ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.
ފޮރިން ސާވިސްގެ ގާނޫނެއް ފުރަތަމަ ފަހަރަށް އެކުލަވާލައި ރައްޔިތުންގެ މަޖިލީހުން އެ ބިލް ފާސްކުރީ މިދިޔަ އޮކްޓޫބަރު 27 ވަނަ ދުވަހު އެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެ ބިލް ތަސްދީގު ކުރެއްވީ މިދިޔަ ނޮވެމްބަރު 14 ވަނަ ދުވަހު އެވެ.
ފޮރިން ސާވިސް ގާނޫނުގައިވާ ގޮތުން އެ ގާނޫނަށް އަމަލުކުރަންޖެހެނީ ގާނޫނު ތަަސްދީގުކުރައްވާ ގެޒެޓްކުރާ ދުވަހުން ފެށިގެން ހަމަސް ދުވަސް ހަމަސް ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.
ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނަށް އަމަލުކުރަން ފެށުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވަނީ ހާއްސަ ހިތޯބެއް ދެއްވާފަ އެވެ.
މިނިސްޓަރުގެ ހިތޯބުގައި ވިދާޅުވީ ގާނޫނު ތަންފީޒު ކުރަން ފަށާފައިވާތީ މިއަދަކީ ދިވެހިރާއްޖޭގެ ހާޖީ ދާއިރާގެ މުވައްޒަފުންގެ ވަރަށް ބޮޑު އުއްމީދެއް ހަގީގަތަކަށް ވެގެންދާ ދުވަހެއް ކަމަށެވެ. ފޮރިން ސާވިސްގެ ގާނޫނަކީ ހާރިޖީ ސިޔާސަތު ހިންގުން ހަރުދަނާ ކުރުމަށް ރައީސް ސޯލިހް ގެންގުޅުއްވާ ތަސައްވަރުގެ ނަތީޖާ ކަން ފާހަގަކުރައްވަމުން ވިދާޅުވީ ވަކިން އެކުލަވާލެވިފައި އޮންނަ ފޮރިން ސާވިސްއެއް އޮތުން އެއީ ވަރަށް ގިނަ މުވައްޒަފުން ވަރަށް ދިގު މުއްދަތަކަށް ދެކެމުން އައި ހުވަފެނެއް ކަމަށެވެ. މި ހުވަފެން ހަގީގަތަކަށް ހެދުމުގެ ދިގު ރާސްތާގައި މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންގެ ހަނދާން އާކޮށް އެ ހުރިހާ ބޭފުޅުންނަށް ޝާހިދު ވަނީ ޝުކުރުވެސް އަދާކުރައްވާފަ އެވެ.
"މިގޮތުން ރާއްޖޭގެ ހާރިޖއްޔާގެ މަސައްކަތަކީ ވަކި ސާވިސްއެއްގެ ދަށުން ހިނގާ މަސައްކަތެއްގެ ގޮތުގައި އިންތިޒާމު ކުރެއްވުމުގެ ތަސައްވަރު އެންމެ ފުރަތަމަ ގެންގުޅުއްވި ދިވެހި ހާރިޖިއްޔާގައި އެންމެ ގިނަ ދުވަހު ވަރަށް އަގު ހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ހާރިޖީ ވަޒީރު އަލްއުސްތާޒު ފަތުހުﷲ ޖަމީލު(ނޢޢވ)ގެ ނަންފުޅު ހާއްސަކޮށް މިއަދު އަޅުގަނޑު ފާހަގަކޮށް އެމަނިކުފާނުގެ ޒިކުރާ އާކޮށް، އެމަނިކުފާނުގެ ފުރާނަފުޅަށް ﷲ ސުބުހާނަހޫ ވަތައާލާ ހެޔޮ ރަހްމަތް ލެއްވުމަށް އެދި ދުއާ ކުރަމެވެ.،" ޝާހިދުގެ މެސެޖުގައިވެ އެވެ.
