ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އެޕާޓްމެންޓް ބިލްޑިންތަކެއް އަޅަން ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކޮށްފައިވާ އިއުލާންގައިވާ ގޮތުން ފުރަތަމަ ފިޔަވަހީގައި އެޕާޓްމަންޓް އަޅަން ނިންމާފައިވާ ހަތް ބިމަކީ 26،400 އަކަފޫޓާއި 34،300 އަކަފޫޓުގެ ބިންތަކެކެވެ.
މެދު ފަންތީގެ އާމްދަނީ ލިބޭ މީހުންނަށް ހާއްސަކޮށްގެން މިކްސް ޔޫސް އެޕާޓްމެންޓްތަކެއްގެ ގޮތުގައި އަޅަނީ 14 ބުރީގެ ޓަވަރުތަކެކެވެ. މި އެޕާޓްމަންޓްތައް ތިން އަހަރުގެ ތެރޭގައި ނިންމާ ހަވާލުކުރަންޖެހެ އެވެ.
ޓަވަރުތައް އަޅަނީ ސެންޓްރަލް ޕާކް ކައިރީގައި ހަދާފައިވާ ރެއިންކްރެސްޓް ޓަވަރުތަކުގެ ކުރިމައްޗަށް ރީތިގަސް މަގަށްވާ ގޮތަށް އޮތް ތިން ބިމުގައި އާއި ވެމްކޯގެ ކުނިކޮށި ކައިރިން އެޕޯލޯ ޓަވަރުތަކާއި ޖެހިގެން ފިތުރޯނު މަގާއި ކުރެދިމާ ހިނގުން ގުޅޭ ކަންމައްޗަށްވާ ގޮތަށް އޮތް ހަތަރު ބިމުގަ އެވެ.
ޓަވަރުތަކުގައި ހަދާ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 700 އަކަފޫޓުގެ ތަންތަނެވެ. ތިން ކޮޓަރީގެ އެޕާޓްމަންޓް ތަކަކީ 900 އަކަފޫޓުގެ ތަންތަނެވެ. ޓަވަރުތަކުގެ އެންމެ ތިރި ބައެއް ފްލޯތައް ހާއްސަކުރަން ނިންމާފައިވަނީ ވިޔަފާރީގެ ބޭނުންތަކަށެވެ.
އެޗްޑީސީގެ އިއުލާންގައިވާ ގޮތުން ބައެއް އެޕާޓްމަންޓްތައް ވިއްކޭނީ ވަކި އަގެއްގަ އެވެ. އެގޮތުން ދެ ކޮޓަރީގެ ބައެއް އެޕާޓްމަންޓްތައް 1.5 މިލިއަން ރުފިޔާ އަށް އަދި ތިން ކޮޓަރީގެ ބައެއް އެޕާޓްމަންޓްތައް 2.5 މިލިއަން ރުފިޔާ އަށް ވުރެ ބޮޑުކޮށް ނުވިއްކޭނެ އެވެ.
ޕްލޭނިން މިނިސްޓްރީގެ ގައިޑްލައިންތަކާ އެއްގޮތަށް އެޕާޓްމަންޓްތައް ވިއްކަން ޝަރުތުކޮށްފައިވާއިރު އެޕާޓްމެންޓްތަކުގައި ފިނިޝިން މަސައްކަތްތަކާއި އެހެނިހެން މަސައްކަތްތައް އެޗްޑީސީގެ ގައިޑްލައިންތަކާއި އެއްގޮތަށް ކުރަންވެސް ޖެހެ އެވެ.
އެޗްޑީސީން ދޫކުރާ ބިންތަކުގައި ހަދާ އެޕާޓްމަންޓްތަކުގައި ދިރިއުޅޭ މީހުންނަށް ޕާކިން ޖާގަތަކެއް ތަަރއްގީކުރަންޖެހެ އެވެ.
އެޕާޓްމަންޓްތައް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޗްޑީސީގެ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޖޫން ހަޔަކުން 23ގެ ނިޔަލަށެވެ.
އެޕާޓްމަންޓް އެޅުމުގެ ބީލަންތައް ކާމިޔާބު ކުރާ ފަރާތްތަކުން އެޗްޑީސީއާ އެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން އެޕާޓްމެންޓްތައް މާކެޓްކޮށް ޕްރޮމޯޓް ނުކުރުމަށްވެސް އެޗްޑީސީން އަންގާފައިވެ އެވެ. އަދި ބުކިން ފީ ފަދަ އެއްވެސް ފައިސާއެއް އެޕާޓްމަންޓް ގަންނަ ފަރާތެއްގެ އަތުން ނެގުމުގެ ކުރިން އެޗްޑީސީން ހުއްދަ ހޯދަންވެސް ޖެހެ އެވެ. މީގެއިތުރުން އެއް ފަރާތަކަށް އެއް އެޕާޓްމަންޓަށް ވުރެ ގިނަ އެޕާޓްމަންޓް ނުވިއްކުމަށްވެސް އެޗްޑީސީން އަންގާފައިވެ އެވެ.