ދިރިއުޅުން

މި ކިޔައިދެނީ ކޮން އާއިލާއެއްގެ ވާހަކައެއް؟

Sep 22, 2020
18
މަމްސް އިން ހާލަތު ބަޔާން ކޮށްދޭ އާއިލާ ދިރިއުޅޭ ގޭގެ ކޮޓަރިއެއްގެ މަންޒަރެއް
0%
0%
0%

އޮންލައިން ޕްލެޓްފޯމެއްގައި ނުކުމެ ނިކަމެތި އާއިލާތަކަށް އެހީ ވެދޭން ފަށަފައިވާ "މަމްސް އެންޖީއޯ" އިން އަނެއްކާވެސް ނިކަމެތިވެފައި ތިބި ދިވެހި އާއިލާއަކަށް އެހީތެރި ވެދޭން އިސްނަގައި އެ އާއިލާގެ ވާހަކަތައް ހިއްސާކޮށް ކިޔައިދޭން ފަށައިފި އެވެ. އެ އެންޖީއޯގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އެއީ ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ އެހީއަށް ބޭނުންވެފައިވާ ވަރަށް ނިކަމެތި އާއިލާއެކެވެ. އެ އެންޖީއޯ އިން އެ އާއިލާއަށް އެހީވެދޭން ނުކުތީ އެހެންވެ އެވެ. -- ކޮން އަތޮޅެއް ކޮން ރަށެއް ކޮން އާއިލާއެއް ކިހިނެއްވާ ކަމެއް ނޭނގެ އެވެ.

"މި އާއިލާ ނޫނަސް މަމްސް އެންޖީއޯ އިން ކޮންމެ މަހަކުވެސް ކޮންމެވެސް އެއް އާއިލާއަށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރަން. އަދި މި އާއިލާގެ ހާލަތު ވަރަށް ގާތުން ބެލުމަށް ފަހު ފަންޑް ރެއިސް ކުރަން ގަސްދުކުރީ،" މަމްސްގެ އޮފިޝަލަކު ވިދާޅުވި އެވެ އަދި އޭނާ ވިދާޅުވާ ގޮތުގައި އެހީތެރިކަމަށް ބޭނުންވާ އެ އާއިލާގެ ހާލަތު ބަޔާންކޮށް އިންސްޓަގްރާމްގައި މަމްސް އެންޖީއޯ އިން އެހީގެ ޕޯސްޓެއް ވެސް އާންމުކޮށްފައި ވާނެ އެވެ.

މަމްސް އެންޖީއޯ އިން އެހީތެރިކަން ފޯރުވުމަށް މަސައްކަތް ކުރާގޭގެ ނިދާ ކޮޓަރި ހުރި ހާލަތު

މަމްސް އެންޖީއޯ އިން ބުނާ ގޮތުން ދެކުނުގެ ރަށެއްގައި ވަރަށް ބޮޑަށް ނިކަމެތިވެފައިވާ އެ އާއިލާ ދިރިއުޅޭ ހާލަތު ބަލައިލި އިރު އެއީ އެއް ފުރާޅެކެވެ. އެތާނގައި އެހީއަށް ބޭނުންވެފައިވާ 17 މީހުން ދިރިއުޅެ އެވެ. އެ އެއްމެނަށް ތިން ކޮޓަރި އެވެ. އޭގެ ތެރޭގައި ހާއްސަ އެހީތެރިކަން ބޭނުންވާ މީހުން ވެސް ހިމެނެ އެވެ.

އޭގެ ތެރެއިން އެގޭގެ ނަފީސާ އަކީ އުފަންވި އިރުވެސް ނަފްސާނީ މައްސަލަ ހުންނަ މީހެެކެވެ. ނަފީސާގެ މަންމަ އާއި ބައްޕަ އަށް ލިބިފައިވާ ނުވަ ކުދިންގެ ތެރެއިން ހަ ކުދިންނަކީ ވެސް ނަފީސާ ގޮތަށް ނަފްސާނީ ބަލި ތަހައްމަލު ކުރުމުގެ ސަބަބުން ދިރިއުޅުމުގައި ކުރިޔަށް ދިޔުމަށް ހުރަސް އެޅިފައިވާ ކުދިންނެވެ.

