ފައްޔާޒް އިސްމާއީލް

ހެނބަދޫގެ ހުރިހާ ވޯޓެއް ފަޔާއަށް

May 15, 2022
1

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އިއްޔެ އެ ޕާޓީގެ ޗެއާޕާސަން ކަމަށް ހޮވުނު ފައްޔާޒު އިސްމާއީލަށް ނ. ހެނބަދޫން 100 ޕަސަންޓް ވޯޓް ދީފި އެވެ.

ހެނބަދޫގައި ބެހެއްޓި ވޯޓު ފޮށްޓަށް 111 މީހުން ވޯޓުލީއިރު އެ އެންމެން ވެސް ވަނީ ފައްޔާޒަށް ވޯޓު ދީފަ އެވެ.

ހެނބަދޫގައި އެއްވެސް ވޯޓެއް ބާތިލް ވޯޓުގެ ގޮތުގައި ގުނާފައެއް ނުވެ އެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ހޮވުނު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް ވެސް ހެނބަދޫން 100 ޕަސަންޓް ވޯޓު ދީފައިވެ އެވެ. ހެނބަދޫން ރޮޒައިނާ އަށް 56 ވޯޓު ދީފައިވެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ފައްޔާޒުއާ ވާދަކުރެއްވެވި އިމްތިޔާޒު ފަހްމީ އަށް އެއްވެސް ވޯޓެއް ނުލިބޭ ހަމައެކަނި ރަށަކީ ވެސް ހެނބަދޫ އެވެ.

ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި 28،000 އަށް ވުރެ ގިނަ ވޯޓް ފައްޔާޒް ވަނީ ހޯއްދަވާފަ އެވެ. އިމްތިޔާޒަށް ލިބިވަޑައިގަތީ 20،000 ވޯޓެވެ. ވޯޓްލީ މީހުންގެ 58 ޕަސެންޓް ވޯޓް ލިބިފައިވަނީ ފައްޔާޒަށެވެ. އިމްތިޔާޒަށް ލިބިވަޑައިގަތީ 42 ޕަސެންޓް ވޯޓެވެ.