ހުޅަނގުފަރާތުގައި ތަރައްގީ ކުރަމުން އަންނަ އާޓިފިޝަލް ބީޗް ހަދައި ނިމުމުން މިހާރު ހަންވޭރުގައި އޮންނަ އާޓިފިޝަލް ބީޗު ބަންދުކޮށް އިތުރަށް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހެންވޭރު އާޓިފިޝަލް ބީޗު ފާހާނާ ބަރި އިތުރައް ތަރައްގީކޮށް ހުޅުވުމަށް އެސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ހުޅަނގު ފަރާތުގައި ތަރައްގީ ކުރަމުން އަންނަ އާޓިފިޝަލް ބީޗަށް ފަހު ހެންވޭރު ބީޗުވެސް ތަރައްގީކުރަން ހަމަހަމަ އުސޫލެއް ގެންގުޅެން ސަރުކާރުން ރާވައިފާވާނެ ކަމަށެވެ. އެގޮތުން މާފަންނު އާޓިފިޝަލް ބީޗު ތަރައްގީކޮށް ނިމުމުން ހެންވޭރު އާޓިފިޝަލް ބީޗު ބަންދުކޮށް އެސަރަހައްދު އިތުރަށް ފުރިހަމަޔަށް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"މި ބީޗުގެ [ހެންވެއިރު އާޓިފިޝަލް ބީޗު] ވެލިގަނޑު އަރައި މޫދުގެ ބޭނުން ކުރެވެމުން އަންނަ ބައި ވަރަށް ބޮޑަށް މިވަނީ ކުޑަ ވެފައި. އެހެންވެ އަޅުގަނޑުމެން މި ރާވަނީ ހުޅަނގު ފަރާތު އާޓިފިޝަލް ބީޗު ތަރައްގީކޮށް ނިމުމުން ކުޑަ ދުވަސް ކޮޅަކަށް ނަމަވެސް މި ބީޗު ބަންދުކޮށް މޫދަށް އެރެން އޮންނަ ސަރަހައްދު ހުޅުވި އިރުގައި އޮތް ގޮތަށް އަނބުރާ އިއާދަ ކުރުމުގެ މަސައްކަތް ކުރަން،" މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ ސަރަހައްދުގައި މިހާރުވެސް ތަރައްގީކޮށްފައި ހުރި ވަރަށް ވުރެ، ބޮޑަކަަށް ކޮށް ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި އިތުރަށް ލައިޓު ޖެހުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ.