ނައިބް ރައީސް ފައިސަލް ނަސީމު، އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި އެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި އެ މަނިކުފާނުގެ އަނބިކަނބަލުން އައިޝަތު ޝަމްޞަދާ އަދި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ދަތުރުފުޅުގައި ނައިބް ރައީސް ވަނީ "ޕުޓިން ސަސްޓެއިނަބަލް އެންޑް ރެޒިލިއެންޓް ޓޫރިޒަމް އެޓް ދި ހާޓް އޮފް އެން އިންކްލޫސިވް ރިކަވަރީ" މައުލޫއަށް އދގެ އާންމު މަޖިލީހުގައި ބޭއްވި މަތީ ފެންވަރުގެ ތީމެޓިކް ބަހުސްގައި ތަގުރީރު ކުރައްވާފަ އެވެ.
މި ބަހުސް އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ -- ޔޫއެންޑަބްލިއުޓީއޯ އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް -- ޔޫއެންޑީޕީއާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް -- ޔޫއެންއީޕީ އަދި ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް ގުޅިގެން އިންތިޒާމު ކުރި ބަހުސް އެކެވެ.
ނައިބް ރައީސްގެ ތަގުރީރުގައި ވަނީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް މަގު ތަނަވަސްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އަމިއްލަ ވިޔަފާރިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުން މުހިއްމު ދައުރެއް އަދާކުރިކަމުގައި ވިދާޅުވެފަ އެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބް ވަނީ އދ.ގެ އާންމު މަޖިލީހުގެ ރައީސް، އަބްދުﷲ ޝާހިދުއާ އަދި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ވެސް ބައްދަލުކުރައްވާފަ އެވެ.