އެޗްޑީސީ

ހިޔާގެ ދެ ޓަވަރުގަައި ސީސީޓީވީ ކެމެރާ ހަރުކޮށްފި

ހިޔާ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމުގެ މަގްސަދުގައި ކުރިޔަށް ގެންދާ ސީސީޓީވީ ކެމެރާ ޕްރޮޖެކްޓްގެ ދަށުން ދެ ޓަވަރެއްގައި ކެމެރާ ހަރުކޮށް އޮޕަރޭޓް ކުރަން ފަށައިފި އެވެ.

އެޗްޑީސީން މިރޭ ބުނީ ސީސީޓީވީ ކެމެރާ ޕްރޮޖެކްޓްގެ ތެރެއިން ހިޔާ ޓަވަރު 13 އަދި 14 ގައި ކެމެރާ ހަރުކުރެވި އޮޕަރޭޓް ކުރަން ފަށާފައިވާ ކަމަށެވެ.

އެޗްޑީސީގެ ޕްރޮޖެކްޓް މެނޭޖަރު އަލީ ވަހީދު ވިދާޅުވީ އެ ދެ ޓަވަރުގެ ހުރިހާ ކޮމަން އޭރިއާތަކެއް ކެމެރާތަކުން ބެލޭނެ ކަމަށެވެ. އެގޮތުން ލިފްޓްތަކާއި ޓެރަސް އަދި ބޭސްޓްމަންޓާއި ކޮރިޑޯ ސަރަހައްދު ކަވާ ކުރާނެ އެވެ. މި ޕްރޮޖެކްޓްގެ ދަށުން ހުރިހާ ޓަވަރެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"މީގެ ސަބަބުން އަޅުގަނޑުމެން އުންމީދު ކުރަނީ ޓަވަރުތަކުގައި މިހާރު ދިމާވާ މައްސަލަތަކަށް ހައްލެއް އަންނާނެ ކަމަށް. މި ގޮތުން ކުނީގެ މައްސަލައާ އެހެނިހެން ކްރިމިނަލް އެކްޓިވިޓީސްތައްވެސް މަދުވާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން،" އަލީ ވަހީދު ވިދާޅުވިއެވެ.

ހިޔާ ޓަވަރުތަކުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު ކުށްކުރުން އިތުރުވެ އެކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ޑްރަގް ބޭނުން ކުރާ މީހުންގެ މައްސަލަ ބޮޑެވެ.