އެންޖީއޯއިން ކިޔައިދޭ ގޮތުގައި ނަފީސާ ހަނދާން ހުންނަން ފެށީންސުރެ ވެސް އެ އާއިލާ އުޅެމުން އައީ ވަރަށް ނިކަމެތި ފަގީރު ދިރިއުޅުމެކެވެ. އެއްފަހަރު ކައިފިއްޔާ އަނެއް ފަހަރު ނުކަ އެވެ.

"އެ ގޭ ތެރެއަށް ވަދެލުމުން ފެނިގެން ދިޔައީ ވަރަށް ބޮޑަށް ވީރާނާ ވެފައިވާ މަންޒަރެވެ. ވަރަށް ދުވަސްވެފައިވާ ގެއެއް. ކާއެތިކޮޅު ރޯފިލުވާލަން ހުންނަ ބަދިގޭގައި ކައްކަން ހުންނަ ތަންކޮޅު ކުޑަ އެވެ. ހުރީ ހަލާކުވެ ބޭނުން ނުކުރެވޭ ވަރުވެފައިވާ ތެލިތައްޓެވެ. އަދި ބާވެފައިވާ އުނދުނެކެވެ." އެންޖީއޯއިން ކިޔައި ދެއެވެ. "އަތްމަތި ދަތިވުމުގެ ސަބަބުން ގިނަ ދުވަސް ދުވަހު، ދުވާލަކު އެންމެ ފަހަރަކު ކައިގެން ވެސް ތިބެ އެވެ. ކާއެއްޗެއް ނެތްނަމަ އެންމެން ވެސް ކަޅުސައި ތައްޓެއް ބޮއެގެނެވެ. ކޮޓަރިއާ ސިޓިންރޫމަށް ބަލާލުމުން ފެންނަނީ ތަރުތީބު ކަމެއްނެތި އުކާލެވިފައިވާ އަންނައުނުތަކެވެ. ހެދުންލާނެ ކަބަޑެއް ނުހުރެ އެވެ. ނިދަން ބޭނުންކުރާ ގޮދަޑިތަކާއި ބާލީސްތައް ވެސް ތަޅުމުގެ އެތަން މިތާނގަ އެވެ. އެ ތަކެތިވަނީ ބޭނުން ކުރަން ކަމު ނުދާ ވަރަށް ހަލާކުވެފަ އެވެ. ފާހާނަތައް ހުރީ ވަރަށް ބޮޑަށް ހަޑިވެފަ އެވެ."

ގޭގެ ގޯތި ތެރޭގައި ކުދިންތައް ވަރަށް ބާވެފައިވާ ހެދުންތަކުގައި އުޅެ އެވެ. އަރާނެ ފައިވާނެއް ވެސް ނެތުމުނޖް ހުސްފައިގަ އެވެ. އެ އާއިލާގެ އެންމެ ކުޑައަށް ހުރި ދެ އަހަރުގެ ކުއްޖާއަށް ޖައްސާނެ ނެޕީއެއް ނެތް. ގިނައިން ލައިގެން ހުންނަނީ ހަމައެކަނި ސޯޓެކެވެ. މަތިން ލާނެ އަންނައުނެއް ނުހުރެ އެވެ. ބަނޑުހައިކަން ފިލުވާން ކާނެ އެއްޗެއް ނުލިބުމުން، ބިންމަތިންނާ އެކި ތަންތަނުން ކުނި ހޮވައިގެން ކާ މަންޒަރު ފެންނަ ކަމަށް މީހުން ބުނެ އެވެ.

"އެ މައުސޫމް ތުއްތު ކުދިންގެ މޫނުމަތިން ފެނިގެންދަނީ މާޔޫސްކަން" އެޖެންޖީއޯގެ އޮފިޝަލަކު ވިދާޅުވި އެވެ.

