދެ ދޮރު ޖެހުމާއެކު ސައުންގެ އަތުތެރޭގައި އާލިޔާ ގައިދު ކޮށްލިއެވެ. ކުރިއަށްވުރެ ބޮޑަށް އާލިޔާ ހާސްވަމުން ދިޔައެވެ.
ސައުންގެ ކޮންމެ ބީހުމަކުން މިހާރު އާލިޔާއަށް ވަނީ އުނދަގުލެވެ. ބުނަން ނޭނގޭ އެތައް ގޮތްތަކެއް ވާހެން އިހުސާސް ކުރެވެމުން ދިޔައެވެ. އާލިޔާގެ އެބަދަލު ސައުންނަށް ސިފަ ކުރެވެމުން ދިޔައީ އަލަތު ކައިވެނީގެ ފުރަތަމަ ކޮޅު ކުރެވޭ ނުދަންނަ އިހުސާސް އަކުން އާލިޔާއަށް އަންނަމުންދާ ބަދަލެއްކަމުގައެވެ.
'' ކައިވެނި ކުރެވުމުން އާލިޔާ އެހާ ހިތް ހަމަޖެހޭ ހެންނެއް ހިޔެއްނުވޭ ކީއްވެ މާބޮޑަށް ފިކުރު ބޮޑުވެގެން ތިޔަ އުޅެނީ. އާލިޔާގެ ރުހުމާއި ނުލައި އާލިޔާގެ ފުށުން އުފާތަކެއް ގަދަކަމުން ލިބގަންނާކަށް ބޭނުމެއް ނޫން. ވާހަކަ ދައްކަ ބަލަ! ހިތަށް އަރާ އެއްޗެއް ބުނެދިނީމަ އެނގޭނީ" އާލިޔާ އަނގައިން ބުނާނެ ފުރުޞަތެއް ނުދީ ކުރިއަށް ވުރެ ބޮޑަށް ސައުންގެ އަތުގެ ހިމާޔަތުގައި އާލިޔާ ފޮރުވާލިއެވެ.
ދެފާރާތުން ބަދަލުވަމުން ދިޔަ ހޫނު ނޭވަޔާއެކު މަޑުމަޑުން އާލިޔާ ސައުންގެ ހިމާޔަތުގައި ތުއްތު ކުއްޖެއް ފަދައިން ބޮނޑިވެލިއެވެ. ދެފަރާތުން އިންތިޒާރު ކުރަމުން އައި މިނިވަންކަން އެވަނީ ލިބިފައެވެ. އެ ދެމެދުދައި އިތުރު ހުރަހެއްނެތެވެ. ލޯބީގެ ފޮނި މީރުކަމާއި ކައިވެނީގެ ލައްޒަތުން ދެމީހުންގެ ސިކުނޑި ދީވާނަ ކުރަމުން ދިޔައެވެ. އެކަކަށް އަނެކަކު އެދި، ބޭނުން ވެފައިވާ މިންވަރު މަސްތުވަމުން ދިޔަ ލޮލުގެ ބެލުން ތަކުން ފާޅު ވަމުން ދިޔައެވެ.
މިޝްކާ އަކަށް މިހާރަކު ކިޔޭނެ ފާޑެއްނެތެވެ. ނުރުހި ތުންފިއްތައިގެން އިނުން ފިޔަވާ އިތުރު ގޮތެއް ނެތެވެ. އެނބުރި ކޮޓަރިއަށް ދަމުން ސައުންގެ ކޮޓަރިއާއި ދިމަ އަސަރާ އެކު ބަލާލިއެވެ. ދެން އެކޮޓަރިން މިޝްކާއަށް ޖާގަ ނުލިބޭނެކަން އެނގުމުން އަދި ވަކިން ދެރަވާގޮތް ވިއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. އެކަރުނަތައް ދެކެ ހަމްދަރިދީވާނެ އިތުރު މީހަކު ނެތްކަން އެނގުމުންއަދި ވަކިން ދެރަވިއެވެ. ފާހާނައަށް ވަދެ މޫނު ދޮވެލިއެވެ. ނިދާލުމަށް ގޮސް އެނދުގައި އޮށޯތް ނަމަވެސް މިޝްކާގެ ވިސްނުމާއި ފިކުރުވަނީ ސައުންނާ އެކުގައެވެ.
