މާލެއިން ކުނި ނަގައި އުފުލުމުގެ މަސައްކަތް ކުރަން ކަލެކްޝަން ސާވިސް އެއް އުފައްދުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕްރޭޝަން (ވެމްކޯ) އިން ނިންމައިފި އެވެ.
މާލެ ސަރަހައްދުގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތް ވެމްކޯއާ ހަވަލާ ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދު ވިދާޅުވީ މާލޭ އެކި ސަރަހައްދުން ކުނި އުފުލާ ކުނި ދައުރު ކުރުމުގެ މަސައްކަތް މިހާރު ކުރަނީ އެކަން ކުރަން އެންމެ އެކަށީގެންވާ ގޮތަކަށް ނޫން ކަމަށާއި އެމަސައްކަތަކީ އެއަށް ތުރެއް ރަނގަޅު ފެންވަރުގައި ކުރެވޭނެ ކަމަށެވެ.
"މިހާރު އެކަން ކުރާ ގޮތުން މަގުމައްޗައް ގިނަ ކުނި ފައިބާ މީހުނަށް އޭގެ ދަތިތަކާއި ދިމާވެފައިވަނީ. އެކަމަކީ ހައްލު ކުރަން ޖެހިފައި އޮތް ކަމެއް. އެހެންކަމުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން އިން މިހާރު ކުރަމުން މަސައްކަތަކީ އަންނަ އަހަރު ތެރޭގައި މާލޭގައި ކުނި އުކާލުމުގެ ކަލެއްކްޝަން ސާވިސްއެއް އުފައްދާ އެކަން ފުރިހަމަޔަށް ރަނގަޅުފެންވަރެއްގައި ކުރުމަށް،" ފުއާދު ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ ވެމްކޯ އިން މަސައްކަތް ކުރަނީ މާލޭގެ ކުނި އުފުލުމުގެ މަސައްކަތް ކުރުމަށް ކަލްކްޝަން ސާވިސްއެއް އުފެއްދުމުގެ މަސައްކަތް އަންނަ އަހަރު ފުރަތަމަ ތިން މަސް ތެރޭގައި ކުރުމަށް ކަމަށެވެ.
މާލޭގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތް މީގެ ކުރިން ހަވާލުކުރީ އިންޑިޔާގެ ޓަޓްވާ ގްލޯބަލް ރިނިއުބަލް އެނާޖީ ކުންފުންޏާ އެވެ. އަދި ވެމްކޯ އުވާލަން ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ނިންމަވާފައިވީ ނަމަވެސް ރައީސް އަބްދުﷲ ޔާމިން ވަނީ އެ ނިންމުން ބަދަލު ކުރައްވައި އެމަސައްކަތް ވެޕްކޯއާ ހަވާލުކޮށްފަ އެވެ.