މަމްސް އެންޖީއޯ އިން އެހީތެރިވުމަށް ކަނޑައަޅާފައިވާ ގޭގެ ބަދިގެ ފޮޓޯ:މަމްސް

ރަށު މީހުންގެ އެހީތެރިކަމެއް ނެތް

މަމްސް އެންޖީއޯއިން ބުނާ ގޮތުގައި އެ އާއިލާ އޮތް ރަށުމީހުންގެ ތެރެއިން މަދު މީހެއްގެ ފަރާތުން ނޫނީ އެ އާއިލާއަށް އެހީތެރިކަމެއްވެސް އަޅާލުމެއް ވެސް ނެތެވެ.

"ރަށުގެ ގިނަ މީހުންގެ ފަރާތުން މި އާއިލާ އަށް ދެވިފައި ވަނީ ވަރަށް ދަށު ދަރަޖަ އެކެވެ. ބޮޑެތިވެ ފުރާ ވަރަށް އަރަމުން ދިޔައިރު މި އާއިލާ ގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ އަންހެން ކުދިންނަށް ރަށުގެ އެކި ފުރާގެ މީހުންގެ ކަޅިތައް ދިޔައީ އަމާޒުވަމުންނެވެ. މި ކުދިންނަށް ހެޔޮ ނުބައި ނުވިސްނޭތި ކުރިމަތި ވާންއުޅޭ ބިޔަ ބޮޑެތި ރާޅުތަކުން ރައްކާތެރިވާން ހަދަން ޖެހޭނެ ގޮތެއް ނޭނގެ އެވެ. ތައުލީމެއް ނެތި ރަނގަޅާއި ނުބައި ވިސްނައިދޭނެ މީހަކު ނެތުމުގެ ސަބަބުން 'މިނިކާވަގުތަކެއް' ފަދައިން ކަޅި އަޅަމުން ދިޔަ ބައެއް ވަކިތަކުގެ ތެރެއަށް ބޮޑަށް ތިބި އަންހެން ދެ ކުދިންނަށް ވަދެވި ދިރިއުޅުން ހަލާކު ވެގެން ދިޔައީ އެވެ."

ނަފީސާގެ އުމުރުން 19 އަހަރުގައި ފުރަތަމަ ފަހަރަށް އޭނާ ބަލިވެ އިންކަން އިނގުނު އިރު އޭނަގެ އިއްފަތްތެރިކަން ނަގާލާފައި ވަނީ ކާކު ކޮންއިރަކު އަދި ކިހިނެއް ކަން ނަފީސާ އަށް ވެސް ބުނެދޭކަށް ނޭނގެ އެވެ.

ދަރިއެއް ލިބުމުން ކަންތައް ކުރަން ވީ ކިހިނެއް ކަންވެސް ނުވިސްނޭ ހާލު އެ ކުދިންނަށް އަޅާލާނެ ގޮތެއް ވެސް ނަފީސާ އަކަށް ނޭނގެއެވެ. ބަނޑު ބޮޑު ކަންވެސް އޭނާ އަށް އެނގުނީ ބަނޑުން އިނގެން ފެށީމަ އެވެ. ފުރަތަމަ ދަރިފުޅު ބޮޑުވުމުގެ ކުރިން އަނެއްކާ ވެސް ނަފީސާގެ ނިކަމެތިކަމުގެ ފައިދާ އެހެން މީހަކު ނަގައި ދެވަނަ ދަރިފުޅަށް ވެސް ބަނޑު ބޮޑު ވީއެވެ. އޭނާގެ ތިން ކުދިން ތިބިއިރު މިހާރު އިނީ ހަތަރު ވަނަ ކުއްޖާއަށް ބަލިވެ އެވެ.

