ސްރީލަންކާ

މެންބަރަކު އަވަހާރަވެއްޖެ، ގެތަކުގައި ހުޅުޖަހާ ލަންކާ ބޮޑު ބިރުވެރި ކަމަކަށް

ލަންކާއަށް އިގުތިސޯދީ ގޮތުން ދިމާވެފައި އޮތް ދަތި ހާލަތުން އަރައިގަތުމަށް ދެމެހެއްޓެނިވި ގޮތެއް ނުފެނިގެން އުޅެނިކޮށް ކުރިމަތިވި ސިޔާސީ ހަމަނުޖެހުންތައް ކޮންޓްރޯލުން ނައްޓާ އެ ގައުމު ބޮޑު ބިރުވެރި ކަމެއްގެ ތެރެއަށް ވެއްޓިއްޖެ އެވެ.

ރުޅިގަދަވެފައިވާ ލަންކާގެ ރައްޔިތުން ގެންދަނީ ސަރުކާރަށް ނިސްބަތްވާ މަޖިލީސް މެންބަރުންގެ ގެކޮޅުތަކުގައި ހުޅު ޖަހަމުންނެވެ. އަލިފާން ނިއްވޭނެ ގޮތެއް ނެތި ގެތައް ދަނީ އަނދަމުންނެވެ. ބައެއް މެންބަރުންގެ ގެކޮޅުތަކުގެ އިތުރުން މެންބަރުންގެ އޮފީސްކޮޅުތަކުގައިވެސް ދަނީ ހުޅުޖަހަމުންނެވެ.

ހަމަނުޖެހުންތަކުގައި ވެރިކަންކުރާ ޕާޓީގެ މަޖިލިސް މެންބަރެއް ކަމަށްވާ އަމަރަކީރިތި އަތުކޮރަލާ ވަނީ އަވަހާރަވެފައެވެ.ރިޕޯޓްތައް ބުނާ ގޮތުގައި ވަރުގަދަ ހަމަނުޖެހުންތަކުގައި ލިބިވަޑައިގެން ޒަހަމުތަކާއެކު އަވާހަރަވީ އެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އަމަރަކީރިތި އަތުކޮރަލާ އަވަހާރަވީ އަމިއްލައަށެވެ.

ފަސް މެންބަރަކު ދިރިއުޅުއްވާ ގެކޮޅުގައި ވަނީ ރޯކޮށްލާފައެވެ. ބައެއް ގޭގޭ މިހާރު ވަނީ މުޅީން އަނދާ ހުލިވެފައެވެ. ހޮޓަލެއްގައިވެސް ވަނީ ހުޅުޖަހާފައެވެ. ލަންކާގައި މުއްދަތެއް ނެތް ގޮތަށް ކާފިއު އިއުލާނުކޮށްފައިވީނަމަވެސް ކާފިއުގެ ބާރު އެ ގައުމުގައި ނުހިނގައެވެ. ސަލާމަތީ ބާރުތަކަށް ހަމަނުޖެހުންތައް ކޮންޓްރޯލް ކުރެވިފައެވެ.

އާންމުން ފަހުން ވަނީ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވި މަހިންދަ ރާޖަޕަކްސަގެ އާއިލީ ގެކޮޅުގައިވެސް ހުޅުޖަހާ އަންދާލާފައެވެ.

ހަމަނުޖެހުންތަކުގައި ގިނަ ބަޔަކަށް ދަނީ އަނިޔާވަމުންނެވެ. ލަންކާގެ މީޑިއާތަކުން ދަނީ އެފަދަ ވަރަށް ގިނަ މަންޒަރުތައް ސޯޝަލް މީޑިއާގައިޮ ހިއްސާ ކުރަމުންނެވެ. އިދިކޮޅު ސަޕޯޓަރުންނާއި ސަރުކާރަށް ސަޕޯޓްކުރާ މީހުންނާ ދެމެދުވެސް ވަރުގަދަ ކުރިމަތިލުންތައް ހިނގާ ގިނަ ބަޔަކަށް އަނިޔާވިއެވެ. ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ސަލާމަތީ ބާރުތަކުން އަޅަމުންދާ ފިޔަވަޅުތަކާއެކުވެސް އާންމުންނަށް އަނިޔާވެފައިވެއެވެ.

އަނެއްކޮޅުން ގުރޫޕަކުން ބަޑިތަކެއް ހިފައިގެން ނިކުމެ ވަރުގަދަ ލޭ އޮހޮރުވުމެއް ހިންގާފައިވާ ކަމަށްވެސް ބުނެއެވެ.

ބޮޑު ހަމަނުޖެހުންގަނޑެއްގެ ތެރެއަށް ލަންކާ ވެއްޓިފައިވާއިރު ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މިއަދު މެންދުރު ފަހު ވަނީ އިސްތިއުފާ ދެއްވާފައެވެ.