ކައިވެނީގެ ފުރަތަމަރޭގެ މަތިން ހަނދާންވެ ސައުން މިޝްކާގެ ކުރިމަތީގައި ސިފަވަމުން ދިޔައެވެ. ލޯތްބާއި ކުލުނުން ފުރިގެން ވާ އެރޭ ތަކާއި އެ އުފާތަކުގެ މަތިން ހަދާންވެ ގިސްލެވެމުން ދިޔައެވެ. ވިސްނާ ވިސްނާ ސިކުނޑި ވަރުބަލި ވަމުން ދިޔަ ވަގުތު މިޝްކާގެ ސިކުނޑީގެ މައްޗަށް ސައިތާނާ ބާރު ފޯރުވަމުން ދިޔައެވެ. ނުހަނު ހީލަތްތެރި ކަމާ އެކުގައެވެ. ބަލިކަށިވެދާ އަޤީދާގެ މައްޗަށް ވެރިވެ ގަންނަ ބީދައިންނެވެ.
ބޭރުފުށުން މިޝްކާގެ ސޫރަ ރީތިކުރުމުގެ ވިސްނުން އިސްކުރުމަށެވެ. އަދި އެ ދެމެދުގައި މިހާރު އޮތް ގުޅުމަށް ވުރެ ބޮޑު ގުޅުމެއް އާލާވިޔަ ނުދިނުމަށް ކުޅިބައި ކުޅޭނެ ގޮތް ސިކުނޑީގައި ރާވާ ޕުލޭން ކޮށްދެމުންނެވެ.
އާލިޔާ ހޭލުމުގެ ކުރިން ސައުން ތެދުވިއެވެ. އާލިޔާގެ މައުސޫމު މޫނަށް ނަޒަރު ހުއްޓާލައިގެން އޮތެވެ. ތަގުދީރުގެ ރޭވުން ކިހާ ފުރިހަމަ ހެއްޔެވެ؟ ސައުން އެދުނު ކޮންމެ ކަމެއް އެދަނީ ފުދެމުންނެވެ. އިއްޔެ އެއީ ސައުންގެ ގާތް އެކުވެރިއެކެވެ. މިއަދު ސައުންގެ އަނބިމީހައެވެ. ފުރަތަމަ އާލިޔާ ސައުންގެ އޮފީހަށް އައި ދުވަހުން ސުރެ ސައުންގެ ހިތުގައި އާލިޔާގެ ސޫރަ ކުރެހި ބިންވަޅު ނެގެމުން ދިޔައެވެ. ލޯބިވާތީއެވެ. ހިތް އެދޭތީއެވެ. ގަޔާވާ ސިފަތަކެއް ހުރީމައެވެ. އެހެނަސް... އާލިޔާ ހާޞިލު ކުރުމަށް އޭރު އޮތް ހުރަހަކީ ކުރެވިފައިވާ ކައިވެންޏެވެ. އަދި ހަރުލައިފައިވާ ވަފާތެރި ކަމުގެ ސިފައެވެ.
މިޝްކާ ސައުންނަށް ބޭވަފާތެރި ވުން ވެގެން ދޔައި އާލިޔާ ޙާޞިލު ކުރުމަށް ސައުންނަށް ލިބުނު ރަނުގެ ފުރުޞަތެއްގެ ގޮތުގައެވެ. އެކަމަށް ތަޤުދީރުން ހުޅުވާލަދިން ދޮރެއްގެ ގޮތުގައެވެ. ގުދުރަތުގެ ޕުލޭނާއި ރޭވުން ތެރިކަން ކިހާ ފުރިހަމަ ހޭއްޔޭ ހިތާ ހިތާ ކިޔާލެވުނެވެ.
