އެމްޑީޕީ

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު: ބޮޑުތަނުން ކުރީގައި ފައްޔާޒު

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަަށް މިއަދު ބޭއްވި އިންތިހާބުތަކުގައި ނަތީޖާ އިއުލާނު ކުރަމުންދާއިރު މިހާތަނަަށް ސާފު ކުރެވުނު ނަތީޖާއިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފައްޔަ) ކުރި ހޯއްދަވައިފި އެވެ.

މިއަދުގެ އިންތިހާބަށް 281 ވޯޓް ފޮށި ބަހައްޓާފައިވާއިރު 108 ވޯޓްފޮށީގެ ނަތީޖާ ވަނީ އިއުލާނު ކޮށްފައެވެ. ގިނަ ވޯޓް ފޮށިތަކުން ކުރި ހޯއްދެވީ ފައްޔާޒެވެ. އެ ވޯޓްފޮށިތަކުން ފައްޔާޒް ވަނީ 18،000 ވުރެ ގިނަ ވޯޓް ހޯއްދަވާފައެވެ. އިމްތިޔާޒަށް ލިބިފައިވަނީ 10،000 ވޯޓެވެ.

ފައްޔާޒަަށް ތާއީދު އޮތް ކަމަަށް ބެލެވުނު ދާއިރާތަކުން ވަރަށް ބޮޑު އަޣުލަބިއްޔަތެއް ހޯއްދަވާފައިވެއެވެ. ބައެއް ވޯޓް ފޮށިތަކުން 90 ޕަސެންޓް ވޯޓް ހޯއްދަވާފައިވެއެވެ. އިމްތިޔާޒް ފަހްމީއަށް ބޮޑު ތާއީދެއް އޮތް ރަށްރަށުން ފައްޔާޒަށް ބޮޑު ނާކާމިޔާބަކާ ކުރިމަތިލާންވެސް ޖެހުނެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ކުރީން އޮތީ ހަވީރު ހަތަރެއް ޖަހަންދެން ވޯޓްގެ ކަންކަން ކުރިއަށް ގެންދާށެވެ. ނަމަވެސް އިރުއޮއްސި ހައެއް ޖެހުމާ ހަމައަށް ވަގުތު އިތުރު ކުރަން އިންތިހާބާ ބެހޭ ކޮމެޓީން ނިންމީ ވިއްސާރަވުމާއި އަދި ވޯޓުލާ ބައެއް މަރުކަޒުތަކުގައި ވޯޓުލުން ފެށުން ލަސްވުމާއި ގުޅިގެންނެވެ. ގިނަ ވޯޓްފޮށިތައް ހައެއް ޖެހިއިރު ބަންދުކޮށް ފަނަރަ މިނެޓް ފަހުން ވޯޓް ގުނަން ފެށިއެވެ. ބައެއް ވޯޓް ފޮށިތަކުގައި މައްސަލަ ޖެހި އަލުން ދަނީ ގުނަމުންނެވެ.

ގިނަ ޝަކުވާތަކެއް

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ސައްހަ ކަމާމެދު އިންތިގެ ކެމްޕެއިން ޓީމުން ވަނީ ސުވާލުކޮށްފައެވެ. އެގޮތުން އިންތިހާބުގެ އިންތިހާބުގެ ޖުމްލަ ނަތީޖާއަށް އަސަރު ކުރާނެ ވަރަށް ގިނަ ކަންކަން ފާހަގަ ކުރެވުމުން ހަތަރު ވޯޓް ފޮއްޓަކަށް ވޯޓްލުން ވަގުތީ ގޮތުން ހުއްޓުވައި ދިނުމަށް އެ ޓީމުން އެދިފައިވެއެވެ.

ނަމަވެސް އެކަމަށް އިންތިހާބާ ބެހޭ ކޮމެޓީން ގޮތްތަކެއް ނުނިންމި ކަމަށް ބުންޏެވެ.

ވޯޓްލުން ފެށި މާގިނަ އިރުތަކެއް ނުވަނީ އިމްތިޔާޒްގެ ކެމްޕެއިން ޓީމުން ވަނީ ވޯޓް ލުމުގެ ކުރީން ވޯޓް ކަރުދާސްކޮޅު ދައްކާ މައްސަލައެއް ފެންމަތިކޮށްފައެވެ.