ރަށުގައި ދިރިއުޅޭ ބިދޭސީ ފިރިހެނުންގެ ފަރާތުން ވެސް މި އާއިލާއަށް މެދުކެނޑުމެއް ނެތި ގޯނާތައް ލިބެ އެބެ. އެކަމަށް ވަނީ ލުޔެއް ލިބޭ ގޮތް ނުވެފަ އެވެ. އެކަން ހުއްޓުވަން އެއްވެސް މީހެއްގެ އެހީތެރި ކަމެއް ނުލިބެ އެވެ.

މަމްސް އެންޖީއޯ އިން ބުނާގޮތުގައި އެ އާއިލާ އުޅޭ ހިތްދަތި ދިރިއުޅުމާ ދޭތެރޭ ވިސްނާ މަދު ބަޔަކާއި ކައުންސިލުން ގުޅިގެން އެތަށް ފަހަރަކު ޖެންޑާ މިނިސްޓްރީއާ ވެސް މި އާއިލާގެ ވާހަކަ ހިއްސާކޮށްފައި ވެއެވެ.

ދަރިންނަށް ލިބެމުންދާ ނިކަމެތި ކަމަށް ނިމުމެއް ގެނައުމަށްޓަކާ ނަފީސާއަށް ނުވިހާ އޮޕަރޭޝަން ކުރެވިދާނެ ތޯ ވެސް ހުށަހެޅި އެވެ. ނަމަވެސް ގާނޫނުގައިވާ ގޮތުން މީހަކާ ނީނދެ ހުރިނަމަ މި އޮޕަރޭޝަން ކުރުމަށް ހުއްދަ ނުދޭތީ މިކަން ވަނީ ނުވެފަ އެވެ. މި އާއިލާގައި ނިކަމެތިކަން ކުރިމަތިވެފައި ވަނީ ހަމައެކަނި ނަފީސާ އަކަށް ނޫނެވެ. ނަފީސާގެ ދައްތަ އަކީ ވެސް ނަފްސާނީ ބަލި ތަހައްމަލް ކުރަމުން އަންނަ މީހެކެވެ. އޭނާގެ ވެސް 18 އަހަރުން ދަށުގެ ގާނޫނީގޮތުން ޒިންމާވާނެ ބައްޕައެއް ނެތް ހަތަރު ކުދިން ތިބެ އެވެ.

އެކަނިވެރި މައިންނަށް ލިބޭ ދެ ހާސް ރުފިޔާގެ އިތުރަށް އިތުރު އެލަވަންސް އެއް ނަފީސާ އަދި އޭނާގެ ދައްތައަށް ވެސް ނުލިބެއެވެ. އެތައް ފަހަރަކު މިހާރު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވެންސަށް ވެސް ކުރިމަތިލައިފި އެވެ. ނަމަވެސް ގާނޫނުގައި ބުނާގޮތުން އެލަވަންސްގެ ތެރެއިން ލިބޭނީ ކޮންމެވެސް އެއް އެލަވެންސް އެކެވެ. އެކަނިވެރި މައިންނަށް ލިބޭ އެލަވަންސް ލިބޭނަމަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް އެއް ނުލިބެ އެވެ.

