އެމްޑީޕީ

އިންތިހާބުގައި ނަމޫނާ ދައްކައިދިނުމަށް އިލްތިމާސްކޮށްފި

May 12, 2022

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އަންނަ ހޮނިހިރު ދުވަހު ވޯޓުލުން ކުރިއަށް ގެންދާއިރު ނަމޫނާ އިންތިހާބެއް ދައްކައިދިނުމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒު އިލްތިމާސް ކުރައްވައިފި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ފަސް އަހަރުގެ ދައުރަކަށް ހޮވަނީ ޗެއާޕާސަންގެ އިތުރުން އަންހެނުންގެ ރޫހާއި ޔޫތު ވިންގުގެ މަގާމުތަކެވެ. އެންމެ ފޯރިގަދައީ ޗެއާޕާސަންގެ މަގާމެވެ. އެ މަގާމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ އެވެ.

ޗެއާޕާސަން ހޮވުމަށް 94،211 މެމްބަރުންނަށް ވޯޓު ލުމުގެ ހައްގު ލިބޭއިރު އަންހެނުންގެ ރޫހުގެ މަގާމުތަކަށް ބޭފުޅުން ހޮވުމަށް 41،027 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. އަދި ޔޫތު ވިންގަށް ބޭފުޅުން ހޮވުމަށް 32،057 މެންބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

އިންތިހާބުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ނިޔާޒު ވިދާޅުވީ ހޮނިހިރު ދުވަހު ބާއްވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބަކަށް ވާތީ އިންތިހާބުގެ ހުރިހާ ކަމެއްގައި ވެސް އުޅޭނީ އެމްޑީޕީގެ މެންބަރުން ކަމަށެވެ. އެހެންކަމުން އިންތިހާބު ކުރިއަށްދާއިރު ހަމަޖެހުން ގެއްލޭ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމާއި އިންތިހާބުގެ ވާދަވެރިކަމާ އެކު ނަމޫނާ ދައްކައިދިނުމަށްވެސް އެދިވަޑައިގެންނެވި އެވެ.

"އެކަމަށް ހުރިހާ ބޭފުޅުން ވެސް އެއްބާރުލުން ދެއްވުމަށް އަޅުގަނޑު އެދެން،" މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރުން ކަންވެސް ކުރައްވަމުން ގެންދަވާ ނިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ އިންތިހާބުގެ ކެމްޕޭން ފޯރިއަކާ އެކު ކުރިއަށް ގެންގޮސް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވި ނަމަވެސް އިންތިހާބަށްފަހު އެމްޑީޕީ މެންބަރުން އެކަތިގަނޑެއްގެ ގޮތުގައި ޕާޓީއާ އެކު ކުރިއަށްދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން އެ ޕާޓީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު ބޭއްވުމުގެ ޒިންމާ އޮތީ އެ ޕާޓީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ރައީސަށެވެ. އެ މަގާމުގައި މިވަގުތު ހުންނެވީ އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އަނަސް ވިދާޅުވީ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިމްތިޔާޒުގެ ފަރާތްޕުޅުން އިންތިހާބާ ގުޅޭ ގޮތުން 17 ކަމެއް ހުށަހަޅާފައިވާ ކަމަށާއި އިންތިހާބު އިއުލާންކޮށްގެން ކުރިއަށް ގެންދަނީ އެ ހުރިހާ ކަމަކަށް ބަލައި އެކަން ހިމަނައިގެން ކަމަށެވެ. އިންތިހާބާ ގުޅޭ ޝަކުވާއެއް އޮތް ނަމަ އެކަމެއް ހުށަހެޅުމަށާއި އަދި އެކަމެއް ބެލުމަށް ހަމަހަމަ ފުރުސަތު އޮންނާނެ ކަމުގައިވެސް އަނަސް ވިދާޅުވި އެވެ.

"މެއި 14 ވަނަ ދުވަހު އިންސާފުވެރިކަމާ އެކު އިންތިހާބު ކުރިއަށްދާނެ ކަމުގެ ޔަގީންކަމުގައި ކުރިއަށް މިދަނީ،" ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަނަސް ވިދާޅުވި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހިމް މަނިކު ވިދާޅުވީ ވޯޓް ފޮށި ބަހައްޓަންޖެހޭ ތަންތަނުގެ ތެރެއިން 85 ޕަސަންޓް ތަންތަނަށް ފޮށި ފޮނުވިފައިވާ ކަމަށާއި ވަގުތު ޖެހޭއިރު ހުރިހާ އިންތިޒާމެއް ވެސް ފުރިހަމަކުރެވޭނެ ކަމަށެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބު ކުރިއަށް ގެންދާނީ ޕާޓީން މިހާތަނަށް ބޭއްވި އެތެރޭގެ އިންތިހާބުތައް ވެސް ކުރިއަށް ގެންދިޔަ ގޮތަށް ކަމުގައިވެސް ވިދާޅުވި އެވެ.

ވޯޓުލުން ކުރިއަށްދާއިރު ވޯޓު ކަރުދާސް ފޮޓޯ ނުނެގުމަށްވެސް މަނިކު ވަނީ އެދިވަޑައިގެންފަ އެވެ. ވޯޓު ކަރުދާސް ފޮޓޯ ނަގައިފނަމަ އެ ވޯޓު ކަރުދާސްކޮޅު ބާތިލްކޮށްލުމަކީ ވެދާނެ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

އިންތިހާބާ ގުޅޭ ޝަކުވާ ބަލާ ކޮމިޓީގެ ގޮތުގައި ތިން ބޭފުޅުން ހިމެނޭ ކޮމިޓީއެއް ވެސް އެމްޑީޕީން ވަނީ އެކުލަވާލާފަ އެވެ. ކޮމިޓީގެ މެންބަރުންނަކީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރާ އަދި ޝާތިރު އަބްދުއްރަހްމާން އެވެ.

އެމްޑީޕީގެ އެތެރޭގެ އންތިހާބުގައި 194 ރަށުގައި ވޯޓު ފޮށި ބަހައްޓާއިރު އޭގެތެރެއިން 87 ފޮށި ހުންނާނީ މާލޭގަ އެވެ.