ހަބަރު

ކުރިއަށް އޮތީ ތަނަވަސްކަމާއި އުފާފާގަތި ކަމުގެ އަހަރެއް: ރައީސް

Dec 31, 2015
12
  • މިއީ ގިނަ ކާމިޔާބީތަކެއް ލިބުނު އަހަރެއް
  • ބަޖެޓުން އުފާ ފާގަތިކަން ގެނެސްދޭނެ
  • އާ މަޝްްރޫއުތަކާ އެކު ވަޒީފާތައް އުފެދި ތަނަވަސްކަން ލިބޭނެ

ފެށޭ އާ އަހަރަކީ ރައްޔިތުންނަށް ތަނަވަސްކަމާއި އުފާފަގިތިކަން ގެނެސްދޭނެ އަހަރަކަށް ވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އާ އަހަރު ފެށުމުގެ މުނާސަބަތުުގައި ރައީސް އާންމު ކުރެއްވި މެސެޖެއްގައި ވިދާޅުވީ އަންނަ އަހަރަކީ ރާއްޖެ ޒިޔާރަތް ކުރާ އަހަރުގެ ގޮތުގައި ފާހަގަ ކުރާތީ ރާއްޖޭގެ ޓޫރިޒަމަށް ކުރިއެރުން ލިބި އިތުރު ވަޒީފާތަކާއި އިގްތިސާދީ އިތުރު މަސައްކަތްތައް ފެށިގެން އަންނާނެ ކަމަށެެވެ. ނަތީޖާއެއްގެ ގޮތުން ވަޒީފާތައް އިތުރުވެ، ރައްޔިތުންނަށް އިތުރު ތަނަވަސްކަން ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތަރައްގީއަށް ޓަކައި ވެސް އަންނަ އަހަރު ބޮޑެތި މަޝްރޫއުތަކެއް ފެށޭނެ އެވެ.

ރައީސް ވިދާޅުވި ގޮތުގައި އާ ބަޖެޓްގެ ސަބަބުން އިތުރު ގިނަ މަޝްރޫއުތަކެއް ފެށޭނެ އެވެ. އަދި އެ މަޝްރޫއުތަކުގެ ސަަބަބުން މުޅި ރާއްޖޭގެ ތަރައްގީއަށް މުޅިންއާ މަގުތަކެއް ފަހިވެގެން ދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ބަޖެޓުން ގެނެސްދޭން އޮތީ މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެސް އުފާފާގަތިކަމެވެ.

"މި ބަޖެޓުގެ ސަބަބުން މި ވޭތުވެދިޔަ އަހަރަށްވުރެ ގިނަ މުހިންމު ބޮޑެތި މަޝްރޫޢުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަހަރު އިރާދަކުރެއްވިއްޔާ ފެށިގެންދާނެއެވެ. އަދި މިހާރު ފަށާފައިވާ ބައެއް މަޝްރޫޢުތައް ނިމި، ރައްޔިތުންނަށް އެތައް ލުއިފަސޭހަތަކެއް ލިބިގެންދާނެ އަހަރަކަށްވެސް އިރާދަކުރެއްވިއްޔާ، މިއަހަރު ވެގެންދާނެއެވެ،" ރައީސް ވިދާޅުވެފައިވެ އެވެ.

އާ އަހަރުގައި ފަށާ އާ މަޝްރޫއުތަކަށް ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ސަރުކާރަށް ބޭނުންވާކަން ރައީސް ފާހަގަ ކުރެއްވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ތަރައްގީގެ ފުރިހަމަ ފައިދާ ލިބިގެން ދާނީ، ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާ އެކު އެވެ.

"2016 ވަނަ އަހަރަކީ، އިރާދަކުރެއްވިއްޔާ ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް، ޤައުމީ ތަރައްޤީގެ މަގުގައި އިތުރު ކުރިއެރުންތައް ޙާޞިލު ކުރެވޭނެ އަހަރަކަށް ވެގެންދާނެއެވެ. މާތްﷲ، ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ހެޔޮގޮތްތައް މިންވަރު ކުރައްވާށިއެވެ! ރާއްޖޭގެ ތަރައްޤީއަށާއި ރައްޔިތުންގެ ކުރިއެރުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ބަރަކާތް ލައްވާށިއެވެ! ރާއްޖެއަށް އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަން މިންވަރު ކުރައްވާށިއެވެ!." ރައީސް ވިދާޅުވެފައިވެ އެވެ.

ނިމިގެން މިދާ އަހަަރަކީ ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ރައްޔިތުންނަށް އުފާފާގަތި އަހަރަކަށެވެ. ރައްޔިތުންނަށް އެތައް ލުއިފަސޭހަތަކެއް ލިބިގެންދިޔަ އަހަރެއް ކަމަށް ވިދާޅުވި އެވެ. ހަމަ އެހެންމެ، ރާއްޖޭގެ ރައްޔިތުންނަށް އަމާން މާޙައުލެއް ޤާއިމުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އިތުރު ކާމިޔާބީތަކެއް ލިބުނު އަހަރެއްކަން ރައީސް ސިފަކުރެއްވި އެވެ. އަދި އިޤްތިޞާދީ ގޮތުންވެސް ހަރުދަނާ ފިޔަވަޅުތަކެއް އެޅުނު އަހަރެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރޭ ފެށި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫއާ ގުޅޭ ގޮތުން، ރައީސް ވިދާޅުވީ ބްރިޖް ވެގެންދާނީ، ދިވެހިރާއްޖޭގައި މި ފަހުގެ ތާރީޚެއްގައި އާރާސްތު ކުރެވޭ އެންމެ ވަރުގަދަ ބިނާ ކަމަށެވެ. އިރާދަކުރެއްވިއްޔާ، މި ބްރިޖްގެ ޢަމަލީ މަސައްކަތްތައް ނިމި، 2018 ވަނަ އަހަރު ބްރިޖް ހުޅުވިގެންދާނެ ކަމުގެ ޔަޤީންކަން، ރައީސް ދެއްވި އެވެ. އަދި އެއީ އިގްތިސާދީ މައިގަނޑު މަޝްރޫއު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"2016 ވަނަ އަހަރާ އަޅުގަނޑުމެން މި ބައްދަލުކުރަނީ 2015 ވަނަ އަހަރު އަޅުގަނޑުމެން ޙާސިލުކުރި ކާމިޔާބީތައް ރަމްޒީގޮތުން ކުރިމަގަށް ވާސިލުކޮށްދޭނެ މުހިންމު ބިނާއެއްގެ ޢަމަލީ މަސައްކަތް ފެށިގެންދިޔަ ދަނޑިވަޅެއްގައެވެ. މި ސަރުކާރުން ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށްޓަކައި ހިންގޭ އެންމެ މުހިންމު އެއް މަޝްރޫޢު ކަމަށްވާ، މާލެއާއި ހުޅުލެއާ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖްގެ މަޝްރޫޢު އިފްތިތާޙު ކުރެވި، އެމަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ފެށުމުގެ އުފާ ޙިއްޞާކުރަމުންދާ ވަގުތެއްގައެވެ. މިއީ، އަޅުގަނޑުމެންގެ އެތަކެއް އުންމީދުތަކެއް، މި ބްރިޖާ ގުޅި ވަނީ ލާމެހިފައެވެ." ރައީސް ވިދާޅުވި އެވެ.