ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ މަލާމާތެއް؛ ވައުދުތައް ފުއްދަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުންް ވެފައިވާ ވައުދުތައް ނުފުއްދޭ ކަަމަށް ވިދާޅުވެ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ. ރައީސް ޔާމީންގެ ފާޑުވިދާޅުވުން ސަރުކާރަށް އަމާޒު ކުރެއްވީ އެމަނިކުފާނު ކުރެއްވެވި ޓްވީޓެއްގަ އެވެ.

މީގެ ހަފުތާއެއްހާ ދުވަސްކުރީން ޓްވިޓާ ބޭނުން ކުރައްވަން ފެއްޓެވުމަށް ފަހު ރައީސް ޔާމީން ގެންދަވަނީ ކޮންމެ ދުވަހަކުހެން ޓްވީޓެއް ކުރައްވަމުންނެވެ. މިއަދު ކުރެއްވި ޓްވީޓްގައި ސަރުކާރަށް ފާޑުވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވައުދުތައް ނުފުއްދޭ ކަމަށް ވިދާޅުވެފައެވެ.

ސަރުކާރަށް ފާޑުކިޔުން އަމާޒު ކުރައްވާ އެމަނިކުފާނު ފުރަތަމަވެސް ވިދާޅުވީ އުންމީދާއި ހިޔާލުވެސް ނުކުރެވޭ މިންވަރަށް މި ސަރުކާރުންވީ ވައުދުތައް ފުއްދަވައިފި ކަމަށެވެ. އެހެން ވިދާޅުވެ މަލާމާތުގެ އިމޯޖީއެއް ބޭނުން ކުރައްވާފައިވެއެވެ.

އަދި ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތައް އިއްވަން ފެށުމުން އެކަންކަން ހުއްޓުވަނީ ފުލުސް ބެރިކޭޑްތަކުން ކަމަށެވެ. އެމަނިކުފާނު އިޝާރާތް އެ ކުރައްވަނީ އެއްވުމުގެ ހައްގު ހިފަހައްޓަވާފައިވާ ހިފެހެއްޓުމަށެވެ.

ސަރުކާރުން ވީ އެއްވެސް ވައުދެއް ނުފުއްދިވީނަމަވެސް މިހާރުވެސް އަމާޒު ހިފާފައިވަނީ ކުރިއަތް 2023 ގެ އިންތިހާބަށް ކަމަށާ ރައީސް އުޅުއްވަނީ މީޑިއާތަކާއިވެސް ދުރުން ފިއްލަވައިގެން ކަމަށް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ރައީސް ސޯލިހް އަދި ރަސްމީކޮށް އިއުލާނު ނުކުރައްވަ އެވެ. ނަމަވެސް އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅުން ގެންދަވަނީ 2023 ގެ އިންތިހާބުން މޮޅުވެ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ހޯދާ ދިނުމަށް މަސައްކަތް ކުރައްވަމުންނެވެ.

ރައީސް ސޯލިހް ދެވަނަ ދައުރަކަށް އިންތިހާބު ކުރައްވަން ބޭނުންފުޅުވާ ކަމަށް ބައެއް ވަޒީރުން ގެންދަވަނީ ވަރަށް ފާޅުގައި ވިދާޅުވަމުންނެވެ. ވަރަށް ބޮޑު ވާދަވެރިކަމާއި ފޯރިއެއް އޮތް އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ކެމްޕެއިން ބޮޑަށް ބިނާ ކުރައްވާފައިވަނީވެސް ރައީސް ސޯލިހަށް ދެވަނަ ދައުރެއް ހޯއްދަވައިދެއްވުމަށެވެ.

ރިޔާސީ ދެވަނަ ދައުރެއް ހޯއްދެވުމުގެ މަސައްކަތް ރަސްމީ ނުކުރެވި ވަނީ އެމްޑީޕީގެ ތެރޭގައި އޮތް ބައިބައިވުމާއި ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ކަަމަށް ބެލެވެއެވެ. ރައީސް ސޯލިހަށް ދެވަނަ ދައުރެއްގެ ފުރުސަތު ދެއްވަން ރައީސް ނަޝީދު ބޭނުންފުޅެއް ނުވެއެވެ. 2023 ގެ އިންތިހާބުގައި ވާދަކުރައްވަން މިހާރުވެސް ނަޝީދު ވަނީ ޝައުގުވެރިކަން ފާޅު ކުރައްވާފަ އެވެ. ރިޔާސީ ޓިކެޓް ހޯއްދެވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދު ވާދަ ކުރައްވާނެ ކަމަށް އެމަނިކުފާނުގެ ކޮއްކޯފުޅު އީވާ އަބްދުﷲ ވެސް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.