ފިލިޕީންސްގެ ރިޔާސީ އިންތިހާބު ފާޑިނަންޑް މާކޯސް ޖޫނިއާ ވަރަށް ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފި އެވެ. މެނީލާ ޓައިމްސް ބުނާ ގޮތުން މާކޯސް ޖޫނިއާއަށް 29.6 މިލިއަން ވޯޓް ވަނީ ލިބިވަޑައިގެންފަ އެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި ލެނީ ރޮބްރެޑޯއަށް ލިބިވަޑައިގަތީ 14.1 މިލިއަން ވޯޓެވެ.
ފިލިޕީންސްގައި ދެ ދުވަހަށް ދިގު ދެމިގެން ދިޔަ ރިޔާސި އިންތިހާބު ނިމި ވަގުތީ ނަތީޖާ ވެސް ވަނީ މުޅިން ސާފުވެފަ އެވެ. އިންތިހާބާ ގުޅިގެން އަމަން ބަލަހައްޓަން މަގުތަކަށް ނުކުތް އޮފިޝަލުން ވިދާޅުވާ ގޮތުން ހީކުރެވިފައި އޮތް ވަރަށް ވުރެ ގައުމީ ރޫހު ބޮޑެވެ.
މާކޯސް ޖޫނިއާ އަކީ ސިޔާސީ ނުފޫޒުގަދަ އާއިލާއަށް ނިސްބަތްވެ ވަޑައިގަންވާ ބޭފުޅެކެވެ. އޭނާގެ ބައްޕަ ފާޑިނަންޑް މާކޯސް ސީނިއާ ފިލިޕީންސްގައި 30 އަހަރު ވެރިކަން ކުރެއްވި އެވެ.
ލިބިވަޑައިގެންނެވި ކާމިޔާބަށް ޝުކުރު އަދާކުރެއްވުމުގެ ގޮތުން ދެއްކެވި ވާހަކަތަކުގައި މާކޯސް ޖޫނިއާ ވިދާޅުވީ ރައްޔިތުން އިތުބާރުކޮށްފި ކަމަށާއި އެކަން ހަނދާން ނައްތާ ނުލައްވާނެ ކަމަށެވެ. އަދި ނަތީޖާ އަކީ އެކަނި އެކަކަށް ލިބިނު ނަތީޖާއެއް ނޫން ކަމަށް ވިދާޅުވި އެވެ. އެކަމަކު ވެސް އަދަދު ގިނަކަމާ މެދު ހައިރާންވެ ވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
ފިލިޕީންސްގައި މިފަހަރު ވޯޓްލާން ރިކޯޑް އަދަދަކަށް ރެޖިސްޓްރީކުރި ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެ އެވެ. އޮފިޝަލް ރެކޯޑްތައް ދައްކާ ގޮތުން 67 މިލިއަން މީހުން ވަނީ ރެޖިސްޓަރީ ވެފަ އެވެ.
ވޯޓު ގުނާ ނިމި ދާއިމީ ނަތީޖާ އިއުލާންކުރާ ހިސާބުން މިހާރު ވެރިކަމުގައި ހުންނެވި ރޮޑްރިގޯ ޑުޓާޓޭގެ ހައަހަރުގެ ވެރިކަން ނިމުމަކަށް އަންނާނެ އެވެ. އެކަމަކު އޭނާގެ އާއިލާއާށް ވެރިކަން ގެއްލިގެން ނުދާނެ އެވެ. އެއީ މާކޯސް ޖޫނިއާގެ ރަނިންމޭޓް ނުވަތަ ފިލިޕީންސްގެ ނައިބު ރައީސްކަށް ޑުޓާޓޭގެ ދަރިކަނބަލުން ސާރާ ޑުޓާޓޭ ހޮވިވަޑައިގެންފައި ވާތީ އެވެ.