މަމްސް އެންޖީއޯގެ ވިސްނުން

މަމްސް އެންޖީއޯ ބޭނުމަކީ އެ އާއިލާއަކީ ވެސް މުޖުތަމައުތެރޭގައި ބަލައިގަންނަ ބަޔަކަށް ހެދުމެވެ. ބޮޑެތިވަމުން އަންނަ އެ ކުދިންނަކީ ވެސް ރީތި ހެދުންލައިގެން، ރަނގަޅު ކާނާ ކައިގެން، ރަނގަޅު ތައުލީމެއް ލިބިގެން ބޮޑުވާ ކުދިންނަށް ވުމެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މި އާއިލާއަށް ކާބޯތަކެތި، ގެއަށް ކޮންމެހެން ބޭނުންވެފައިވާ ފަރުނީޗަރު، ކެއްކުމަށް ބޭނުންވާ ތަކެތީގެ އިތުރުން ކުދިންނައް ބޭނުންވާ އަންނައުނު، ކިޔަވާ ސާމާނު އަދި ރީތިވާ އެއްޗެހި ފަދަ އާންމު ދިރިއުޅުމުގައި ބޭނުންޖެހޭ ތަކެތި ފޯރުކޮށް ދިނުމަށް މަސައްކަތް ކުރުން. މި އާއިލާގެ ގެއްލިފައިވާ އުފާވެރިކަން ހޯދައިދީ މީހުން ބަލައިގަންނަ ބަޔަކަށް މި ކުދިން ހެދުމަށް އަޅުގަނޑުމެންނަށް އެހީތެރިކަމެއް ދިނުން" އެ އެންޖީއޯގެ އޮފިޝަލަކު ވިދާޅުވި އެވެ.

18 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މަ

ކަމެއް ކުރަންޏާ ދަރިންކޮޅު ރަގަޅު ގޮތުގަ ބަލަހައްޓާނެ ފަރާތަކާ ހަވާލުކުރެވޭނެ ގޮތެއް ހަދާ. ފާނިޗާރ ވެއްދިއަކަސް ތި އާއިލާ އަށް މުޅިއަކުން ވެވޭ އެހީތެރިކަމެއް ނޫން ތީ. ދެން މީހުންނާ ނީނދެ ޒިނޭ ކުރާ ފިރިހެނުންނަށް އަދަބު ދެވޭތޯ ބަލަމާ. އެކަން ކުރީ ކޮން ފިރިހެނެއްކަން ބުނަން އިނގޭ ވަރުވާނެ ނަފީސާ. ސާބިތު ކުރެވޭނެ ގާބިލްކަން މިރާއްޖޭގަ މިހާރު ހުންނަންވާނެ. ވަރަށް ދެރަކޮށް ހިނގާ ކަންތައްތައް މީ މުޖުތަމައުގަ. މުސްލިމް މުޖުތަމައަކުން ފެނިގެންނުވާނެ ކިތަންމެ ކަމެއް މި މުޖުތަމައުން ފެންނަކަމީ ހިތާމަ ކުރަންޖެހިފައިވާ ކަމެއް.

ނަން

އަދިވެސް ނުކުޅެދޭ އަންހެން މީހާތަ ނުވިހާ އޮޕަރޭޝަން ކުރަންވީ ؟ ތި ރަށުގަ އުޅޭ ވަލު ޖަނަވާރުންގެ ވަރު އެރި ބުޑުން ބުރި އަރުވާލަބަ . . ނުކުޅެދޭ މީހުންނަށް ވުރެ މާ މި ކުޅެދިގެން އުޅޭ އާލާތް މާ ނުބައި

ޝިއު

ވަރަށް ބޭނުން އެހީ ވާން. އަޅުގަނޑަކީވެސް އެހާ ލިބޭ މީހެއްނޫން. އެކަމް 100 ރުފިޔާ ވިޔަސް ދޭން ވަރަށް ބޭނުން

ޙޗގޗހހފފ

އަހަރެމެން ކުޑައިރު އަހަރެމެންވެސް އުޅުނީތިހެން. އެކަމަކު މަންމައަކީ ސާފުތާރިހުމީހެއްވީމަ ގޭތެރެތިއަށްވުރެ ތަރުތީބުވާނެ މިހާރު އަހަރެމެން ބޮޑުވެ ވަޒީފާއަށްދާންފެށުނީ ގެހުންނާނީ ވަރަށްރީއްޗަށްހަދައި 2000އަކަފޫޓުގެ ބިމުގަ 5 ކޮޓަރީގެގެއަޅައި އެންމެޒަމާނީ ފަރުނީޗަރ ލައިރީތި ކޮއްލާފަ. މަންމައާބައްޕަ ހައްޖަށްފޮނުވަން އަހަރެމެން ހަތަރުބެއިން މިހާރުމިމަސައްކަތްކުރަނީ އިންޝާﷲ

ޜައްޔިތު އަހުމަދު

ޢެންމެ ފުރަތަމަ ތި އެންޖީއޯގެ މެމްބަރުން މީހުން އަތުންނަގާފައިވާ ދަރަނި އަދާކުރާނެ ފަންޑެއް ހަދާބަލަ.

