މޯލްޑިވްސް ޕޮލިސް ސާވިސް

1،005 ބިޔަރު ދަޅާއި 526 ފުޅި ބަނގުރާ ނައްތާލައިފި

May 15, 2022

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން މިތަކެތި ނައްތާލާފައިވަނީ މިއަދު ދޫނިދޫގަ އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ނައްތާލާފައިވަނީ ޖުމްލަ 42 މައްސަލައެއްގައި ހިމެނޭ ބަނގުރާ އާއި ބިޔަރެވެ.

ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 526 ފުޅި ބަނގުރާ، 20 ޕެޓް ފުޅި، 1،005 ބިޔަރު ދަޅު އަދި އެހެނިހެން ތަކެތީގެ ގޮތުގައި ހިމެނޭ 10 އައިޓަމެވެ.

ފުލުހުން ބުނީ ނައްތާލި ތަކެއްޗަކީ ދައުވާނުކުރަން ނިންމައި ފައިލުކޮށްފައިވާ މައްސަލަތަކުގައި ހިމެނޭ ތަކެތި ކަމަށެވެ.

ނައްތާލި ތަކެއްޗަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާއާއި، ވަކި ފަރާތަކަށް ތުހުމަތު ނުކުރެވޭ ގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ބަނގުރާ އެވެ.