އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ބިން ހުސްކުރުމުގެ ގޮތުން ބާޖަމާލުއްދީން އިމާރާތް ތަޅާލަން ބަޔަކާ ހަވާލުކޮށްފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކުރީ ވެލްޓްރޭޑިން ޕްރައިވެޓް ލިމިޓެޑަށެވެ.
ވެލްޓްރޭޑިން އަށް މަސައްކަތް ހަވާލުކުރިއިރު އެ މަސައްކަތް ކޮށްދިނުމަށް 22 ކުންފުންޏަކުން ކުރިމަތިލި އެވެ.
މަސައްކަތް ހަވާލުކުރީ 75 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރަން ޝަރުތުކޮށް، 2.9 މިލިއަން ރުފިޔާއަށް މަސައްކަތުގެ އަގު ހަމަޖެއްސުމަށްފަހު އެވެ.
ޗާންދަނީ މަގުގައި މިހާރު ބޭނުން ނުކޮށް ހުރި އަރަބިއްޔާ ސްކޫލުގެ އިމާރާތް ހުޅުވާ އެތަނުގައި ކިޔަވައިދޭން ފެށީ ސެޕްޓެމްބަރު 19، 2013ގައެވެ. އެކަމަކު އެ އިމާރާތް ބޭނުންކުރަން ފެށިތާ މިވީ އަށް އަހަރު ދުވަހުގެ ތެރޭގައި އިމާރާތުގެ ބައެއް ތަނބުތަކުގައި ވަނީ ރެނދު ލާފަ އެވެ. އަދި އެ އިމާރާތް ބޭނުންކުރުން ރައްކާތެރިކަމަށް އޮޑިޓުން ދައްކާފައިވާތީ އެ ސްކޫލުގެ ދަރިވަރުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ކިޔަވަމުންދަނީ ފޮރިން މިނިސްޓްރީ ކުރިން ހިންގަމުން ދިޔަ ވަގުތީ އިމާރާތުގަ އެވެ.
އަރަބިއްޔާ ސުކޫލު ހިންގާ އިމާރާތުގެ މައްސަލަ އާންމުންގެ ސަމާލުކަމަށް އައީ އެ އިމާރާތުގެ ތަނބުތަކަށް ލިބިފައިވާ ގެއްލުންތައް އެނގޭ ގޮތަށް ނަގާފައިވާ ފޮޓޯތަކެއް އިލްމުވެރިންތަކެއް ސޯޝަލް މީޑިއާގައި އާންމުކުރުމުންނެވެ.
އަރަބިއްޔާ ސްކޫލު އެޅުމަށް 29 މިލިއަން ރުފިޔާ އަށް މަޝްރޫއު ނެގުމަށްފަހު އެ ސްކޫލުގެ ފައުންޑޭޝަން އަޅައި ނިމުމުން ކޮންޓްރެކްޓަރު -- މާލާ ހައި ރައިޒިން ކުންފުނިން ވަނީ މަޝްރޫއު ދޫކޮށްލާފަ އެވެ. އޭގެފަހުން އެ މަޝްރޫއާ ހަވާލުވެ ހަތް ބުރީގެ އިމާރާތުގެ މަސައްކަތް ކުރީ އެލްއެފް ކޮންސްޓްރަކްޝަން ކުންފުނިންނެވެ.
ބާ ޖަމާލުއްދީން ސްކޫލު ހުރި ތަނުގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް މިއަހަރު ފެށުމަށްފަހު އަންނަ އަހަރު އެ ސްކޫލުގެ މަސައްކަތް ނިންމާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.