ކީކޭ

އެކަނިވެރިމައިންގެ ފައިސާ ލިބޭ މީހުންނަަށް ވެސް ނުކުޅެދޭ ފައިސާ ލިބޭ ތި ފައިސަާ ހޯދާދެން އުޅުނު މީހުން ތޯއެއްޗެއް ތި ނަގަނަނީ

މުބީނު މާރނީ

ފައިސަލް ނަސީމް އާއި ޙަވާލު ކޮށްފައި އިބޫ ދެން ދާންވީނު. އުޅެއުޅެވެސް އިބޫ އަށް ނުވި މިކަމެއް.

ހަމަ ހިޔާލެއް

ނަފީސާގެ ތިން ދަރިން. ނަފީސާ ދައްތަގެ ހަތަރު ދަރިން. އެކަނިވެރި މައިންގެ ފައިސާއިން ކޮންމެ ދަރިއަކަށް ސަރުކާރުން 2000 ރުފިޔާ ލިބޭކަމަށް އެބައޮތް. އެވީ ޖުމްލަ 14،000 ރުފިޔާ؟ އަޅުގަނޑުމެން ގޭގެ ކުލިދައްކާފައި މަހުގެ ބާކީ ބައިގައި ކެއުން ބުއިން އަދި އަދި ކަރަންޓްބިލް ފެންބިލް އަދި އެހެން ބިލްތަކަށް އަތުގައި މި އޮންނަނީ 4،000 ރުފިޔާ. އެވަރުންވެސް އިރާދަކުރެއްވިއްޔާ ފުއްދާލެވޭ. މިފަދަ އާއިލާއަކަށް ބޭނުންވަނީ ހިމާޔަތާއި، ހޭލުންތެރިކުރުވުމާއި އެމީހުންގެ ބަލި ހާލަތާއި ގުޅޭގޮތުން ތެރަޕީ ދިނުން. 14،000 ރުފިޔާއިން އުފާވެރިކަމެއް ނުލިބޭއިރު، ގެއަށް ވައްދާ ފަރުނީޗަރަކުން ލިބޭނީ ކޮން އުފަލެއް؟

ާަޮްެްއަސް

ކުަަައްޖަކައް1000ރ ދެނިި

މަ މަވެސް ހިޔާލެއް

އަދި ކޮބާ ދެންތިބި އެއްބަނޑު 4 ކުދިންނަށް ލިބޭ ނުކުޅެދުންތެރިކަން އިނާޔަތް. ކޮން މެ ކުއްޖަކަށް 2000. 8000 + 14000 = 22000 ރުފިޔާ

ހަމަ ހިޔާލު އެންމެ ދަންނަނީ

އތިޔަ ފަރާތުންތޯ -/2000 ކުއްޖަކަށް ދެނީ؟؟؟

ޅަކުއްޖާ

ޢަހަރެމެން ބޮޑުވެގެން އާއިރު ގޭގަ މާބައިވަރު އެއްޗެއް ނުހުރޭ. ޢެކަމަކުވެސް ސާފު ތަަހިރު ކޮށް ތަރުތީބު ކޮއްލީމަ ޒަމާނީ ނުވިޔަސް އުޅެލެވޭ.

ގެތިކްލިއަނޯ

ކޮބާ ސަރުކާރު؟ ކޮވިޑާ މަތިކޮށްފަ ބައިތުލްމާލު ދަވާ ނުލިނަމަ މިފަދަ ނިކަމެތީންނަށް ދިއްކޮށްލާނެ ފައިސާ ދައުލަތުގަ ހުންނަން ޖެހޭނެ!

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910