އެޗްޕީއޭ

ޑެންގީހުން ޖެހުނު މީހުންގެ އަދަދު ތިންގުނަ އިތުރުވެއްޖެ

May 15, 2022

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ޑެންގީ ހުން ޖެހުނު މީހުންގެ އަދަދު މިދިޔަ މާޗް މަހާ އަޅާބަލާއިރު ތިންގުނަ އިތުރުވެއްޖެ އެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި 92 މީހަކަށް ޑެންގީހުން ޖެހިފައިވެ އެވެ. ނަމަވެސް މިދިޔަ މާޗު މަހު ޑެންގީ ހުން ޖެހުނީ 26 މީހަކަށެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ޑެންގީހުން ޖެހުނު މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައި ކަމަށް އެޗްޕީއޭ އިން ބުނެފައިވެ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މާޗް މަހަށް ވުރެ މިދިޔަ އޭޕްރީލް މަހު އަރިދަފުސް ރޯގާ ޖެހުނު މީހުންގެ އަދަދު މަދަދެވެ. މާޗް މަހު 14،399 މީހުންނަށް އަރިދަފުސް ރޯގާޖެހިގެން ރިޕޯޓްކޮށްފައިވާއިރު މިދިޔަ އޭޕްރީލް މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވަނީ 12،978 މީހުންނެވެ.

މިދިޔަ މާޗް މަހާ އަޅާބަލާއިރު މިދިޔަ އޭޕްރީލް މަހު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓް ކުރި މީހުންގެ އަދަދުވެސް ވަނީ މަދުވެފަ އެވެ. ބޭރަށް ހިންގުން ޖެހިގެން މާޗް މަހުގެ ތެރޭގައި 2،063 މީހުން ރިޕޯޓްކޮށްފައިވާއިރު މިދިޔަ އޭޕްރީލް މަހުގެ ތެރޭގައިިި 1،575 މީހުން ރިޕޯޓްކޮށްފައިވެ އެވެ.