އުޑު ތިލަ މަތިން ނިދާ ފައި އޮތް އާލިޔާގެ މޫނުގައި ސައުން ބީހިލުމާއެކު އާލިޔާ ލޯހުޅުވާ ބަލާލިއެވެ. އަދި ކުއްލިއަކަށް ތެދުވެ ގަޑި ބަލާލިއެވެ. ސައުން ފެންވަރައިގެން އައިސް ހުރިތަން ފެނުމުން ކުޑަކޮށް ކަންބޮޑުވާ ގޮތް ވިއެވެ. ފުރަތަމަ ދުވަހުވެސް އާލިޔާ އަނތބެއްގެ ވާޖިބުން ފޭލުވީކަމުގެ އިހުސާސްވެރި ކުރުވަމުން ދިޔައެވެ.
''އޮފީހަށްދާ ގަޑި ޖެހިއްޖެ ދޯ؟'' އެހެން ބުނުމަށްފަހު އެނދުން ފައިބަން އުޅެނިކޮށް އަތުގައި ހިފާ ފޭބިޔަކަ ނުދިނެވެ.
'' މިއަދު އޮފީހަށް ދާނެ ކަމެއްނެތް . އާލިޔާއަށް މިހަފުތާ އެއްކޮން ޗުއްޓީ. ދެން އޮފީހަށް ނުދިޔައަސް އެންމެ ރަނގަޅު. މާދަމާ ބޭރަށްދާން ފުރަންވާ އިރަށް ބައެއް އެއްޗެހި ގަނެލަން ޖެހޭ އެހެން ވީމަ މެންދުރު ފަހު ހިނގާ ބާޒާރަށް ދާން.'' އެހެން ބުނި ތަނުން ކޮޓަރީގެ ދޮރުގައި ތަޅާ އަޑު އިވުނެވެ. ސައުންނަށް އެއީ ކުދިވެރިންކަން އެނގި ކުޑަކޮށް ހާސްވާ ގޮތްވިއެވެ. ސައުންގެ ކޮޓަރިން އާލިޔާ ފެނުމުން ކުދިން ސުވާލު އުފައްދާނެއެވެ. ހަދާނެ ގޮތަކާމެދު ފިކުރު ބޮޑުވަމުން ދިޔައެވެ. އާލިޔާގެ އަތުން ދޫކޮށް ލުމަށްފަހު ފެންވަރަން ދާށޭ ބުނުމަށް ފަހު ޓީޝާޓެއް ލައިގެން ގޮސް ކޮޓަރީގެ ދޮރު ހުޅުވިއެވެ.
"ޑެޑީ ކޮބާ އާލިޔާ ދައްތަ މަންމި ބުނީ ދައްތަވީ ޑެޑީގެ ކޮޓަރީގައޭ" ދެބެން އެކުގައި ސައުންގެ ގައިގައި އޮޅުލައިގަނެ ކޮޓަރި ތެރެއަށް ދެބެން ވަނެވެ. ސައުން ހުރީ ގޮތް ހުސްވެފައިވާ މީހެއް ފަދައިންނެވެ. ޒޯޔާއަށް ވުރެ ހަގު މީހާ އާލިޔާއަށް ބޭނުންވެއެވެ. މިހާރު ޒޯޔާއަށް ކޮންމެސް ވަރަކަށް ވިސްނެއެވެ. ޒޯޔާގެ ލޯ ކޮޓަރީގެ ތެރެއަށް ހިންގާލިއެވެ. އާލިޔާގެ ހެދުން ފެނުމުން ސުވާލުގެ ނަޒަރަކުން ކަޅިޖަހާއި ނުލާއި ބަލަހައްޓައިގެން ހުއްޓެވެ.
