ހަބަރު

ތިން މިނިސްޓްރީއަކަށް ސްޓޭޓް މިނިސްޓަރުން އައްޔަންކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ތިން މިނިސްޓްރީއެއްގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވައިފި އެވެ.

އެގޮތުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ގ. އުތުރުގެ އަހުމަދު ހަލީލް އައްޔަން ކުރައްވާފައިވާއިރު، އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވާފައިވަނީ މ. ލަކްސްލިން ނީޒާ އިމާދެވެ. އަދި އާޓްސް، ކަލްޗަ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ރައީސް އައްޔަން ކުރައްވާފައިވަނީ ދަފްތަރު ނަންބަރު ރސ. 1800 މުހައްމަދު ތޯރިގެވެ.

ރައީސް އެ ތިން ބޭފުޅުން އައްޔަނުކުރައްވާފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާ އިން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ. އެ ތިން ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އޭގެ އިތުރުން ފޮރިން މިނިސްޓްރީ ސެކެޓަރީގެ މަގާމަށް އަބުދުލްގަފޫރު މޫސާވެސް ވަނީ އައްޔަން ކުރައްވާފަ އެވެ.

ރައީސް ސޯލިހުގެ ހާއްސަ މަންދޫބުގެ މަގާމު، ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރަށް ދެއްވައިފި އެވެ. އޭގެއިތުރުން އިންފްރާސްޓްރަކްޗަ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަކްރަމް ކަމާލުއްދީން މިއަދު ރައީސް ސޯލިހު ވަނީ ހަމަޖައްސާފަ އެވެ. އަދި މިނިސްޓަރު އޮފް ސްޓޭޓް ފޯ ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަގެ މަގާމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްވެސް ވަނީ އައްޔަން ކުރައްވާފަ އެވެ.