ލައިފްސްޓައިލް

ދަރީން ބެލުމުގައި ދެމަފިރިންގެ ހިއްސާ އެއްވަރު!

މީހަކާ އިންނަނީ ވަރަށް ގިނަ އުންމީދު ތަކެއް ކޮށް، ލިބޭ ކުދިންނަކީ ވެސް ރަނގަޅު ތައުލީމާއި ތަރުބިއްޔަތު ދީގެން ބޮޑު ކުރެވޭނެ ކުދިން ކަމުގައި ވާން އުންމީދު ކޮށްގެނެވެ. ނަމަވެސް ގިނަ ފަހަރަށް ދިމާ ވަނީ ޕްލޭން ކޮށްފައިވާ ދިރިއުޅުމާއި ދިމާ އިދިކޮޅަށެވެ.

ދަރިން ލިބި ދެމަފިރިން ދުރުގަ އުޅެން ޖެހުމަކީ ބައެއް ބައިވެރިންނަށް އުނދަގޫ ކަމަކަށް ވާއިރު، ކުދިން ލިބުމުން ދެމަފިރިން ވަރި ވުމަކީ ކުދިންނަށް އެއިން ނޭދެވޭ އަސަރު ކުރާ ކަމެއްކަން ވިސްނަނީ ކިތައް ދެމަފިރިން ހެއްޔެވެ؟ މީ ޖަވާބެއް ލިބުން ދަތި ވެސް ސުވާލެކެވެ. އަނެއް ސުވާލަކީ "ދަރިންނަށްޓަކާއޭ" ބުނެ އަބަދު އަރައިރުންވާ އާއިލާއެއްގެ ތެރޭ އުޅެ ބޮޑުވާ ކުދިންނަށް ވާނީ ފައިދާ ހެއްޔެވެ؟ ގެއްލުން ހެއްޔެވެ؟

ކައިވެނި ރޫޅި ވަކިވާ ހިސާބުން، ކުދިން ބެލުމުގެ ކަންކަން ހަމަޖައްސަން ވަކި ގޮތެއް ނިންމަން ފެމިލީ ކޯޓް މެދުވެރިކޮށް ގޮތް ނިންމުމުގެ ބަދަލުގައި މަންމަ އާއި ބައްޕަ ނޫނީ ބެލެނިވެރިން ވާހަކަ ދައްކައިގެން ކުދިންގެ ކަންތައް ނިންމުން މީ ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް ފަސޭހަ ކޮއްލަން ކުދިންގެ ކަންތައް ބެލެހެއްޓުމުގެ ޒިންމާ ގިނައިން ނަގާ ތަން ފެންނަނީ މަންމައިންނެވެ.

އެކަނިވެރި މައިން އެމީހުންގެ ކުދިންނަށް ދެރަ ގޮތެއް މެދުވެރިވެދާނެތީ ވަރި ވުމަށްފަހު އިތުރު ކައިވެންޏެއް ނުކޮށް ތިބެ، ކުދިން ބެލުމުގެ ޒިންމާގެ އިތުރުން ގޭތެރޭގެ ކަންކަން ބަލަހައްޓާ ތަން ފެންނާނެ އެވެ. އަދި އެކަނިވެރި ބަފައިން ވާ ގުރުބާނީ ދޫކޮށްލައިފި ނަމަ އެވެސް އިންސާފަކަށް ނުވާނެ އެވެ.

ބައެއް މަންމައިންނަކީ ނަމަކަށް ކުދީން ވިހާ މީހުނޭ ވެސް ބުނެވިދާނެ އެވެ. ވިހެއުމަށް ފަހު ވެރިވެ ބައްޕަޔާ ކުއްޖާ ހަވާލު ކޮށްފައިވާ ގޮސް އެހެން މީހުނާއި / މީހަކައި އިނދެގެން ކުދިން ހޯދައިން އުފާވެރި ދިރިއުޅުމެއް އުޅޭއިރު ކުރިން ލިބިފައި ތިބި ކުދިންނަށް / ކުއްޖާއާ މެދު އެއްވެސް ވަރަކަށް ވިސްނައެއް ނުލަ އެވެ.

އުޅެންޖެހިފައިވާ ގޮތުންނާއި އިތުރު އެހެން ގޮތެއް ފެންނަންދެން މަންމަގެ އާއިލާ ނޫނީ ބައްޕަގެ އާއިލާ ކައިރީ އުޅެ ބޮޑުވާ ކުދިންނަށް ކައިރީ ތިބޭ ބެލެނިވެރިން، އެ ކުދިންނައް ވިސްނައި ދޭ ގޮތުން މަންމަ ނޫނީ ބައްޕަދެކެ ނަފުރަތު ލައިގެން ވަރަށް ގިނަ ކުދީން ބޮޑުވެ އެވެ. އެ ކުދިން ވަނީ އާންމުކޮށް ރުޅި ގަދަ އަދި ކަންކަމުގައި ގޮތް ދޫނުކުރާ ކުދިންނަށެވެ. ހަގީގަތުގައި އެ ކުދިންގެ ސިކުނޑި ފުރާލަނީ ނޭދެވޭ ދޮގު މައުލޫމާތުންނާއި ނަފުރަތުންނެވެ. ނަތީޖާއެއްގެ ގޮތުން ފަހުން ހަގީގަތް އެނގުނު ކަމުގައިވިއަސް އެކަން ގަބޫލެއް ނުކުރެ އެވެ.

