ރޮޒައިނާ އާދަމް

ބޮންޑެގެ ބޯ ހަމަޖެހޭތޯ މީހުން އަހާ: ރޮޒަައިނާ

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ގެ ބޯ ހަމަޖެހޭތޯ ރައްޔިތުން ސުވާލު ކުރާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް އިއްޔެ އިންތިހާބުވި ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ބޮންޑެގެ ތާއީދު އޮތީ އިމްތިޔާޒް ފަހްމީ އަށެވެ. މިނިސްޓަރު ފައްޔާޒް އާއި ރޮޒައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. ބައެއް ފަހަރު ވަރަށް ހުތުރުކޮށް އަދި ވަރަށް ޒާތީކަންކަމުގައިވެސް ފާޑުވިދާޅުވެފައިވެއެވެ. ފައްޔާޒް ހުންނަވަނީ ބާވެ ހިރަފުސްވެފައިވާ ޖީންސެއް ލައިގެން ކަމަށްވެސް ވިދާޅުވިއެވެ.

އިންތިހާބުގެ ނަތީޖާއަށް ފަހުވެސް ބޮންޑެ ވަނީ ފައްޔާޒަށް ފާޑުވިދާޅުވެފައެވެ. ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކާއި ދައުލަތުގެ ހުރިހާ ވަސީލަތްތަކާއި ބިރާ ނުފޫޒާ ދެކޮޅަށް މާލޭގެ 15 ދާއިރާއިން 12 ދާއިރާ ކާމިޔާބު ކުރީ ތިލަފުގެ ރަމްޒުން ކަމަށެވެ. "ތިލަފަތުގެ ރަމްޒު" އެއީ އިމްތިޔާޒް ފަހްމީގެ ކެންޕެއިން ސްލޯގަން އެވެ.

އޭގެ ފަހުން އަތޮޅުތެރޭގެ ރައްޔިތުންނަށް ނިސްބަތްވާ ގޮތަށް ފާޑުވިދާޅުވިއެވެ.

"ރާއްޖޭގެ ޖިއޮގްރަފީއަށް ބަލާއި ވަރަށް ފަސޭހައިން ބަސްތާއަަކަށް 300 ކާށި ގުނާފަ އެޅިދާނެއެވެ. އަދި 600 ބޯ ފޮޅިވެސް އެޅިދާނެއެވެ،" ބޮންޑެގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އެ ޓްވީޓަށް ރައްދުދީ ރޮޒައިނާ ވަނީ އަބަދު ރަށްރަށުގެ މީހުންނާއި އަޅައިގަނެގެން ވަށްބަހުން މަލާމަތް ނުކުރުން ހުއްޓާލަން ގޮވާލައްވާފައެވެ. އަދި އެއީ އެމްޑީޕީއަށްވެސް ހުތުރުވާ ކަމެއް ކަމަށް ވިދާޅުވިއެވެ. ރޮޒައިނާ ވިދާޅުވީ އެފަދަ ވާހަކަތަކުގެ ސަބަބުން އޭނާ ފަދައިން މާލެއަށް ނިސްބަތްވާ މެންބަރުންވެސް ލަދުން ބޯހަލާކުވާ ވަރުވާ ކަމަށެވެ.

"އަބަދު ރަށްރަށު މީހުންނާ އަޅައިގަނެގެން ވަށްބަހުން މަލާމަތް ކުރަން ނޫޅެބަލަ ބޮންޑެ. ތީ މި ޕާޓީއަށްވެސް ހުތުރުވާ ކަމެއް. އަދި އަޅުގަނޑުމެން މާލެއަށް ނިސްބަތްވާ މީހުންވެސް ލަދުން ބޯ ހަލާކުވާވަރު ވޭ. ބޮންޑެގެ ބޯ ހަމަޖެހޭތޯ މީހުން އަހާ،" ރޮޒައިނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދުވެސް ވަނީ ބޮންޑެގެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ފަޅުރަށް މުއާމަލާތް ހިންގާފައި އޮތީ އާންމު ރާއްޖެތެރޭ ރައްޔިތު މީހާ ނޫން ކަމަށާ އެކަން ކުރެއްވީވެސް ބޮންޑެމެން ފަދަ ބޭފުޅުން ކަމަށެވެ.

"ދީނެއް މިއްލަތެއް އެޔެއް މިޔެއް ނުބަލާ އެޅިހާ ބަތަކަށް ރިހަ ވިތަން މިދިޔަ ދުވަސްތަކުގައި ވެސް ފެނުނީ ހަމަ ތިޔަ މާލެ ތަހުޒީބު ބޮންޑޭމެންގެ ފުށުން،" ރައީސް ސޯލިހަށް ވަފާތެރި މެންބަރެއްގެ ގޮތުގައި ހުންނެވި އިސްމާއީލް ވިދާޅުވިއެވެ.