އިމްތިޔާޒް ފަހްމީގެ ކެމްޕެއިން ތަރުޖަމާން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ފ. ނިލަންދޫގައި ވޯޓު ލުމަށްފަހު ވޯޓު ކަރުދާސް ދައްކަން އަންގަމުން ގެންދާ ކަމަށެވެ. މިއީ އެމްޑީޕީ އިން ނެރެފައިވާ ވޯޓުލުން ކުރިޔަށް ގެންދަން ޖެހޭ ގޮތުގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަަށާ އަދި ވޯޓުން މަކަރު ހަދަން ހިންގާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ވޯޓް ކަރުދާހުގައި ފާހަގަ ޖެހުމަށް ފަހު ވޯޓް ފޮއްޓަށް ލުމުގެ ކުރީން ކަރުދާސް ކޮޅު ދައްކާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް އޭނާ ހިއްސާ ކުރިއެވެ.

އެކަމަށް ރައްދީ ފައްޔާޒްގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ވަހީދު ވިދާޅުވީ ފ. ނިލަންދޫގައި ވޯޓްލަމުން ދިޔައިރު އިމްތިޔާޒް ތަމްސީލު ކުރާ މަންދޫބު، ވޯޓްލާ މީހުންގެ ވޯޓްކަރުދާސް ދައްކަން އަންގާފައިވާ ކަމަށެވެ. އަދި ވޯޓް ކަރުދާސްކޮޅު ވީޑިއޯ ކުރަމުން ގެންދާތީ ހަމަނުޖެހުން އުފެދުނު ކަމަށެވެ. އެއީ ގަސްތުގައި ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށްވެސް ތުހުމަތު ކުރިއެވެ.

އޭގެ ފަހުންވެސް އިމްތިޔާޒް ފަހްމީގެ ކެމްޕެއިން ޓީމުން ވަނީ ވަަރަށް ގިނަ މައްސަލަތައް ފެންމަތި ކުރިއެވެ. އެ ގޮތުން ޑަބަލް ވޯޓް ކަރުދާސް ދޫކޮށްފައިވާ ކަމަށް ތުހުމަތު ކުރެއެވެ. ކެންޕެއިން ތަރުޖަމާން ވަހީދު ވިދާޅުވީ ވޯޓްލާން އައި މީހުންގެ އަދަދަށް ވުރެ މާ ގިނައިން ފޮއްޓަށް ކަރުދާސް އަޅާފައިވާ ކަމަށެވެ.

"ރ. މަޑުއްވަރީ ދާއިރާ މާލެ ފޮށީގެ އޮފިޝަލް، ޑަބަލް ވޯޓް ކަރުދާސް ދޫކޮށްގެން ވަރަށް ފާޅުގައި ވޯޓް އަޅުއްވަމުން އެބަގެންދޭ. ވޯޓްލާން އައި މީހުންގެ އަދަދަށްވުރެ މާ ގިނަ ކަރުދާސް ވަނީ ފޮއްޓަށް އަޅާފައި،" ވަހީދު ކުރީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

މީގެ އިތުރުން ފުވައްމުލަކު މެދު ދާއިރާ މާލެ ފޮއްޓަށްވެސް ޑަބަލް ވޯޓް ކަރުދާސް އަޅާފައިވާ މައްސަލަ އަކާއި ވޯޓް ކަރުދާސް ފޮޓޯ ނެގުމަކީ މަނާ ކަމެއް ނަމަވެސް ވޯޓްލުމަށް ފަހު ކަރުދާސް ފޮޓޯ ނެގުމާއި ވޯޓް ކަރުދާހުގައި ޖަހާ ފާހަގަ ދައްކާ ކަމުގެ ވަރަށް ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށް ވަހީދު ވިދާޅުވެއެވެ.

ވަހީދުގެ މި ތުހުމަތުތައް ފައްޔާޒްގެ ކެމްޕެއިން މެނޭޖަރު ވަނީ ދޮގު ކުރައްވާފައެވެ. އިބްްރާހިމް ވަހީދު ވިދާޅުވީ ފައްޔާޒްއަށް ވޯޓްލާ މީހަކު ދެ ވޯޓް ކަރުދާހުގަައި ފާހަގަ ޖެހުމަށް ފަހު މެންބަރު ވަހީދަށް ފޮޓޯ ނުފޮނުވާނެ ކަމަށެވެ.

"ތިޔަ އުޅުއްވަނީ މި އިންތިހާބުގެ ސައްހަކަން ނަގާލަން. ރޭވިގެން ތިޔަ ހިންގާ ޖަރީމާތައް ހުއްޓާލައްވާ. ތިޔައީ އެމްޑީޕީގެ ސިފައެއް ނޫން،" މުހައްމަދު ވަހީދަށް ރައްދު ދެއްވާ އިބްރާހިމް ވަހީދު ވިދާޅުވިއެވެ.