ލައިފްސްޓައިލް

ދުވަސްވީ މައިންބަފައިން ބާކީ ނުކުރާތި

ކުޑައިރުއްސުރެން ގެންގުޅެ ބޮޑުކުރި މައިންބަފައިން މުސްކުޅިވުމުން ބައެއް މީހުނަށް ބޮލުގެ ރިހުމަކަށް ވެއެވެ. އެމީހުން އެނދުމަތިވާ ދުވަހު ރާއްޖޭން ބޭރުން މީހުންގެނެސް އެމީހުންގެ ބަލަން ކުދިންނާއި ވަކިން ތަންތަން ކުއްޔައްހިފުމުގެ ގާފަތެއް މިހާރު އެބައޮތެވެ. ވަރަށް ގިނައިން ވަކި ދިރިއުޅުމެއް އުޅެން ބޭނުން ވެގެން އަމިއްލަ އުފާތައް އިސްކޮށް މައިންބަފައިން އެކަހެރި ކޮށްލަނީ އެވެ.

އުފާތަކުންނާއި ނިދިން މަހުރޫމް ވެގެން ދަރިންނަށް ކޮށްދިން އެއްވެސް ކަމެއް ދަރިންގެ ހަނދާނަކު ނުހުރެއެވެ. ދަރީން ނުހިނގޭ ހާލުގައި ހިނގަން ދަސްކޮށްދިން ކަމާއި ރަނގަޅު ތައުލީމެއްް ހޯދައި ދިނުމަށް އެމީހުންގެ އުފަލާއި ހިތްހަމަޖެހުން ގުރުބާން ކުރި ދުވަސްތައް ހަނދާނަކު ނުހުރެ އެވެ.

ރާއްޖޭގެ ވަރަށް ގިނަ ހޮސްޕިޓަލްތަކުން ފެންނަ މަންޒަރުތަކުން ބައެެއްފަހަރު، އެފަދަ މުސްކުޅި މައިންބަފައިންގެ ދަރިން ކޮބައިތޯ ސުވާލު އުފެދެ އެވެ. އެ މީހުން ވެސް ތިބޭނެ އެވެ. އެ މީހުނަށް ވަގުތު ނުވާތީ ކޮންމެވެސް މީހަކާއި ހަވާލު ކުރަނީ އެވެ. އެފަދަ މީހުން އުޅެނީ ނަމުގާ މައިންބަފައިން ބަލަން ފައިސާ ހޯދުމުގަ އެވެ. ނަމަވެސް އެ މީހުން ބަލަނީ ބޭރު ބިދޭސީ މީހެކެވެ. ހޮސްޕިޓަލްގައި އެޑްމިޓް ކުރާ ހިސާބުން އެހެން މީހަކަށް ފައިސާދީގެން އެމީހުން ގާތު މީހަކު ބަހައްޓާ މީހުން މަދެއް ނޫނެވެ. ކުޑަމިނުން އެމުސްކުޅި މައިނަބަފައިންނަށް ކާންދޭން ޖެހޭ ވަކިގޮތަކަށް ކައްކާފަހުންނަ ކާއެތިކޮޅުވެސް މަދުފަހަރެއްގަ ނޫނީ ގެންނަނީ ކޮންމެސް ހޮޓަލަކުންނެވެ.

އަމިއްލަ ދަރިން ދެކެން ބޭނުން ވެގެން އެތައް މަހެއް އެތައް އަހަރުތަކެއް އެކަނި ހިލޭ މީހަކާއެކު ވަކި ކޮޓަރިއެއްގަ ހޭދަ ކުރާއިރު އެމީހުން ފެންނަނީ ވަކި ދުވަހެއް ފާހަގަކުރަންވުމުންނެވެ.

މައިންބަފައިން ގައިބާރު ދެރަވެ އެކަނިވުމުން ބައެއް ދަރިންނަށް އެމިހުން ވަނީ ގެންގުޅެން އުނދަގޫ ބަޔަކަށެވެ. މުޖްތަމުއުތެރެއިން އެފަދަ އެތައްމަންޒަރުތަކެއް ފެންނަމުންދާއިރު ވިސްނާލަންޖެހޭކަމަކީ ކޮންމެ މީހަކު ވެސް މުސްކުޅިވާނެ ކަމެވެ.