ލައިފްސްޓައިލް

މި އަވަށުގެ އެންމެން ކޮންމެ އަހަރަކު 12 ގަޑިއިރަށް ގެ ހުސްކުރޭ!

އިންޑިއާ އަކީ ވަރަށް ގިނަ ތަފާތު ސަގާފަތްތަކާއި އާދަކާދަތަކެއް ގެންގުޅޭ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅޭ ގައުމެކެވެ. އެ ގައުމުގެ އެކި ހިސާބުތަކުގެ އެކި ސިޓީތަކާއި އަވަށްތަކުގައި މީހުންނަށް ގަބޫލުކުރަން ދަތި ތަފާތު ކަންތައްތައް ކާބަފައިން ކޮށް އުޅުނު ކަންތައްތައް ކަމަށް ބުނެ މިހާރު ވެސް ކޮށް އުޅެ އެވެ. ރަށްފުށުގެ ހިސާބުތަކުގައި ބޯދާ ސަގާފީ ކަންތައްތައް މިހާރު ވެސް ގިނަ ބަޔަކު ވަރަށް ފަރުވާތެރިކަމާއެކު ކުރަމުން ގެންދެ އެވެ.

ބިހާރުގެ ވެސްޓް ޗަމްޕަރަން ޑިސްޓްރިކްޓްގެ ބަގާގައި އޮންނަ ނޮރަންގިޔާ އަވަށަކީ ވެސް މިފަދަ ޒަމާންވީ ބޯދާ ސަގާފަތްތަކަކަށް މިހާރުވެސް އަމަލުކުރަމުންދާ ބައެކެވެ.

މި އަވަށުގެ މީހުން ކޮންމެ އަހަރެއްގެ ވެސް ވަކި ދުވަހެއްގައި އެމީހުންގެ ގެތަކުން ނުކުމެ ޖަންގަލި ތެރެއަށް ވަދެ 12 ގަޑިއިރު ޖަންގަލީގައި ހޭދަކުރެ އެވެ. އެ ދުވަހު އެ އަވަށުން އިންސާނުން ފިޔަވައި ޖަނަވާރެއް ވެސް ނުފެންނާނެ އެވެ. އެމީހުން ދާއިރު ދަނީ ގެންގުޅޭ ހުރިހާ ޖަނަވާރުތަކަށް ދަންދެން ގޮވައިގެންނެވެ. މިއީ ކާބަފައިންގެ ޒަމާނުއްސުރެ ކޮންމެ އަހަރަކު އެމީހުން ކުރާ ކަމެކެވެ. މިކަން ކުރަނީ ކަލާންގެ ކޯފާއިން ސަލާމަތްވާނީ މިކަން ކޮށްގެން ކަމަށް އެމީހުން ގަބޫލުކުރާތީ އެވެ.

އަވަށުގައި ދިރިއުޅޭ ދުވަސްވީ ތަޖުރިބާކާރު މީހުން ބުނާ ގޮތުގައި އެ އަވަށަކީ ގުދުރަތީ ކާރިސާތައް ވަރަށް ގިނައިން ދިމާވާ އަވަށެކެވެ. އަދި އެ އަވަށުގެ މީހުން ވަރަށް ފަސޭހައިން އެކި ކަހަލަ ބަލިމަޑުކަމުގެ ޝިކާރައަށް ވެއެވެ. ކަށިވިދުރި އާއި ކޮލެރާ ފަދަ ބަލިމަޑުކަން އެ އަވަށަށް ފެތުރުނުކަން އެމީހުން ފާހަގަކުރެ އެވެ. އަދި އެ އަވަށުގެ ގޭގޭގައި ވަރަށް ގިނައިން އަލިފާނުގެ ހާދިސާތައް ވެސް ހިނގާ ކަމަށް ވެއެވެ.

އަވަށުގެ މީހުން އެހާ ހާލުގައި އުޅެނިކޮށް އެމީހުންނަށް އަހަރަކު 12 ގަޑިއިރު މުޅި އަވަށް ހުސްކޮށްލަން ބުނެދިނީ އެމީހުން އެ ފާދިރީއަކަށް ތަބާވާ ކޮންމެވެސް ފާދިރީ އެކެވެ. އަވަށުގެ މީހުން ފާދިރީގެ ބަސް އަހައި 12 ގަޑިއިރަށް މުޅި ރަށް ހުސްކުރި އެވެ. އަދި އެކަން ކުރަން ފެށިތާ އެތައް ޒަމާނެއް ވެފައިވީ ނަމަވެސް އަދިވެސް އެމީހުން މިކަން ބަރާބަރަށް ކުރަމުން ގެންދެ އެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި މިކަން ކުރާތީ އެ އަވަށަށް އަމާންކަން ލިބި ބޮޑެތި ބަލިތައް ފެތުރުން ވަނީ މަދުވެފަ އެވެ. އަދި އަލިފާނުގެ ހާދިސާތައް މަދުވުމުގެ އިތުރުން ގުދުރަތީ ކާރިސާތައް އަވަށަށް ކުރިމަތިވާލެއް މިހާރު މާ މަދެވެ.

މިހާ ގިނަ އަދަދެއްގެ މީހުން ޖަންގަޔަށް ވަދެ ބޮނޑިއަކަށް ތިބުމުން ކޮވިޑް ފަދަ ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރިދާނެތީ އެކަން ނުކުރަން ކަމާ ބެހޭ އިދާރާތަކުން އެތައް ފަހަރަކު ވަނީ އަވަށުގެ މީހުންނަށް އަންގާފަ އެވެ. ނަމަވެސް އެމީހުން އެ އަޑެއް ނާހަ އެވެ. އަދި އެމީހުން ހުއްޓުވުމުގައި ކަމާބެހޭ އިދާރާތަކަށް ވަނީ ނުކުޅެދިފަ އެވެ.