ހިންނަވަރު

ރައީސްގެ ރަށުން ފައްޔާޒަށް 600، އިންތިއަށް 9 ވޯޓް

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި ޅ. ހިންނަވަރުން ތަފާތު ބޮޑު މޮޅެއް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް (ފައްޔަ) ހޯއްދަވައިފި އެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އިސް ލީޑަރު، އިބްރާހިމް މުހައްމަދު ސޯލިހްގެ އުފަން ރަށެވެ.

ހިންނަވަރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއަށް 600 ވޯޓް ލިބިވަޑައިގަތެވެ. އިމްތިޔާޒަށް ލިބިވަޑައިގަތީ 9 ވޯޓެވެ. ބާތިލް ވޯޓްގެ ގޮތުގައި 8 ވޯޓް ގުނާފައިވެއެވެ.

އިންތިހާބުގެ ކެމްޕެއިނަށް ފައްޔާޒާއި އިމްތިޔާޒްވެސް ވަނީ ހިންނަވަރަށް ވަޑައިގެންފައެވެ. ފައްޔާޒް ވަޑައިގެންނެވުމުން ރައީސް ސޯލިހް އާއިލާ ބޭފުޅުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ކެމްޕެއިނަށް އިމްތިޔާޒްގެ ޓީމު ވަޑައިގަތުމުން ހިންނަވަރުން ލިބުނީ ވަރަށް ފިނި ތަރުހީބެކެވެ. އިންތިއާއެކު މަޖިލީހުގެ ނާއިބު ރައީސް އަދި ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އީވާ އަބްދުﷲ ވަޑައިގެންނެވިއެވެ.

ހިންނަވަރަށް އީވާ ވަޑައިގަތުމުން "ބަވާލީ" ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވާ ރައީސް ސޯލިހަށް ވަރުގަދަ މެސެޖެއްވެސް ދެއްވާފައެވެ. އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ކޮށްފައިވާ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވެެވި މެސެޖެއްގައި ނަޝީދު ވިދާޅުވީ ހިންނަވަރަށް އީވާ އަބްދުﷲ ވަޑައިގަތުމުން މީހުން ފޮނުވައިގެން "ބަވާ" ލާފައިވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގަލޮޅަށް ވަޑައިގަތުމުން އެހެން ހައްދަވަންވީތޯ ސުވާލު ކުރެއްވިއެވެ.