ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް ޔޫއޭއީއަށް ފުރާވަޑައިގެންފި

May 15, 2022
1

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ރަސްމީ ދަތުރުފުޅެއްގައި މިއަދު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގަންނަވައިފި އެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ ޔޫއޭއީގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ސުޕްރީމް ކޮމާންޑަރު އައްޝައިޚް ހަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވުމާ ގުޅިގެން އެ މަރުހޫމުގެ އާއިލާއަށް ތައުޒިޔާ ދެންނެވުމަށާއި، އެ އާއިލާގެ ހިތާމައިގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގަ އެވެ.

ޔޫއޭއީގެ ރައީސް މިދިޔަ ހުކުރު ދުވަހު އަވަހާރަވީ ވަރަށް ގިނަ ދުވަސްތަކަކު އާލާސްކަންފުޅާ އުޅުއްވުމަށްފަހު އުމުރުފުޅުން 73 އަހަރުގަ އެވެ.

ޝައިހް ހަލީފާ ބިން ޒައިދް އަލް ނަހްޔާންގެ ބައްޕާފުޅު އަދި ޔޫއޭއީގެ ފުރަތަމަ ރައީސް ޝައިހް ޒައިދް ބިން އަލް ސުލްތާން އަލް ނަހްޔާން އަވަހާރަވުމާ ގުޅިގެން ޝައިހް ހަލީފާ ބިން ޒައިދް އަލް ނަހްޔާން ޔޫއޭއީގެ ރައީސް ކަމާ ހަވާލުވެވަޑައިގަތީ 2004 ވަނަ އަހަރު އެވެ.