މޯލްޑިވްސް ޕޮލިސް ސާވިސް

އޮޕަރޭޝަނެއްގައި ރިސޯޓަކާއި ފަޅުރަށަކުން ބަޔަކު ހައްޔަރުކޮށްފި

May 11, 2022

މަސްތުވާތަކެތީގެ މައްސަލައެއްގައި ތުހުމަތުކުރެވޭ ބަޔަކު ހޯދަން ރިސޯޓަކާއި ފަޅު ރަށެއްގައި އޮޕަރޭޝަން ހިންގުމަށް ފަހު ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ އދ. އަތޮޅުގައި ހިންގާ ރިސޯޓަކާއި ގއ. ކުނބުރުގަ އެވެ.

ކުނބުރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

ފުލުހުންގެ އިންޓެލިޖެންސާއި ގެމަނަފުށީ ޕޮލިސް ސްޓޭޝަން ގުޅިގެން މި މަހުގެ ނުވަވަނަ ދުވަހު ކުނބުރުގައި ހިންގި އޮޕަރޭޝަނުގައި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ޕެކެޓް ހޯދާފައިވެ އެވެ. ނަމަވެސް އަދި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

އދ. އަތޮޅުގެ ރިސޯޓެއްގައި ހިންގި އޮޕަރޭޝަންގައި އެ ރިސޯޓުގެ ބަނދަރުމަތިން ތިން މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 90 ސެލޯފިންކޮޅާއި، ބަނގުރާ ފުޅިއަކާއި، ފިލްމު ހުސްކުރި ދެ ދަޅު އެ މީހުންގެ އަތުން ފެނިފައިވެ އެވެ.

ރިސޯޓުގައި މިއަދު ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހަކާ އަދި 24 އަހަރުގެ މީހެކެވެ.

ފުލުހުން ބުނީ މިމައްސަލަތައް އިތުރަށް ތަހުގީގުކުރަމުންދާ ކަމަށާއި ދައުވާކުރަންޖެހޭ މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވާނެ ކަމަށެވެ.