މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ކުށުގެ ޝިކާރައަކަށްވާ މީހުންނާއެކު މަސައްކަތްކުރަން އެއްބަސްވުމެއް

May 9, 2022

ޖިނާއީ މައްސަލަތަކުގައި ކުށުގެ ޝިކާރައަކަށްވާ މީހުންނާއެކު މަސައްކަތްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީއާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ދެމެދު ސޮއި ކުރެވުނު އެއްބަސްވުމުގައި ޕީޖީ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޕީޖީ ހުސައިން ޝަމީމް އެވެ. ޖެންޑާ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އެވެ.

މި އެއްބަސްވުމަކީ ކުށުގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން ޕީޖީ އޮފީހުގެ ސަމާލުކަމަށް އަންނަ މީހުންނަށް ބޭނުންވާނެ ކަމަށް ބެލެވޭ ހިދުމަތްތަކާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމަށްޓަކައި ޕީޖީގެ އޮފީހަށް ލިބޭ މައުލޫމާތު، ޖެންޑާ މިނިސްޓްރީއަށް ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ އެންމެ ބޮޑު ބޭނުމަކީ ޕީޖީ އޮފީހަށް ލިބޭ މައުލޫމާތު ޖެންޑާ މިނިސްޓްރީއަށް ފޯރުކޮށްދިނުމާއި އެ މައުލޫމާތު ބަލައިގަނެ، އެ މައުލޫމާތުގެ މައްޗަށް އަމަލުކުރުމާ ގުޅޭގޮތުން ޕީޖީ އޮފީހާއި ޖެންޑާ މިނިސްޓްރީ ގުޅިގެން މަސައްކަތް ކުރެވޭނެ ނިޒާމެއް ގާއިމުކުރުމެވެ.