އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ އާޤްލާ އިޒްރޭލުން މަރާލުން މުޅި ދުނިޔެ ކުށްވެރިކޮށްފި އެވެ. އިޒްރޭލުގެ ގާތް އެކުވެރި އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން އަދި އިނގިރޭސި ގާނޫންހަދާ މަޖިލީހުގެ މެމްބްރުން ވެސް ވަނީ އިޒްރޭލުގެ ގޮތްކުޑަކަމާ މެދު ހައިރާންވެފަ އެވެ.
އިޒްރޭލަށް ދުނިޔެއިން ކުރިމަތިކޮށްފައި މިހާރު އޮތް ސުވާލަކީ ޝީރީން މަރާލަން ޖެހުނީ ކޮން ސަބަބެއް އޮވެގެންތޯ އެވެ. އެމެރިކާ ބުނާ ގޮތުން އެ ސަބަބު އިޒްރޭލުން ބުނެދޭން ޖެހެ އެވެ.
އެމެރިކާ އާއި ޔޫރަޕް އަދި އިނގިރޭސިންގެ މި އިހުސާސް އަރަބި ދުނިޔެ ގަބޫލެއް ނުކުރެ އެވެ. ހަމަ ޔަގީނުން ވެސް އެނގޭ ކަމަކީ އެމެރިކާ އާއި ބައިވެރިން އެދޭ ނަމަ ފަލަސްތީން މިހާރު އޮންނާނީ މިނިވަންވެފައި ކަމެވެ. ޝީރީން މަރާލި މީހަކު އިޒްރޭލަށާއި އެމެރިކާއަށް ފާޅުކަން ބޮޑު ގޮތުގައި މިހާރު ވެސް އެނގޭނެ ކަމެވެ.
ފަލަސްތީނަށް ހުރިހާ ނިކަމެތިކަމަކާއި ދުއްތުރާލެއް ޖައްސަނީ އެމެރިކާ އާއި އިނގިރޭސިވިލާތުންނެވެ. ދުނިޔޭގައި ހިނގާ ހުރިހާ އަނިޔާވެރި ކަމެއްގެ ފަހަތުގައި އޮތީ އެމެރިކާ އާއި އިނގިރޭސިވިލާތެވެ.
ޝީރީންގެ މަރާ ގުޅިގެން ދުނިޔެ އުތުރި އަރައިގަތުމުން އަމިއްލަ އެދުމުން ފޯވެފައި ތިބި އިޒްރޭލުގެ ވެރިން ތިބީ ނޭވާ އަވަސްވެފަ އެވެ. ބުނާނެ ނުބުނާނެ އެއްޗެއް ނޭގި މިހާރު ބުނަނީ ޝީރީން މަރާލި ބަޔަކު ނޭނގޭ ކަމަށެވެ.
ޝީރީން މަރާލި މައްސަލަ އިޒްރޭލުން ފުރަތަމަ އަޅުވަން މަސައްކަތްކުރީ ފަލަސްތީން މީހުންގެ ބޮލުގަ އެވެ. އިޒްރޭލުން ބުނީ އެއީ ފަލަސްތީން މީހުން ޖެހި އުންޑައެއް ކަމަށެވެ. އެކަމަކު ޝީރީންގެ ބޮލަށް އުންޑަ އަރާފައި ހުރީ ހަމައެހެން ހުރެފައި މީހަކު ޖަހާ ބަޑިއަކުން އުންޑައަރާ ގޮތަކަށް ނޫނެވެ.
ޝީރީންގެ ބޮލުގެ އަރިމައްޗަށް ވަޒަން އަރާފައި ހުރީ އުންޑަތަކުން ސަލާމަތްވާ ޝީރީންގެ ބޮލުގައި އަޅާފައި އޮތް ހެލްމެޓްގެ ތިރީ ކައިރިން ފާޅުވެފައި ހުރި ކުޑަ ތަންކޮޅަކަށެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ އެއީ ހުޝިޔާރު ސްނައިޕަރަކު -- އަމާޒަށް ބަޑިޖަހާ މީހެއްގެ ހަމަލާއެއް ކަމެވެ.
ފަލަސްތީންގައި އެގައުމަށް ނިސްބަތްވާ ސްނައިޕަރުން އުޅޭކަމެއް ނޭނގެ އެވެ.
އިޒްރޭލުގެ ދިފާާއީ ވަޒީރު ވިދާޅުވި ގޮތުގައި ނޫސްވެރިން ނުމަރަން އަސްކަރިއްޔާއަށް އޮންނާނީ އަންގާފަ އެވެ. އެހެންކަމުން ޝީރީން މަރާލި ގޮތެއް ހޯދުމަށްޓަކައި އޭނާގެ ގަޔަށް އަރާފައި ހުރި އުންޑަ ކޮންމެހެން ބޭނުންވެ އެވެ.
އިޒްރޭލަށް އުންޑަ ބޭނުންވަނީ އެއީ އިޒްރޭލުގެ އަސްކަރިއްޔާގެ އިންވެންޓްރީން ބޭރުވި ވަޒަނެއްތޯ ބެލުމަށެވެ. އެކަމަކު މިކަން ކުރަން ވެސް ތިބީ އިޒްރޭލަށް ވާގިވެރިވެގެން ތިބި ޔޫދީންނާއި އެމެރިކާގެ ގޮތްކުޑަ އަސްކަރީ ޖާހިލުންނެވެ.
އިޒްރޭލަށް އުންޑަ ހަވާލުކުރި ނަމަވެސް، ޒަމާންތަކެއްގެ ހޯދުމަށް ފަހު ވެސް ބުނާނީ އެއީ އިޒްރޭލުން ބޭނުންކުރާ ވައްތަރުގެ ބަޑިއަކަށް ލައްވާ ވަޒަނެއް ނޫން ކަމަށެވެ.
އެހެންކަމުން އެވަޒަނާ މެދު އަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ އަލްޖަޒީރާ އޮފީސް އިމާރާތުގައި ހަނދާނެއް ގޮތުގައި ބޭއްވުމެވެ. ނޫނީ ޓޫރިސްޓުން ޝައުގުވެރިވާ އެއްޗަކަށް ހަދައި ލިބޭ ފައިސާ ފަލަސްތީނަށް އެހީވުމެވެ.