ރޮޑްރިގޯ ޑުޓާޓޭ

"އާބިޓްރޭޝަނުން ލިބުނު ކާމިޔާބަކީ ބޭކާރު ކަރުދާސްކޮޅެއް"

ބައިނަލްއަގްވާމީ އާބިޓްރޭޝަން ކޯޓް، ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއިން 2016 ގައި ފިލިޕީންސްއަށް ލިބުނު ކާމިޔާބަކީ ބޭކާރު ކަރުދާސްކޮޅެއް ކަމަށް އެ ގައުމުގެ ރައީސް ރޮޑްރީގޯ ޑުޓާޓޭ ވިދާޅުވެއްޖެ އެވެ.

ދެކުނު ޗައިނާ ކަނޑަކީ ހަމައެކަނީ ޗައިނާއަށް ލިބިގެންވާ ސަރަހައްދެއް ނޫން ކަމަށް ކަނޑައަޅައި ބައިނަލް އަގްވަމީ އާބިޓްރޭޝަން ކޯޓުން ފިލިޕީންސް ކޮޅަށް ހުކުމް ކުރިއެއް ކަމަކު ޗައިނާއާހެދި ފޯރާ އުނދަގުލުން އަދިވެސް މިންޖުވެވިފައި ނުވާ ކަމަށް ފިލިޕީންސްއިން ބުނެ އެވެ.

އދ. ގެ ރުހުމާއެކު ހިންގާ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަން ހުންނަނީ ނެދާލޭންޑްސްގެ ދަ ހޭގްގަ އެވެ. ފިލިޕީންސްއިން ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލާގައި ހުކުމް ކޮށްފައިވަނީ ދެކުނު ޗައިނާ ކަނޑުގައި ހަރަކާތްތެރިވާ ޗައިނާގެ އަސްކަރީ އުޅަނދުފަހަރު ޗައިނާގެ މަސްލަހަތު އޮންނަ ސަރަހައްދަށް ފަހަތަށް ޖެއްސުމަށެވެ. އެހެން ނަމަވެސް، އަދިއަދާ ޖެހެންދެން ވެސް ޗައިނާއިން އެ އަމުރު ބަލައިގެންފައި ނުވެ އެވެ.

ދެކުނު ޗައިނާ ކަނޑުގައި ފިލިޕީންސް ފަޅިން ޗައިނާ ވައްކަންކުރާ ކަމަށް ފިލިޕީންސްއިން ތުހުމަތު ކުރެ އެވެ. ޗައިނާއިން އެސަރަހައްދަށް ވަގަށް ވަދެ މަސްވެރިކަން ކުރުމާއި ކަނޑު ތޮރުފައިގެން ތެލާއި މައުދަން ފަދަ ހަރުމުދަލުން އަބަދުވެސް ވައްކަންކުރެ އެވެ.

ޑުޓާޓޭ ވިދާޅުވީ އާބިޓްރޭޝަން ކޯޓުން ދިން ކަރުދާސްކޮޅަކީ ބިޑި އަނބުރަން ރަނގަޅު އެއްޗެއް ކަމަށާއި ދުންފަތާ ދުރުހެލި ޒަމާނެއްގައި ދެން އެއަށް އެންމެ ރަނގަޅު ތަނަކީ ކުނިގޮނޑު ކަމަށެވެ.

"ފިސާރި ތެދަށް މިދަންނަވަނީ، އެ ކަރުދާސްކޮޅު ކޮށާލާފައި ކުނިވައްޓަށް އަޅާލާނަން!" ޑުޓާޓޭ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އާބިޓްރޭޝަން ކަރުދާސްކޮޅުގައި ބުނާ އެއްޗެއް ޗައިނާއަށް އޮޅުންފިލުވައި ދިނުން ވެސް އެއީ ހަނގުރާމައެއް ކުރުން ކަމަށެވެ.

ދެކުނު ޗައިނާ ކަނޑާ ބެހޭ ގޮތުން ދެ ގައުމުގެ ދެމެދުގައި މިއީ އަނެއްކާ ވެސް ބަހުގެ ހަމަލާތައް އިތުރު ދުވަސްކޮޅެކެވެ. މިފަހުން މައްސަލަ ގޯސް ވެެގެން އުޅެނީ ޗައިނާ ކޯސްޓް ގާޑު އުޅަނދުފަހަރު ފިލިޕީންސްގެ މަސްލަހަތު އޮންނަ ސަރަހައްދަށް ވަދެ ހަރަކާތްތެރިވަމުން އަންނަ ގޮތަކުންނެވެ. ފިލިޕީންސްއިން ބުނާ ގޮތުން ޗައިނާ ކޯސްޓް ގާޑުން ފިލިޕީންސްގެ އުޅަނދުފަހަރަށް ހުރަސްއަޅައި ދަތުރުކުރުން ވެސް މަނާ ކުރެ އެވެ.