ހަބަރު

ރައީސް އިންނެވި ފްލައިޓުން ފަސް މީހަކު ހައްޔަރުކޮށްފި

Dec 31, 2015
4
  • ރައީސްގެ ދަތުރުފުޅު ވަނީ ފަސްކުރައްވާފައި
  • އެ މީހުން ހައްޔަރު ކުރީ ބޮމެކޭ ކިޔައިގެން ސަމާސަ ކުރުމުން
  • ފުރަތަމަ މައްސަލަ ޖެއްސީ ޓޫރިސްޓުން

ރައީސް އަބްދުﷲ ޔާމީން ދަތުރު ކުރައްވަން ހަމަޖެހިފައި އޮތް ބެންކޮކް އެއާވޭޒް ފްލައިޓްގައި، ދިން އިންޒާރުތަކަކާ ގުޅިގެން ފަސް ދިވެއްސަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ. އެނގިފައިވާ ގޮތުގައި މިކަމާ ގުޅިގެން ފްލައިޓުން މީހުންނާއި ލަގަޖްތައް ބާލައި މުޅި ފްލައިޓް އަލުން ޗެކް ވެސް ކުރި އެވެ.

ފުލުހުން ބުނީ އެ ފްލައިޓްގެ ތެރޭގައި ހިނގި ކަންތައްތަކެއްގެ ސަބަބުން ފަސް ދިވެއްސަކު ހައްޔަރުކޮށް ވަނީ ތަހުގީގު ފަށައިފަ އެވެ. އެނގިފައިވާ ގޮތުގައި ޒުވާން ފުރައިގެ، ފަސް ދިވެއްސަކު ސަކަރާތް ޖެހުމުގެ ގޮތުން "ބޮމެކޭ" ކިޔައިގެން އެއްޗހިތަކެއް ކީ އަޑު އިވުމުން ފްލައިޓްގެ ތެރޭގައި ތިބި ބައެއް ޓޫރިސްޓުން ވަނީ މައްސަލަ ޖައްސައިފަ އެވެ. އަދި އެކަމާ ގުޅިގެން ސިފައިން ބޯޓުގެ ތެރެއަށް އަރައި ފަސް ދިވެއްސަކު ބާލައިގެން ގެންގޮސް މުޅި ބޯޓާއި ހުރިހާ ޕެސެންޖަރުންނާއި ލަގަޖްތައް ޗެކް ކުރި އެވެ. އަދި ރައީސްގެ ދެކަނބަލުން ވެސް ވަގުތުން ފްލައިޓުން ވަނީ ބާލުވެފައިވެ އެވެ. އެކަމާ ގުޅިގެން ރައީސްގެ ދެކަނބަލުން ތައިލެންޑަށް ކުރައްވަން އޮތް ރަސްމީ ދަތުރުފުޅު މިހާރު ވަނީ ފަސް ކުރައްވައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ބަހެއް ނުލިބުނެވެ.