މިނިސްޓަރު ވިދާޅުވީ ވަކި ހިދުމަތެއްގެ ގޮތުގައި ފޮރިން ސާވިސްއެއް ގާއިމުކުރެވުމުން މަސައްކަތްތައް އިތުރަށް ހަލުވިވެ، ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. ދިވެހިރާއްޖޭގެ ފޮރިން ސާވިސް އަކީ ރާއްޖޭގެ މިނިވަންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެންމެ ކުރީ ސަފުގައި އަބަދުވެސް ތިބެންޖެހޭނެ ބައެއް ކަމަށާއި އެއީ "ފަސްޓް ލައިން އޮފް ޑިފެންސް" ކަމުގައިވެސް ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ އެންމެ އިސް ވާޖިބަކީ ދިވެހިރާއްޖޭގެ ސަރަހައްދުގެ މިނިވަންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖޭގެ ގައުމީ ސިޔާސަތަށް އިހްތިރާމު ކުރުން އިތުރުކުރުމާއެކު ރާއްޖޭން ބައިނަލްއަގްވާމީ މުޖުތަމައަށް އަދާކުރަން ޖެހޭ ޒިންމާތައް ފުރިހަމައަށް އަދާކުރުމުގައި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ސިޔާސަތު ތަންފީޒުކުރުން ކަމުގައިވެސް ވިދާޅުވި އެވެ. މަތިވެރި މިމަސައްކަތުގައި ދިވެހި ހާރިޖިއްޔާއިން ދެގޮތެއް ނުވެ އިހްލާސްތެރިކަމާއެކު ހިދުމަތްކުރުމުގައި ދެމިތިބެންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.
"ދިވެހި ފޮރިން ސާވިސްއިން މިއަދު ދެކެމުން މިދަނީ ދިވެހި ހާރިޖިއްޔާގެ 128 އަހަރުގެ ހަޔާތުގައި ކުރިން ނުދެކޭ ފަދަ ކާމިޔާބު ދުވަސްތަކެކެވެ. މިގޮތުން އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެ ހޮވިގެން ދިއުމަކީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަށް މިހާތަނަށް ލިބިފައިވާ ބޮޑު ކާމިޔާބީއެކެވެ. މި ކާމިޔާބީއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ހާރިޖީ ސިޔާސަތުގެ ހަރުދަނާކަމާއި ދިވެހި ހާރިޖިއްޔާގެ ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަތުގެ ފޮނި ނަތީޖާ އެވެ." ހާރިޖީއާ ދާއިރާގެ ކާމިޔާބީ ފާހަގަކޮށް ވިދާޅުވެފައިވެ އެވެ.
ޝާހިދު ވިދާޅުވީ ހާރިޖީ ދާއިރާގެ ގާބިލްކަމާއި ހުނަރުވެރިކަން އިތުރުކުރުމުގެ ގޮތުން މުވައްޒަފުން ބިނާކުރުމަށް އަބަދުވެސް އިސްކަން ދެއްވާފައިވާ ކަމަށެވެ. މީގެ 39 އަހަރު ކުރިން -- 1983ގައި ފޮރިން މިނިސްޓްރީގައި ޝާހިދު މަސައްްކަތް ކުރައްވަން ފެއްޓެވި ހަނދާން އާކުރައްވަމުން ޝާހިދު ވިދާޅުވީ އޭރު ފޮރިން މިނިސްޓްރީގައި މަތީ ތައުލީމު ހާސލްކުރައްވައިގެން ތިއްބެވީ އެންމެ ތިން ބޭފުޅުން ކަމަށެވެ. ނަމަވެސް މިއަދު ފޮރިން މިނިސްޓްރީގައި މަތީ ތައުލީމު ހާސިލްކުރައްވައިގެން ތިއްބެވި 79 މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ފާހަގަކުރެއްވި އެވެ. އެއީ ފޮރިން މިނިސްޓްރީގެ ކެރިއާ އޮފިސަރުންގެ ގޮތުގައި ހިދުމަތް ކުރަމުންދާ މުވައްޒަފުންގެ 64 އިންސައްތަ އެވެ.
ފޮރިން ސާވިސްގެ ގާނޫނު ތަންފީޒުކުރަންފަށާއިރު ދިވެހި ހާރިޖިއްޔާގައި މިންތީގެ ހަމަހަމަކަން ގާއިމުކުރެވިފައިވާތީ އެކަމަށް ފަހުރުވެރިވާ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ. އެންމެހާ މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއި އިންސާފުވެރިކަން ގާއިމުވެ ކޮންމެ މުވައްޒަފަކަށްވެސް އެ މުވައްޒަފެއްގެ ހިންމަތާ މިންނަތް މަސައްކަތުން ހާރިޖީ ދާއިރާގެ އެންމެ މަތީ ހަރުފަތަށް ދިއުމުގެ ފުރުސަތު ހުޅުވިގެން ދިއުމަކީ ދިވެހި ފޮރިން ސާވިސްގެ އެންމެ މުހިންމު އެއް ސިފަ ކަމުގައިވެސް ޝާހިދު ވިދާޅުވެފައިވެ އެވެ.