ދިވެހި ސިނަމާ

ބިރުވެރި ވާހަކަ: ޓީޒާ ދައްކާލައިފި

ޓީވީ ޕްރޮޑިއުސަރެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި އަދި މިހާރު ފިލްމް އިންޑަސްޓްރީގައި އެންމެ ފާހަގަކޮށްލެވޭ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ އިލްޔާސް ވަހީދު (އިއްލެ) ގެ "ބިރުވެރި ވާހަކަ" ސީރީޒްގެ ޓީޒާ މިރޭ އާންމުކޮށްފި އެވެ.

ދިރާގު ޓީވީ އިން ދައްކާ މި ސީރީޒްގެ ޓީޒާ އިން ފިލްމުގައި ހަރަކާތްތެރިވާ ވަރަށް ގިނަ ތަރީން ފެނެއެވެ. އޭގެ ތެރޭގައި މަރިޔަމް އައްޒަ އާއި އައިޝަތު ރިޝްމީ އާއި ނުޒުހަތު ޝުއައިބް ފާހަގަކޮށްލެވެއެވެ. އަދި ޓިކްޓޮކްގައި ފާހަގަކޮށްލެވޭ ގިނަ ތަރީންތަކެއް ފެނެއެވެ. ޓީޒާގައި ފެނިގެން ދަނީ ހުރިހާ މީހުންވެސް ބިރުވެރި ކަމެއްގެ ތެރޭގައި ވަނިކޮށެވެ. ބައެއް މީހުންގެ މޫނާ ހަށިގަނޑުގައި ޒަހަމުތައް ހުއްޓާވެސް ފެނެއެވެ.

ޓީޒާގެ ކުރީން އެ ސީރީޒްގެ ޕްރޮމޯޝަނަލްވެސް ވަނީ ދައްކާލާފައެވެ. ޕްރޮމޯޝަނަލް ލަވަ އަކީ "ޝައިތޯނާ" އެވެ. ޒުވާން ލަވަކިޔުންތެރިޔާ އަންދަލާ ހަލީމްގެ ހިތްގައިމު އަޑުން ކިޔާފައިވާ މި ލަވަޔާއެކު "ބިރުވެރި ސީރީޒް" އަށް ކުރެވޭ އިންތިޒާރު ވީ އިތުރެވެ.

ލަވަ ވަރަށް ފުރިހަމަ އެވެ. މިއީ މި ފަހުން ފެނުނު އެންމެ މޮޅު އެއް ލަވައޭ ބުނެވިދާނެ އެވެ.

މި ލަވައިން އެންމެ ފާހަގަކުރެވޭ އަނެއް ކަމަކީ ރުތުބާ އަހުމަދުގެ މޭކަޕްކުުރުމުގެ ކުޅަދާނަ ކަމެވެ. އަދި އޯކޭޒްއިންކްގެ ވަރަށް ފުރިހަމަ މަސައްކަތެއް ފެނިގެން ދެއެވެ. މި ހިތްގައިމު ލަވަ ޑައިރެކްޓް ކޮށްފައިވަނީ އިއްލެ އެވެ.

ވަރަށް ގިނަ ބަޔަކު ވަނީ އިއްލެގެ މި މަސައްކަތަށް ތައުރީފުކޮށްފައެވެ. މިހާތަނަށް ލަވަ ބެލި އެތައް ބަޔަކު ވަނީ ލަވަ ވަރަށް މޮޅު ކަމަށް ބުނެފައެވެ. ޓީވީ ދާއިރާއާ ފިލްމީ މަސައްކަތުގައި ފާހަގަކޮށްލެވޭ ބައެއް ބޭފުޅުންވެސް ވަނީ މި ލަވައަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.