ގައްދޫ

ގައްދޫ އާއި ގަން ގުޅާލުމަށްވެސް ރައީސް ވައުދުވެވަޑައިގެންފި

ގދ. ގައްދޫ އާއި ގދ. ގަން ގުޅާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންފި އެވެ.

ގަމަކީ ރަތަފަންދޫއާއި އެންމެ ކައިރީގައި ފުން ކަނޑުއޮޅިއަކާ ޖެހިގެން އޮންނަ ފަޅު ރަށެކެވެ. ގައްދޫ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި އެ ރަށް ހިމަނައިދިނުމަކީ ގައްދޫ ކައުންސިލުން ސަރުކާރުގައި އެދިފައިވާ ކަމަށެވެ.

ރައީސް ސޯލިހް ހުވަދު އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި މިރޭ ގައްދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ގައްދޫ ރައްޔިތުން ގައްދޫގެ ބައެއްގެ ގޮތުގައި ގަން ހަމަޖައްސަން ބޭނުންވާތީ އެމަނިކުފާނަށް ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ގައްދޫ އާއި ގަން ގުޅާލާނެ ކަމަށެވެ.

ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ގައްދޫއަށް ބައެއް އިތުރު ކަންކަން ކޮށްދިނުމަށްވެސް ރައީސް މިރޭ ވަނީ ވައުދުވެވަޑައިގެންފަ އެވެ. އެގޮތުން ގައްދޫއަށް އިތުރު 30 ހެކްޓަރުގެ ބިން ހިއްކައިދިނުމާއި، ގައްދޫގެ މަގުތައް ހަދަމުންދާއިރު ރަށުގެ ހުރިހާ މަގެއް އެމަޝްރޫއަށް އިތުރުކުރުމާއި،
އަލަށް ހިއްކާ ބިމުގައި 100 ރޯހައުސް އަޅައިދިނުމާއި، ގައްދޫގައި ޕޮލިޓެކްނިކްގެ އާ އިމާރާތެއް އެޅުމަށްވެސް ރައީސް ވައުދުވެވަޑައިގެންނެވި އެވެ.

ރައީސް ސޯލިހް މިއަދު މަޑަވެއްޔަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެރަށާއި ހާދޫ ގުޅާލުމަށްވެސް ވައުދުވެވަޑައިގެންފަ އެވެ. އަދި ރަތަފަންދޫއަށް މިއަދު ކުރެއްވި ދަތުރުފުޅުގައި އެރަށާއި ކުރެއްދޫ ގުޅާލުމަށްވެސް ރައީސް ސޯލިހް ވައުދުވެވަޑައިގެންނެވި އެވެ.