''ކީއްވެ ބައްޕަ ކޮޓަރީގައި އާލިޔާ ދައްތަ ނިދީ. މިހާރު މަންމަ ކީއްވެ ބައްޕަ ކޮޓަރިއަށް ނުވަންނަނީ" ސުވާލުތައް އަމުނަމުން ދިޔައެވެ. އެއިން އެއްވެސް ސުވާލަކަށް ސައުންނަކަށް ޖަވާބެއް ނުދެވުނެވެ.
ދެކުދިން ގޮވައިގެން އާލިޔާ ފާހާނައިން ނުކުތުމުގެ ކުރިން ދިއުމަށްޓަކައި ހިނގައި ގަތެވެ. ކޮޓަރިން ނުކުމެގެން އަންނަމުން ވެސް ޒޯޔާ ބަލަމުން ދިޔައީ އާލިޔާގެ އެއްޗެއްސާ ދިމައެވެ. ސައުން ތިރިއަށް އައި އިރު މިޝްކާ ސައި ހަދައިގެން ހުއްޓެވެ. ސައުން ފެނުމުން
'' ޒޯޔާ އާދޭ! ބައްޕަ ގޮވައިގެން ސައިބޯން '' ސައުން މިޝްކާއާ ދިމަ ސުވާލުގެ ނަޒަރަކުން ބާލާލިއެވެ.
މިޝްކާގެ މޫނުމަތިން ކުރިން ފެންނަ ފަދަ ޒީލަ ގޮތެއް ފެންނާކަށް ނެތެވެ. ދެބެން އެކުގައި ދެއަތުގައި ދަމަމުން ކަހަލަ ގޮތަކަށް ސައުން ގެނެސް މޭޒު ދޮށުގައި ބޭންދިއެވެ. ސައުންނާއި ފުރަގަސް ދީގެން ހުރެގެން މިޝްކާ ވާހަކަދެއްކިއެއެވެ.
'' ކޮބާ އާލިޔާ؟ ކީއްވެ އޭނަ ގޮވައިގެން ނައީ؟ ވަކިން ކައްކައިގެން ކާނެ ކަމެއްނެތް . މިހެން ބުންޏަސް އާލިޔާ އެގޮތް ބޭނުން ނުވަންޏާ ވަކިން ކެއްކިއަސް ހެޔޮ." މިޝްކާގެ ވާހަކަތައް ހުރި ގޮތުން އަދި ވަކިން ބޮޑަށް ސައުން ހައިރާންވެ، ސުވާލު އުފެދެމުން ދިޔައެވެ. މިޝްކާ ހަމަ އިސްލާހުވީ ބާއެވެ. ނޫނީ މަކަރުވެރި ކަމާއެކު ސައުން އޭނާގެ އަވައިގައި ޖެއްސަނީ ބާއޭ ހީތާ ހިތާ ސުވާލު ކުރެވެމުން ދިޔައެވެ.
ކުދިންގެ ބާރު އެޅުމާއެކު ކުދިންނަށް ކާންދެމުން ސައުން މޭޒުމަތިން ކުޑަގޮތެއް ހަދާލިއެވެ. ދެބެން ދިއުމުން ސައުން މިޝްކާއާއި ވާހަކަ ދައްކަން ފެށިއެވެ.
''މިޝްކާ ބުނީތަ އާލިޔާ އައިވާހަކަ އިނދެގެންނޭ ވެސް ބުނީތަ؟"
"ނޫން އެހެންނެއް ނުބުނަން އެކަމަކު އާލިޔާ އައިވާހަކަ ބުނިން . އަހަރެން ނުބުންޔަސް އެކުދިންނަށް ވެސް އެނގެނޭ ގޭތެރެއިން ފެންނަން ފެށީމަ."
