އެމްޑީޕީގެ ޗެއާާސަން ހޮވުމަށް ބޭއްވި އިންތިހާބުގައި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ބަނގުރޫޓްވާ ވަރު ކޮށްފައިވާ ކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބު އިއްޔެ ނިމި ނަތީޖާ ލިބިފައިވާއިރު އެކަމަށް އިޝާރާތް ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ އެ އިންތިހާބުގައި ސަރުކާރުގެ ބައެއް ކުންފުނިތައް ބަނގުރޫޓް ވާވަރުކޮށްފި ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ އެކަން ތަކުރާރުވާނަމަ ރާއްޖެ ބަނގުރޫޓްވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ. އަދި އެގޮތަށް އަމަލުކުރުމަކީ އިންތިހާބުތަކުގެ އިތުބާރު ގެއްލި ރައްޔިތުން ވޯޓުލާން ނިކުތުން މަދުވެދާނެ ކަމަށެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޮޑިޓެއް އަވަހަށް ހެދުމަށްވެސް އާދަމް ޝަރީފް ގޮވާލައްވާފައިވެ އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިންތިހާބު ކާމިޔާބު ކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒުގެ ކެމްޕޭނަށް ސަރުކާރުގެ ކުންފުނިތަކުގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކުރި ކަމަށް ފައްޔާޒުގެ ވާދަވެރިޔާ އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީގެ ކެމްޕޭން ޓީމުން ތަކުރާރުކޮށް ތުހުމަތުކޮށްފައިވެ އެވެ.
ފައްޔާޒުގެ ކެމްޕޭން ޓީމުން ވަނީ އެ ތުހުމަތުތައް ދޮގުކޮށް އެފަދަ މައްސަލައެއް އުޅޭނަމަ ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅައިގެން އެ މައްސަލައެއް ބަލައި ތަހުގީގުކުރުމަށް އެދިފަ އެވެ.