މަގާމުން އިއްޔެ އިސްތިއުފާ ދެއްވި ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ގައުމު ދޫކޮށް ފިއްލަވައިގެން ވަޑައިނުގަންނަވާނެ ކަމަށް ދަރިކަލުން ނަމާލް ރާޖަޕަކްސަ ވިދާޅުވެއްޖެ އެވެ.
މަހިންދަ ރާޖަޕަކްސަ، ބޮޑުވަޒީރުގެ ރަސްމީގެކޮޅު -- ޓެންޕަލް ޓްރީސް -- އިން މިއަދު ވަނީ ނިކުމެވަޑައިގެންފައެވެ. ރައްކާތެރި ތަނަކަށް އެ ބޭފުޅުން ވަޑައިގެންނެވީ ހެލްކޮޕްޓަރެއްގައެވެ. މަހިންދަ އަރިހުގައި އަނބިކަނބަލުންނާއި ތިން ބޭފުޅުންވެސް ވަޑައިގެންނެވި އެވެ. އެއާއެކު މަހިންދަގެ އާއިލާ ލަންކާ ދޫކޮށް ވަޑައިގަތީ ކަމަށް އަޑުފެތުރުނެވެ. އަދި މަގުމަތީ ތިބި އިދިކޮޅުގެ ސަޕޯޓަރުން ވަނީ މަހިންދަގެ އާއިލާއަށް ފިއްލަވައިގެން ވަޑައިގެންނެވުމުގެ ފުރުސަތު ދެއްވައިގެން ނުވާނެ ކަމަށާ ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަން ޖެހޭނެ ކަމަށް ބުނެފައެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވާ ނަމަލް ވިދާޅުވީ ބައްޕާފުޅުވެސް އަދި އޭނާވެސް ހުންނެވީ ލަންކާގައި ކަމަށާ ފިއްލަވައިގެން ވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އެ ބޭފުޅުން ތަމްސީލު ކުރައްވާ ގޮޑިތަކުން އިސްތިއުފާ ނުދެއްވާ ވާޖިބު އަދާކުރެއްވުމުގައި ދެމި ތިއްބަވާނެ ކަމަށެވެ. ނަމަލް ވިދާޅުވީ ދެން އެކުލަވާލެވޭ ސަރުކާރެއް ވުޖޫދު ކުރުމުގައިވެސް މަހިންދަ މުހިންމު ދައުރެއް އަދާކުރައްވާނެ ކަމަށެވެ.
ލަންކާއަށް އިގުތިސޯދީ ގޮތުން ދިމާވެފައި އޮތް ދަތި ހާލަތުން އަރައިގަތުމަށް ދެމެހެއްޓެނިވި ގޮތެއް ނުފެނިގެން އުޅެނިކޮށް ކުރިމަތިވި ސިޔާސީ ހަމަނުޖެހުންތައް ކޮންޓްރޯލުން ނައްޓާ އެ ގައުމު ބޮޑު ބިރުވެރި ކަމެއްގެ ތެރެއަށް ވެއްޓިފައިވާއިރު އެ ގައުމުގައި އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ބުދަ ދުވަހުގެ ނިޔަލަށް ދަމަހައްޓަން ރައީސް ގޯޓާބެ ރާޖަ ޕަކްސަ ރޭ ވަނީ ނިންމަވާފައެވެ.
ސަރުކާރުން ބުނަނީ ބުދަ ދުވަހުގެ ހެނދުނު 7:00 އާ ހަމައަށް ކާފިއު ދަންމާލާފައިވާ ކަަމަށާ މަގުތަކަށް ނިކުމެ އުޅުމަކީ މަނާ ކަމެއް ކަމަށެވެ. ނަމަވެސް އެ އަމުރު އެއްވެސް ސަރަހައްދެއްގައި ތަންފީޒު ނުކުރެވެއެވެ. ހާއްސަކޮށް ހަމަނުޖެހުން ބޮޑު ސަރަހައްދުތަކުގައި ރޭ ފަތިސް ވަންދެން އެތައް ސަތޭކަ ބަޔަކު ދިޔަައީ މަގުތަކުގައި އަޑުއުފުލަމުންނެވެ.
ރުޅިގަދަވެފައިވާ ލަންކާގެ ރައްޔިތުން ގެންދިޔަައީ ސަރުކާރުގެ ވެރީންގެ ގެކޮޅުތަކާއި އޮފީސްތަކަށް ބޮޑެތި ގެއްލުންތައް ދެމުންނެވެ. ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވި މަހިންދަ ރާޖަޕަކްސަގެ ގެކޮޅެއްގައިވެސް ރޯކޮށް ވަނީ އަންދާލާފައެވެ. އެއީ ހަމްބަންޓޯޓާގެ މެޑަމުލަނައިގައި ހުންނަ އެމަނިކުފާނުގެ އަމިއްލަ ގެކޮޅެވެ. ރާޖަޕަކްސަ މިއުޒިއަމްގައިވެސް ހުޅުޖަހާ ދެއްޔަށް ވަނީ ހަދާލާފައެވެ.
ހަމަނުޖެހުންތައް ބޮޑުކަމުން އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރެވޭ ގޮތެއް ނުވެއެވެ. އެހެން ކަމުން ހުޅުގަނޑު ފަޅައިގެންގޮސް އަލިފާނުގެ ބޮޑު ހާދިސާއަކަށް ބަދަލުވެ މުޅި ގެއާއި އިމާރާތުގެ ތެރޭގައިވާ ވެހިކަލްތަކާއި ހުރިހާ އެއްޗެއް އަނދައިގެން ދަނީ އެވެ.