އިމްރާން އަބްދުﷲ

ގައުމުގެ މަސްލަހަތު ގުޅިފައިވަނީ ޕާޓީތަކާ: އިމްރާން

May 15, 2022
2

ސިޔާސީ ޕާޓީތަކުގެ އެތެރޭގެ މަސްލަހަތާއި މުޅި ގައުމުގެ މަސްލަހަތާ ގުޅިފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އިންތިހާބުވުމާ ގުޅިގެން ފައްޔާޒު އަށް މަރުހަބާ ދެންނެވުމުގެ ގޮތުން ކުރެއްވި ޓްވީޓެއްގަ އެވެ.

އިމްރާން ވިދާޅުވީ ބައެއް ހާލަތްތަކުގައި ސިޔާސީ ޕާޓީތަކުގެ އެތެރޭގެ މަސްލަހަތު ތަކަކީ މުޅި ގައުމާއި ރައްޔިތުންގެ މަސްލަހަތާ ގުޅުންހުރި ކަންކަން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެކު ކޯލިޝަން ޕާޓީތައް އެކުގައި މަސައްކަތް ކޮށްގެން ގައުމާއި ރައްޔިތުންނަށް ހެޔޮ ގޮތް ހޯދޭނެ ކަމުގައިވެސް އިމްރާން ވިދާޅުވެފައިވެ އެވެ.

ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި 28،000 އަށް ވުރެ ގިނަ ވޯޓް ފައްޔާޒް ވަނީ ހޯއްދަވާފަ އެވެ. އިމްތިޔާޒަށް ލިބިވަޑައިގަތީ 20،000 ވޯޓެވެ. ވޯޓްލީ މީހުންގެ 58 ޕަސެންޓް ވޯޓް ލިބިފައިވަނީ ފައްޔާޒަށެވެ. އިމްތިޔާޒަށް ލިބިވަޑައިގަތީ 42 ޕަސެންޓް ވޯޓެވެ.