ލައިފްސްޓައިލް

ޓީޗަރަށް މަގްބޫލު ދަރިވަރު ހާމަކުރީ މޮޅަށް!

ކުޑަ ކުދިންގެ މުސްތަގްބަލްގެ ބިންގާ އަޅައި ދިނުމުގެ އެކުދިންގެ މައިންބަފައިން ފިޔަވައި ދެން އެންމެ އިސް ރޯލެއް ކުޅެނީ އެކުދިންނަށް ކިޔަވައިދޭ ޓީޗަރުންނެވެ. އެ ކުދިންނަށް އަމިއްލަ ނަފްސަށް އިތުބާރު ކުރަން ދަސްކޮށްދީ، ހިތްވަރާއެކު އިތުރަށް މަސައްކަތް ކުރާނެ ގޮތް ބުނެދީ އަދި ރަނގަޅު މަގަށް މަގުދައްކާ ބަޔަކަށް ވެސް ޓީޗަރުން ވެއެވެ.

ދާދިފަހުން ސޯޝަލް މީޑިއާގައި މިފަދަ ޓީޗަރެއްގެ މަސައްކަތަށް ވަރަށް ގިނަ ބަޔަކު ތައުރީފުކުރި ތަން ފެނިފައި ވެއެވެ. ކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ވަރުގަދަ ކުރުމަށްޓަކައި އެ ޓީޗަރު ބޭނުންކުރި އިނޮވޭޓިވް ޓެކްނިކެއްގެ ސަބަބުންނެވެ. މި ޓީޗަރަކީ ތުރުކީގެ ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރާ ހުލޫސީ ޖުކޫރު އެވެ. އަދި މި ވީޑިއޯ އޭޕްރީލް 22 ގައި ސޯޝަލް މީޑިއާގައި ފުރަތަމަ ޕޯސްޓްކުރީ ވެސް ހުލޫސީ އެވެ.

މި ވީޑިއޯގައި ފެންނަނީ ޓީޗަރަށް އެންމެ މަގްބޫލު ކުއްޖާ ބުނެދިނުމަށް ހުލޫސީ ކުރި ކަމެކެވެ. މި ކަމަށް އޭނާ ބޭނުން ކުރީ ބޯކަރުދާސް ފޮށިގަނޑެކެވެ. ކްލާހުގައި މި ފޮށިގަނޑު ބަހައްޓާފައި ފަހަރަކު ކުއްޖަކު ގޮސް އެ ފޮށިގަނޑު ތެރެ ބަލަން އޭނާ އެދުނެވެ. އޭރުން އެ ކުއްޖަކަށް ޓީޗަރަށް އެންމެ ފޭވަރިޓް ކުއްޖާ އެނގޭނެ ކަމަށް ވެސް ބުންޏެވެ.

ޓުވިޓާގައި މީހަކު ޝެއާ ކޮށްފައިވާ މި ވީޑިއޯގައި ފެންނަނީ ކުލާސް ތެރޭގައި ކުދިންނާ ތަންކޮޅެއް ދުރުގައި ހުރި ގޮނޑިއެއްގެ މަތީގައި ފޮށިގަނޑު ބަހައްޓާފައި ހުއްޓަ އެވެ. އަދި ފަހަރަކު ކުއްޖަކު އައިސް ފޮށިގަނޑު ތެރެ ބަލާލުމަށް ފަހު ވަރަށް އުފަލުން ހެވިފައި ހުރެ އެތަނުން އެނބުރި ދާތަނެވެ. ކޮންމެ ކުއްޖެއްގެ މޫނަށް ވެސް ވެރިވާ އުފާވެރިކަމުގެ ހިނިތުންވުމުން އޭގައި ވަނީ ކުއްޖާ ވަރަށް އުފާވާ ކަހަލަ އެއްޗެއްކަން ޔަގީންކުރެވެ އެވެ. ނަމަވެސް އެއީ ކޯޗެއްކަމެއް ނޭނގެ އެވެ.