ސައުން ވިސްނާލިއެވެ. ކުދިންނަށް އެއްވެސް ކަމެއް ފޮރުވުމުގެ މާނައެއް ނެތެވެ. ޒޯޔާއަށް ހުރިހާ ވާހަކައެއް ކިޔައިދޭން ނިންމިއެވެ. އާލިޔާގެ މަގާމަކީ ކޮބައިކަން ބުނެދޭށެވެ. ޝައްކާއި ވަހުމުން ކުދިން ދުރުކޮށް ހަޤީގަތް ހާމަ ކުރުމަށެވެ. ސައުން އެނބުރި ގޮސް ކޮޓަރިއަށް ވަންއިރު އާލިޔާ ފެންވަރާ ނިމިގެން އިނެވެ. ތިރިއަށް ސައިބޯން ދާންވީ ނޫހޭ ބުންޏެވެ. މިޝްކާ ސައިހަދާފަ ހުރި ވާހަކަ ބުނުމުން އާލިޔާ ސައުންނާއި ދިމަ ބަލާލިއެވެ.
''ކުދިވެރިން އައިސް އުނދަގޫ ކުރާތީ މިއައީ އެމީހުން އެކުގައި ސައިބޮއިގެން. އާލިޔާ ބޭނުންނަމަ އަމިއްލައަށް އެއްޗެއް ހަދައިގެން ވެސް ސައި ބޮވިދާނެ . ނޫނި ހިނގާ ބޭރަށް ސައިބޯން ތަނަކަށް ދާން. ކިހިނެއް ހަދާނީ. ބޭރަށް ގޮސްފައި އައިސް އަހަރެން މިގަސްތު ކުރަނީ އަހަރެމެން ދެމީހުން ތިންވަނަ ފަންގެފިލާ އަށް ބަދަލުވާން. މިބައިގައި މިޝްކާއާއި ކުދިން އުޅެފާނެ ނޫން. އާލިޔާ ބޭނުން ގޮތެއް."
"ސައުންނަށް ފެންނަ ގޮތެއް. ނުކެރޭނެ މިޝްކާގެ ކުރިމައްޗަށް ދާކަށް. ބޭރުން މިއަދު ސައި ބޯނި ވަކިން ކެއްކޭނެ ގޮތް ހަދައި ދިނިއްޔާ ވަރަށް ރަނގަޅު،" އެހެން ބުނަމުން ސައުންގެ އަތުގައި ހިފިއެވެ. ސައުން އާލިޔާ ލަދުގަންނަވާ ލުމުގެ ގޮތުން މިއަދު އަދި ވަކިން ރީއްޗޭ ކިޔާ ކޮލުގައި ހިފާލިއެވެ.
"މިހާރު ދެން ހިތް ފުރިއްޖެތަ. ނުފުރި ހުރެގެން ނުވާނެ އެއްކޮޅުން ނުވަންޏާއި އަނެއްކޮޅުންވެސް މިހާރު ވާނެ. އެހެން ބުނީ ހިނިއައިސްފަ ހުރެގެން ނެވެ،" ސައުންގެ ކައިރިއަށް ވެސް ހިނިއައެވެ.
''ދެގެން ކައިކައި މީހާގެ ދުވަސް ކަންނޭނގެ ދާނީ ދޯ އާލިޔާ؟"
"ތިޔައެއް ނޭނގެ..."
"ކީއްވެ ނޭނގެންވީ މިހާރު ނެނގެއޭ ބުނެގެން ނުވާނެ" އެހެން ބުނުމާއެކު ސައުންގެ އަތުން އާލިޔާ ދޫކޮށް ލުމަށްފަހު އަތް ދަބަސް ނެގިއެވެ. ސައުންގެ ވޮލެޓް އާލިޔާ ދިއްކޮށްލިއެވެ. ސައިކަލުގެ ތަޅުދަނޑި ނަގައިގެން ހިނގައި ގަންނަމުން ބޮލުގެ އިސްތަށިގަނޑު އަތުން ރަނގަޅު ކުރަމުން ކުރަމުން ބޭރަށް ދާން ނުކުތެވެ. (ނުނިމޭ)