ސްކޫލް ކިޔެވުމުން ފެށިގެން، އިތުރު ގަޑީގެ ހަރަކާތްތަކަށާއި ޓިއުޝަން ސެންޓަރުތަކަށް ކުދިން ގެންގޮސް ގެނެސް ހެދުމުގައި މައިން ބަފައިން ބަހާލައިގެން ކުއްޖާއަށް ވަގުތު ދިނުމުގެ މުހިންމުކަން ވިސްނޭ މީހުން އުޅުނަސް ގިނަވާނީ އެކަން ކަމުން، ސަލާމަތްވާން ކޮންމެސް ބަހަނާއެއް ދައްކާ ބެލެނިވެރިންނެވެ. ކޮށްދެވޭ ނޫނީ ނުކޮށް ދޫކޮށްލާ ކަންކަމުން ކުދިންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެ މިންވަރު ނުވިސްނޭ ބެލެނިވެރިން ގިނައެވެ. ކަންފަސޭހައައް ދާހިތް ނެތުމުން ނޫނީ މޫޑް ހުންނަ ގޮތަކުން އެގަޑީ ބާލާ ދެވެން ނެތޭ ބުނެ އެވެ. އެހެން ކަންތައް ކުރުމުން ކުޑަކުއްޖާއަށް ދަސްވަނީ އެ ވަގުތަކު ކުއްޖާއާއި ހަވާލުވެ ހުންނަ ބެލެނިވެރިޔަކީ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނެ މީހެއްގެ ގޮތު އެވެ. ދުރުގައި ހުންނަ މަންމަ ނުވަތަ ބައްޕައަކީ ވަކި ވަގުތަކު ފައިސާ ދޭ ނޫނީ ވަކި ކަމެއްގަ ގުޅަންޖެހޭނެ މީހެއްގެ ގޮތުގަ އެވެ.

ކުދިންގެ ސިކުނޑި ހެދި ބޮޑުވުމުގައި މަންމަ އާއި ބައްޕަގެ އަޅާލުމާއި ލޯބި ހަމަހަމައަށް ކުދިންނައް ލިބުމުގެ މުހިންމުކަން ވަރަށް ބޮޑެވެ. އެއީ، ސިކުނޑި ތަނަވަސް ވުމާއި ކުދިންނަށް އަމިއްލަ ނަފްސަށް އިތުބާރު ކުރެވޭ މިންވަރު ބޮޑުވާނެތީ އެވެ.

އަދާކުރާ ވަޒީފާ ތަކުގައި ކުރިއަރައި ދާނީ، ޅަ އުމުރުގެ ދުވަސްވަރު އެ ކުދިންނައް ލިބިދޭން ޖެހޭ މިނިވަންކަމާއި އެހެން ކުދިންނަށް އޯގާތެރިވާން ދަސްވެ، މުޖްތަމައަށް ފައިދާ ކުރާނެ ޒުވާން ޖީލެއް ބިނާ ކުރެވޭނީ، ފުރިހަމަ ގޮތުގައި ކުދިންގެ ސިކުނޑި ތަނަވަސް ވާނެ ޖާގަ ދީގެނެވެ.

ކުޑަ އިރުއްސުރެން އުޅޭ މާހައުލުން ކުއްޖާ ރަނގަޅު އަދި ގޯސް އަމަލުތައް ކުރާ ކުދިންނަށް ބަދަލުވެގެން ދަނީ ގިނަ ފަހަރު މައިން ބަފައިންނާއި ބެލެނިވެރިންގެ ސަބަބުންނެވެ. ދޭ ނަސޭހަތައް ވުރެ ބޮޑަށް ކުދިން ބަލައިގަނެ ދަސް ކުރާނީ ބޮޑެތި މީހުން އެކުދިންނަށް ދައްކާ އަމަލުތަކެވެ. މިސާލަކަށް "ނަމާދު ކުރަންވާނޭ" ކިޔާފައި ގޮސް، ފިރިހެން ކުދިން ވެސް ގޭތެރޭ ނަމާދު ކުރުވަން އަދާ ކުރުވަ އެވެ. ކޮންމެހެން ފިރިހެން ކުދިން މިސްކިތައް ނަމާދަށް އަރަން ނުޖެހޭނެ ކަން ވިސްނައިދެވޭ އުސޫލުންނެވެ. ބޭނުން ވަނީ ނަމާދު ކުރުން އެކަނި ކަމުގައި ބުނެ، ދީނުގައި އޮންނަ ގޮތްވެސް ރަނގަޅާއި ނުބައި ވަކި ނުވާ ގޮތަށް ވިސްނުން ގެންގުޅެވޭ ބެލެނިވެރިން މަދެއް ނޫނެވެ.

ސްކޫލުތަކުން ކިޔަވައިދޭ ގޮތާއި ގޭތެރޭ މާހައުލުން ދަސްވާކަންތައް އެތައް ގޮތަކުން ތަފާތުވެ، ބައެއް ކުދިންނަށް ދީނުގަ އޮންނަ އުސޫލު ވަނީ ބޮލު ރިހުމަކަށް ވެފަ އެވެ. އެހެންވެ ބެލެނިވެރިންގެ ވަރަށް ބޮޑު ޒިންމާތަކެއް، ކުދިންގެ ޅަފަތުގައި އަދި އެކުދިން ހެދި ބޮޑުވަމުން އަންނަ އިރު މި ވަނީ ހަވާލުވެފަ އެވެ. އެއީ ހަމަ އެކަނި މަންމަ ނޫނީ ބައްޕައާއެކީ އުޅެމުން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތު ތަކެއް ނޫނެވެ. ވަކިން ދުރުގައި އުޅުނަސް ވަރިވެގެން ދެ ގެއެއްގަ އުޅުނަސް ކުދިން ބެލުމުގެ ޒިންމާ ނަގަންޖެހޭނެ އެވެ. އެކަމަކުގައި ދެ މީހުން އެއްވަރެވެ.