ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ވާދަވެރިންގެ ސިޔާސަތެއް ނެތް: ރައީސް

ވާދަކުރައްވަން ތިއްބެވި ބޭފުޅުންގެ ފަރާތުން ހަރުދަނާ އެއްވެސް ސިޔާސަތެއް ފެނިގެން ނުދާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ފާޑު ވިދާޅުވެއްޖެ އެެވެ.

ގދ. ގައްދޫގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނަށް ވާދަވެރިންގެ ފަރާތުން ފެންނަނީ މުޅިންވެސް އެމްޑީޕީން ކުރަން ބުނި ކަންކަން ނުވާނެ ކަމަށް ބުނާ ބުނުމެއް އެކަނި ކަމަށެވެ.

"ވާދަވެރިންގެ މެނިފެސްޓޯއަކަށް މިވަނީ އަޅުގަނޑުމެން ވީ ވައުދުތަކަކީ ނުކުރެވޭ [އެއްޗެއް] ކަމަށް ބުނުން. އެހެންނަމަވެސް މިއަދު ފަސް އަހަރު ފުރިގެންދާއިރު މިތިބީ އެ ވައުދުތަކުގެ ބޮޑު ބައި ނިންމައިގެން," ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިވެރިކަމުގައި ސިޔާސީ ބޭނުމެއްގައި އަދި ނުހައްގުން އެއްވެސް މީހަކު ޖަލަށްލާފައި ނުވާނެ ކަމަށެވެ. ނަމަވެސް އެގޮތަށް އެމަނިކުފާނު ވިދާޅުވީމާ އިދިކޮޅު ފަރާތްތަކަށް އެކަންވެސް ގަބޫލުނުކުރެވިގެން އުޅޭ ކަމަށް ވިދާޅުވި އެވެ. އެހެން އެދިމާވަނީ އެބޭފުޅުންގެ ވެރިކަމުގައި އެގޮތަށް އަމަލުކުރެވިފައިވާތީ ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

"ސިޔާސީ އެއްވެސް ލީޑަރަކު ސިޔާސީ ބަންދެއްގައި ނުހުންނާނެ. އެންމެ ކޯޓެއްގެ ފުރާޅުންވެސް ޓިނެއް ނުނަގަން. ވެރިކަން ކުރެވިއްޖެ،" ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގި ކަމަށް ބުނާ މައްސަލައަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މީގެކުރިން ފެންނަނީ ވެރިކަމުގައި އޮންނަ ބަޔަކު ބަލިކުރުމަށް އިދިކޮޅުން ގުޅިގެން މަސައްކަތް ކުރާ މަންޒަރު ކަމަށެވެ. ނަމަވެސް މިފަހަރު އިދިކޮޅުގައި ވެރިކަން ކުރަން ބޭނުންވާ ބޭފުޅުން ގިނަވުމުން ގުޅިގެން މަސައްކަތް ނުކުރެވި ތިއްބާ އެމަނިކުފާނު އިންތިހާބުގައި ވާދަކުރައްވަނީ ކޯލިޝަނެއް ހަދައިގެން ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުގައި ގިނަ ކެންޑިޑޭޓުން ވާދަކޮށް ވެރިކަން ހޯދަން މަސައްކަތް ކުރުމަކީ ޑިމޮކްރަސީއަށް ފައްކާވަމުންދާ ކަން އަންގައިދޭ ކަމެއް ކަމަށެވެ. އެކަމަށްޓަކައި ޕާޓީތަކަށް ޝުކުރު އަދާކުރައްވަމުން ރައީސް ވަނީ ސިޔާސަތުތަކެއް ދެއްކުމަށް ވާދަވެރިންނަށް ގޮވާލައްވާފަ އެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަކީ ހާމަކަން ބޮޑު ގޮތެއްގައި ހިންގަމުންދާ ފުރިހަމައަށް ޖަވާބުދާރީވާ ސަރުކާރެއް ކަމަށެވެ. އެހެންކަމުން ސެޕްޓެމްބަރު ނުވަވަނަ ދުވަހު ރައްޔިތުން ވޯޓުލާއިރު ވިސްނާފައި ވޯޓުލުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.