ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިތުރު ތިން ބިލެއް ތަސްދީގު ކުރައްވައިފި

May 10, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު އިތުރު ތިން ބިލެއް ތަސްދީގު ކުރައްވައިފި އެވެ.

އެގޮތުން ރައީސް ސޯލިހް މިއަދު ތަސްދީގު ކުރައްވާފައިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލާއި، ފެނާއި ނަރުދަމާގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލްގެ އިތުރުން ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލެވެ.

މިތިން ބިލް ވެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

ފެނާއި ނަރުދަމާގެ ގާނޫނަށް ގެނައި އިސްލާހު

މިގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ބައެއް މާއްދާތަކުގެ އަކުރުތައް އިސްލާހުކުރުމާއި ބައެއް މާއްދާތަކަށް އަކުރުތައް އިތުރުކުރުން ހިމެނެ އެވެ. އެގޮތުން މި ގާނޫނުގެ 11 ވަނަ މާއްދާގެ ފަހަތަށް ދެ އަކުރެއް އިތުރުކޮށްފައިވެ އެވެ. އޭގައިވާ ގޮތުން ފެނާއި ނަރުދަމާގެ ނިޒާމުތައް ފަރުމާކުރުމާއި، ގާއިމުކުރުމާއި، އެ ނިޒާމުތަކުން ހިިދުމަތްދިނުމާ ބެހޭ މިންގަނޑުތައް ކަމާގުޅޭ މުއައްސަސާތަކުގެ މަޝްވަރާގެ މަތިން އެކުލަވާލުމާއި، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ބޭނުންކުރެވޭ ސާމާނު ޓެސްޓުކޮށް ސެޓިފައިކުރާނެ މިންގަނޑުތައް ކަނޑައެޅުން ހިމެނެ އެވެ.

މ ގާނޫނުގެ 54 ވަނަ މާއްދާއަށް އިތުރުކުރި އަކުރުގައިވާ ގޮތުން ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން މި ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް އަމަލެއް ކޮށްފިނަމަ، އެ އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި އެކަން ކުރި ފަރާތެއް 5،000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު ކަމާ ގުޅޭ އޮތޯރިޓީއަށް ދީފައިވެ އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް ގެނައި އިސްލާހު

މި އިސްލާހުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނުގެ ތިންވަނަ މާއްދާއަށް އިސްލާހު ގެނެސްފައިވެ އެވެ. އެގޮތުން މި ގާނޫނުގެ ބޭނުމަށް ވިޔަފާރިތައް ބެހިގެންވާ ތިން ގިންތީގެ ތެރެއިން ގިންތިއެއްގައި ވިޔަފާރިއެއް ހިމެނުމަށް ބަލާނެ މިންގަޑުތަކަށް ބަދަލުގެނެސްފައިވެ އެވެ.

މީގެ އިތުރުން އިސްލާހަށް އަމަލުކުރަން ފެށުމާއެކު އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަށް އޮތް ޖުލައި މަހުގެ 30 ވަނަ ދުވަހުގެ ކުރިން، ރަޖިސްޓްރާ އަލުން ގިންތިކޮށް ދަފްތަރުކޮށް އާންމުކުރަން ލާޒިމުކޮށްފައިވެ އެވެ.

ފޮރިން ސާވިސްގެ ގާނޫނަށް ގެނައި އިސްލާހު

މި ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ފޮރިން ސާވިސްގެ މަގާމުތަކުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ފޮރިން މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ފިނޭންސްގެ ލަފާގެ މަތިން ނެޝަނަލް ޕޭ ކޮމިޝަނުން ކަމަށް ގާނޫނުގައި ބުނާ 44 ވަނަ މާއްދާގެ (ށ) ވަނީ އުނިކޮށްފަ އެވެ. އަދި މި ގާނޫނުގެ 47 ވަނަ މާއްދާގެ (ނ) އާއި، 56 ވަނަ މާއްދާގެ (ނ) އަށް ބަދަލު ގެނެސް، މި ގާނޫނުގެ 71 ވަނަ މާއްދާގެ (ފ)ގެ ފަހަތަށް ތިން އަކުރު ވަނީ އިތުރުކޮށްފަ އެވެ.

މި ބަދަލުތަކުގެ ތެރޭގައި ފޮރިން ސާވިސްގެ މުވައްޒަފުންގެ ތެރެއިން 47 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެ މަތިން ހިދުމަތުން މުސްކުޅިކުރެވޭ މުވައްޒަފުންނަށް އިނާޔަތް ދޭން ވާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ނެޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައި ބުނެފައިވެ އެވެ. އަދި ގާނޫނުގެ 56 ވަނަ މާއްދާގެ (ހ)ގެ ދަށުން އެކުލަވާލާ މުވައްޒަފުންގެ އޮނިގަނޑުގައި ހިމެނޭ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ނެޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސުން ކަމުގައިވެސް ބުނެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވަނީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ކުރިން ދީފައިވާ ބާރުތައް އަލުން އިއާދަކޮށްދިނުމާ ގުޅޭ ބިލެއް ވެސް ތަސްދީގު ކުރައްވާފަ އެވެ.