އިމްތިޔާޒު ފަހުމީ

އިންތިގެ މެސެޖް؛ ފައްޔާޒަށް މަރުހަބާ، ދެމި ހުންނާނީ އެމްޑީޕީގައި

އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތިހާބުވެވަޑައިގެންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް (ފައްޔަ) އަށް މަރުހަބާ ވިދާޅުވެ އެމްޑީޕީއާއެކު ދެމި ހުންނަވާނެ ކަމަށް އެ މަގާމަށް ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ ވިދާޅުވެއްޖެ އެވެ.

އިއްޔެ އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެންމެ ފޯރިގަދައީ ޗެއާޕާސަން ކަމަށް ބޭފުޅަކު ހޮވުމެވެ. އެ މަގާމަށް ވާދަކުރެއްވީ ފައްޔާޒާއި އިމްތިޔާޒެވެ. އިންތިހާބު އެހާ ވާދަވެރިވެ ފޯރިގަދަވީ އެމްޑީޕީގެ އިސް ލީޑަރުގެ ތާއީދު ފައްޔާޒަށް އަދި އެމްޑީޕީގެ ރައީސްގެ ތާއީދު އިމްތިޔާޒަށް އޮތުމުންނެވެ. ދެ ރައީސުން ފާޅުގައި އެކަން އިއުލާނު ނުކުރެއްވި ނަމަވެސް ދެ ރައީސުންގެ ވަފާތެރި މެންބަރުން މަސައްކަތް ކުރެއްވީ އެ ގޮތަށެވެ. އެހެން ކަމުން ރަސްމީ އިއުލާނެއް ނެތަސް މެންބަރުންގެ މެދުގައި ރޫހު އޮތީ އެ ގޮތުގައެވެ.

އިންތިހާބުގެ ނަތީޖާ ޔަގީން ކުރެވުމާއެކު އިންތިއާ އޭނާގެ ކެމްޕެއިން ޓީމް "ގެއްލިއްޖެ" ކަމަށް ބުނެ ގިނަ ބަޔަކު ދިޔައީ ވާހަކަ ދައްކަމުންނެވެ. އިމްތިޔާޒް ދެންމެ ކުރެއްވި ޓްވީޓެއްގައި ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވާ މިނިސްޓަރު ފައްޔާޒަށް މަރުހަބާ ވިދާޅުވެފައެވެ.

އަދި ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި އެކުގައި މަަސައްކަތް ކުރެއްވި އަދި ވޯޓް ދެއްވި ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރެއްވިއެވެ. އިމްތިޔާޒް ވިދާޅުވީ މި ހުރިހާ ދުވަހު ނަގަހައްޓަމުން އައި ހަމަތަކާއި އަސާސްތަކުގައި އެމްޑީޕީއާއެކު ދެ ގޮތެއް ނުވެ އަބަދުވެސް ދެމި ހުންނަވާނެ ކަމަށެވެ. އިންތިގެ ޓްވީޓްގައި ވަނީ ވިހުރެމުންދިޔަ އެމްޑީޕީގެ ދިދަ ތަކެއް ފެންނަ ފޮޓޯއެއް ހިއްސާކުރައްވާފައެވެ. އަދި ރީންދޫ ކުލައިގެ ހިތެއް ބޭނުން ކުރައްވާފައިވެއެވެ.

މިނިސްޓަރު ފައްޔާޒަށް މަރުހަބާ. ނިމިދިޔަ އިންތިހާބުގައި އަޅުގަނޑާއެކު މަސައްކަތް ކޮށް ވޯޓުދެއްވި އެންމެހާ މެމްބަރުންނަށް ހިތުގެ ފުނުން ޝުކުރިއްޔާ. އަޅުގަނޑުމެން މިވީހާ ދުވަހު ނަގަހައްޓަމުން މިއައި ހަމަތަކާ އަސާސްތަކުގައި މިޕާޓީއާއެކު ދެގޮތެއްނުވެ އަބަދުވެސް ދެމިހުންނާނަން
އިމްތިޔާޒް ފަހްމީ | މާފަންނު އުތުރު ދާއިރާގެ މެންބަރު

އިއްޔެ އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވަޑައިގެންނެވީ ފައްޔާޒް އިސްމާއީލް އެވެ. ބައިލައްކައެއްހާ މީހުން ވޯޓްދިން އިންތިހާބުގައި ފައްޔާޒް ވަނީ ވޯޓްލީ މީހުންގެ 58 ޕަސެންޓް ވޯޓް ހޯއްދަވާފައެވެ.

އިންތިހާބުގެ ކާމިޔާބަށް ފަހު ފައްޔާޒް ވިދާޅުވީ ވާދަވެރި ކެންޑިޑޭޓާއެކު މަސައްކަތް ކުރައްވަން ހުންނެވީ ތައްޔާރަށް ކަމަށެވެ.

"އަޅުގަނޑުގެ އަތް ވަނީ ހުޅުވިފައި އެބޭފުޅުން [އިންތިގެ ޓީމް] ނާއެކު މަސައްކަތް ކުރުމަށް،" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އިންތިހާބުގެ ކުރީން ކޮންމެ ކަމެއް ހިނގާދިޔަ ނަމަވެސް އެމްޑީޕީ އެކަތިގަނޑަކަށް ހެދޭނެ ކަމަށެވެ. އެކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.