އެމްޑީޕީ

މިއީ އެމްޑީޕީ ސަރުކާރެކޭ ބުނަން ލަދުގަނޭ: ޒާހިރު

May 11, 2022
2

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ކަމަށް ބުނަން މިހާރު ލަދުގަންނަ ކަމުގައި އެމްޑީޕީގެ ގައްދޫ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ސަރުކާރާއި އެމްޑީޕީގެ ބައެއް ކަންކަމުގައި ހިތްހަމަޖެހިވަޑައިނުގެން އަހްމަދު ޒާހިރު ވާހަކަދައްކަވާފައި މިވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމުގެ ފޯރިގަދަވެފައި ވަނިކޮށެވެ.

އަހްމަދު ޒާހިރު ކެމްޕޭން ކުރައްވަނީ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަމުން ގެންދަވާ މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހްމީ އަށެވެ.

އަހްމަދު ޒާހިރު ވިދާޅުވީ އޭނާ ތަމްސީލް ކުރައްވާ ގައްދޫ ދާއިރާގެ ގައްދޫގައި ހުންނަ ފެނަކަ އޮފީހުގެ މެނޭޖަރު އެ ރަށުގައި ތިބޭ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މުވައްޒަފުންނާ ބިރުދައްކަމުންދާ ކަމަށެވެ. އަދި ވަޒީފާ އިން ކަނޑާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ތުހުމަތު ކުރައްވާ އެ އިންޒާރު ދިނީ ކޮން ހައިސިއްޔަތަކުންތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

މީގެއިތުރުން ގައްދޫގައި ތިބޭ އާރްޑީސީގެ މުވައްޒަފުން ހަވާލުކޮށްފައިވަނީ ގައްދޫ ފެނަކަ އޮފީހާތޯ ވެސް ސުވާލުކުރައްވާފައިވެ އެވެ.

"ލަދުގަނޭ މީ އެމްޑީޕީގެ ސަރުކާރެކޭ ބުނަން. މުޅި އެމްޑީޕީ ހަރާބްކޮށްފި،" ގައްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޒާހިރު އާދަމްގެ ދަރިކަލުން އަހްމަދު ޒާހިރު ވިދާޅުވި އެވެ.

އަހްމަދު ޒާހިރު މީގެކުރިން މަޖިލީހުގެ ޖަލްސާއެއްގައި ވެސް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ ވިޔަފާރިތައް ކުރިއެރުވުމުގެ ބަދަލުގައި ސަރުކާރުން ކުންފުނިތައް ހަދައިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަރައިގަންނަމުންދާ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ ވިދާޅުވީ ސަރުކާރުގެ ސަތޭކަ ޕަސަންޓް ހިއްސާވާ އެގްރޯ ކުންފުންޏަށް ގައްދޫއާއި އިއްވެގެން އޮތް ގަން ދިނުމަކީ ފޭރުމުގެ އަމަލެއް ކަމަށެވެ.

"އަޅުގަނޑު ސަރުކާރަށް ދަންނަވަން މިކަހަލަ ފޭރޭ ވައްތަރަށް ކަންކަން ނުކުރައްވާށޭ. މިއީ ވަރަށް ބޮޑު ގޯހެކޭ. ރައްޔިތުން ހިތްހަމައެއް ނުޖެހޭ މިގޮތަށް ކަންކަން ދިޔައީމައެއް،" އަހްމަދު ޒާހިރު ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު އޮތީ އަންނަ ހޮނިހިރު ދުވަހު އެވެ. މިއިންތިހާބުގައި އެންމެ ފޯރިގަދައީ ޗެއާޕާސަންގެ މަގާމެވެ. އެ މަގާމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމުގައިވާ އިމްތިޔާޒު ފަހްމީ އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ކެމްޕޭނަށް އަތޮޅުތަކުގެ ހުރިހާ ރަށަކަށް ވަޑައިގެން އެމްޑީޕީގެ މެންބަރުންނާ މިހާރު ވަނީ ބައްދަލުވެސް ކުރައްވާފަ އެވެ.