ހަސަން ލަތީފް

އެދެނީ އިތުބާރު ކުރެވޭ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ދެމި އޮތުން: ހަސަން

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަކީ އެންމެ މަގުބޫލު އަދި އިތުބާރު ކުރެވޭ ޕާޓީގެ ގޮތުގައި ދެމި އޮތުމަކީ އެދިވަޑައިގަންނަވާ ގޮތް ކަމަށް ވިދާޅުވެ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް، އައު ޗެއާޕާސަން ފައްޔާޒު އިސްމާއީލް (ފައްޔަ) އަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ޗެއާޕާސަން އިންތިހާބުގައި ހަސަން ލަތީފްގެ ތާއީދު އޮތީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ އަށެވެ. ހަސަން ވަނީ އިމްތިޔާޒާއެކު ވަރަށް ގިނަ ރަށްރަށަށް ވަޑައިގެން ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވާފައެވެ. އެކި ބައްދަލްވުންތަކުގައި ފައްޔާޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. ގިނަ ތުހުމަތުތަކެއް ކުރެއްވިއެވެ.

ހާއްސަކޮށް ފައްޔާޒުގެ ޗެެއާޕާސަން ކަމުގައި ރައީސް ނަޝީދު އެމްޑީޕީން ބާކީކުރައްވާނެ ކަމަށް ވިދާޅުވެ ތަކުރާރުކޮށް އެ ވާހަކަ ދެއްކެވިއެވެ.

ފައްޔާޒަށް މަރުހަބާ ވިދާޅުވެ ހަސަން ވިދާޅުވީ ފައްޔާޒުގެ ޗެއާޕާސަން ކަމުގައިވެސް އެމްޑީޕީއަށް ކުރިއެރުމާއި ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެމްޑީޕީއަކީ އެންމެ މަގުބޫލު އަދި އިތުބާރު ކުރެވޭ ޕާޓީގެ ގޮތުގައި ދެމި އޮތުމަކީ އުންމީދެއް ކަމަށެވެ.

ޗެއާޕާސަން ކެމްޕެއިންގައި ފައްޔާޒުގެ ޓީމުން ކެމްޕެއިން ކުރީ "ހިންގާލަން" މި ޝިއާރުގެ ދަށުންނެވެ. ހަސަން ލަތީފްގެ ޗެއާޕާސަން ކަމުގައި އެެމްޑީޕީގެ ހިންގުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށް ފައްޔާޒުގެ ޓީމުން ދެކެއެވެ.

ފައްޔާޒު، އިންތިހާބު ކާމިޔާބު ކުރެއްވިއްޔާ 18 ވަރަކަށް ގަޑިއިރު ފަހުން އިމްތިޔާޒު ފަހްމީ ވަނީ މަރުހަބާ ވިދާޅުވެފައެވެ. އޭގެ ފަހުން އިމްތިޔާޒުގެ މަރުހަބާގެ ޓްވީޓް ރި ޓްވީޓް ކުރައްވާ އިންތިގެ ޓީމުގެ އިސް ބޭފުޅުން ގެންދަވަނީ ފައްޔާޒަށް މަރުހަބާ ވިދާޅުވަމުންނެވެ. ހަސަންވެސް އަމަލު ކުރެއްވީ އެގޮތަށެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި އިމްތިޔާޒުގެ ސްޕޯކްސްޕާސަން މުހައްމަދު ވަހީދު ވެސް ފައްޔާޒަށް މަރުހަބާ ވިދާޅުވީ އިމްތިޔާޒްގެ ޓްވީޓް ރި ޓްވީޓް ކުރައްވައެވެ.