އާއިލާ

މި ދެމަފިރިން އުފަލުން، ކޮންފަދަ ނިއުމަތެއް!

އަބްދުލް އަޒީޒު މުހައްމަދާއި ސަކީނާ އަަހްމަދުގެ ކައިވެނީގައި މިހާ ހާހިސާބަށް އާދެވުނު އިރު މާމަ / ކާފަ ކިޔާވެސް 31 ދަރިން އެބަތިއްބެވެ. އަދިި މުނިކާފަ / މުނިމާމަ ކިޔާ ވެސް 22 ދަރިން ލިބިފައި ވެއެވެ. މިއީ އުތުރުން ހއ. ދިއްދޫ ދެމަފިރިއެކެވެ. ރީތި ހަޔާތަކާއެކު އެ އާއިލާ ތިބީ ގޭގަ އެވެ. ވަރަށް އުފަލުންނެވެ.

"މާމަ ކާފައިން" ގެ ދުވަސް ފާހަގަ ކުރަން ދުވަހާ ގުޅުވައިގެން މިއަދު ޖެންްޑާ މިނިސްޓްރީން ސޯޝަލް މީޑިއާއަށް ދޫކުރަމުން ގެންދަަނީ އެކި ކަހަލަ ވީޑިއޯތަކެވެ. އޭގެ އެއް ވީޑިއޯގައި ފެންނަނީ ދިއްދޫގެ މި ދެމަފިރިންނެވެ. އެމީހުންގެ ގޭ ކުރިމަތީގައި ބަހައްޓާފައި ހުރި ޖޯއްޔެއްގައި ކުދިވެރިންނާއެކު އިށީނދެލައިގެން ތިބި އިރު ގާތުގައި ތިބީ އެމީހުންގެ ދަަރިންނާއި ދަރިންގެ ދަރިންނާއި އެ ދަރީންގެ ދަރިންނެވެ. ބޮޑު އެއް އާއިލާ އެވެ.

އަޒީޒާއި ސަކީނާގެ ދެމަފިރިންނަށް ލިބޭ އެންމެ ބޮޑު އުފަލަކީ، ގިނަ ކާފަ ދަރިންނާއި އެހާ ގިނަ މުނިކާފަ ދަރިންގެ ފަރާތުން ލިބޭ ފުރިހަމަ ލޯތްބާއި އަޅައިލުމާއި ކުލުނެވެ. ދެ މަފިރިންނަށް ލިބުނީ އުފަން ނުވަ ދަރިންނެވެ. ދެން ތިބީ ހައްތަހާ ވެސް ކާފަ / މާމަ ކިޔާ ކުދިންނާއި މުނިކާފަ / މުނިމާމަ ކިޔާ ކުދިންނެވެ.

ޖެންޑާގެ އެއް މިނެޓްގެ އެ ވީޑިއޯގައި ސަކީނާ ބުނެލަ އެވެ؛ "އަދިވެސް މިތިބީ އެ ކުދިންގެ ހިދުމަތު" ގަ އެވެ. އެ ވީޑިއޯކޮޅު ނިންމާލީ އެއްބައި ކުދިން އުނގުގައި ބައިތިއްބައިގެން އަދި އަނެއްބައި ކުދީން ގާތުގައި ބައިތިއްބައިގެނެވެ. ހުރިހާ ކުދީންނާއެކު ދެމަފިރިން ހެވިފަ އެވެ.

"ކާފަ އާއި މާމަ ކުދިން ކައިރީ އެކުގައި އުޅެވޭތީ ވަރަށް އުފާވޭ،" ދިއްދޫ ދެމަފިރިން އެކުގައި ބުނެލަ އެވެ.

ދުވަހުގެ ތަހުނިޔާ ހުރިހާ މާމަ ކާފައިންނަށް ފޮނުވަމުން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަނީ މާމަ ކާފައިންނަކީ ހަޔާތުގެ އެންމެ މުހިއްމު މީހުން ކަމުގައި ދެކެ ގެވެށި ގުޅުން ވަރުގަދަ ކުރުމުގައި މާމަމެންނާއި ކާފަމެންގެ ބައިވެރިވުވުން އަބަދުވެސް ހޯދުމަށް ގޮވާލައްވާފަ އެވެ.

މި ދުވަސް ފާހަގަ ކުރުމަށް ޖެންޑާ މިނިސްޓްރީން ވަނީ ގިނަ ހަރަކާތްތަކެއް ވެސް ރާވާފަ އެވެ. އޭގެ ތެރޭގައި މާމަ ކާފައިންގެ އަގުވަޒަންކޮށް އެމީހުންނަށް އަޅާލުމާ އިހްތިރާމް ހޯދައިދޭން މަގުފަހި ކުރަން ވެބިނާ އެއް ބާއްވާނެ އެވެ. އަދި އަތޮޅުތަކުގެ ތެރޭގައި ހުންނަ އެ މިނިސްޓްރީގެ ސެންޓަރުތަކުގައި ދުވަސް ފާހަގަ ކުރާނެ އެވެ.