ހުރިހާ ކުދިން ފޮށިގަނޑަށް ބަލާ ނިމުމުން ޓީޗަރު ހާމަކުރި ގޮތުގައި އެ ފޮށިގަނޑުގެ ތެރޭގައި އޮތީ މޫނުބަލާ ލޯގަނޑެކެވެ. ކޮންމެ ކުއްޖަކު ވެސް ގޮސް ފޮށިގަނޑު ތެރެ ބަލާލާއިރު ފެންނަނީ ލޯގަނޑުން އެ ކުއްޖާގެ މޫނެވެ.

ޓިޗަރު މިކަން ކުރި މަގްސަދަކީ ހުރިހާ ކުދިންނަކީ ވެސް އޭނާގެ ފޭވަރިޓުން ކަން ކުދިންނަށް އަންގާދިނުމެވެ. ވަކި ޚާއްސަ ކުއްޖެއް އޭނާއަށް ނެތް ކަން ބުނެދިނުމެވެ.

މޭ 7، 2022 ގައި ޝެއާކޮށްފައިވާ މި ވީޑީއޯއަށް މިލިއަނަށް ވުރެ ގިނަ ވިއުޒް ލިބިފައި ވެއެވެ. އަދި އެތައް ހާސް ފަހަރަކު ރިޓުވިޓްކޮށް ގިނަ ބަޔަކު ވަނީ ޓީޗަރަށް ތައުރީފުކޮށް ކޮމެންޓް ކޮށްފަ އެވެ.

ކޮންމެ މީހަކުވެސް ފާހަގަކުރީ ޓީޗަރުގެ ދުރު ވިސްނުމާއި ކުޅަދާނަ ކަމެވެ. އަދި ފޮށިގަނޑަށް ބަލާލާފައި އެކި ކުދިން އުފަލުން ގޮސް ހަރަކާތްކުރި މަޖާ ގޮތް ގޮތް ވެސް ވަރަށް ގިނަ މީހުން ފާހަގަ ކޮށްފައި ވެއެވެ.

މީގެ އިތުރަށް ވެސް ހުލޫސީ ވަރަށް ގިނައިން ކިޔަވައިދިނުމުގެ އިތުރުން ކުދިން އުފާވާ ކަހަލަ ގިނަ ކަންތައްތަކެއް ކުލާސް ތެރޭގައި ކުރެ އެވެ. އެގޮތުން އޮރިގާމީ ޑިޒައިން ހަދާނެ ގޮތް ކުދިންނަށް ދަސްކޮށްދިނުން ހިމެނެ އެވެ. އެ ދުވަހުގެ ވީޑީއޯ ވެސް ހުލޫސީ ޝެއާ ކޮށްފައި ވެއެވެ. ކޮންމެ ކުއްޖަކުވެސް ވަރަށް އުފަލުން ތިބެ އޮރިގާމީ ޑިޒައިންތައް ހެދޭތޯ މަސައްކަތް ކުރަމުން ދިޔަ ތަން ވީޑިއޯގައި ފެނެ އެވެ.

ހުލޫސީގެ އިންސްޓަގްރާމްގައި މިކަހަލަ ގިނަ ގުނަ ވީޑިއޯތަކާއި ފޮޓޯތައް ޝެއާކޮށްފައި އެބަހުއްޓެވެ. މީގެން ކޮންމެ ވީޑިއޯއެއްގައި ވެސް ކުދިން ޝައުގުވެރިވާ ގޮތަށް ކިޔަވައިދޭނެ ގޮތްތައް ދައްކާފައި ވެއެވެ.

ޓީޗަރެއްގެ ގޮތުގައި ކެރިއަރެއް ބިނާކުރަން ބޭނުންވާ ހަމަ ކޮންމެ މީހަކަށްވެސް ހުލޫސީގެ މަސައްކަތުން ހިތްވަރު ލިބޭނެކަން ޔަގީނެވެ.