އެޗްއާރްސީއެމް

އެޗްއާރްސީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހުޅުވާލައިފި

May 11, 2022
1

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

އެޗްއާރްސީއެމްގެ ސެކްރެޓަރީ ޖެނަރަލް (އެސްޖީ)ގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މުހައްމަދު ޔާމީންގެ ސުލޫކީ މައްސަލައެއް ބަލަން ފެށުމާ އެކު އޭނާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެޗްއާރްސީއެމް އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ތައުލީމީ މުއައްސަސާ އަކުން ލެވެލް ހަތެއް ނުވަތަ އަށެއްގެ ސަނަދެއް ހާސިލް ކޮށްފައިވާ އުމުރުން 25 އަހަރާއި 55 އަހަރާ ދެމެދު ކޮންމެ މީހަކަށްވެސް އެސްޖީގެ މަގާމަށް ކުރިމަތިލެވޭނެ ކަމަށެވެ.

މި މަގާމަށް ބޭފުޅަކު ހޮވުމުގައި ހިއުމަން ރިސޯސް މެނޭޖްމަންޓް، އެކައުންޓިން، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ފައިނޭންސް، ސޯޝަލް ސައިންސަސް، ގާނޫނީ ދާއިރާ ނުވަތަ އިންސާނީ ހައްގުތަކުގެ ދާއިރާއިން ކިޔަވާފައިވާ އަދި ހިންގުމުގެ ދާއިރާގެ އިސް މަގާމެއްގައި މަދުވެގެން އަށް އަހަރުގެ ތަޖުރިބާ ހުރި ބޭފުޅުންނަށް އިސްކަން ދިނުމަށް ނިންމާފައިވެ އެވެ.

އެޗްއާރްސީއެމްގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށެވެ.

މަގާމަށް ހޮވޭ ބޭފުޅަކަށް މުސާރައިގެ ގޮތުގައި 20،500 ރުފިޔާ، ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އަދި ފޯނު އެލެވެންސްގެ ގޮތުގައި 1،000 ރުފިޔާއާ އެކު ޖުމްލަ މުސާރައިގެ ގޮތުގައި މަހަކު 36،500 ރުފިޔާ ލިބޭނެ އެވެ.