ބޮލީވުޑުގެ "ރަސްގެފާނު" ގެ ނަމުން މަޝްހޫރު ވެފައިވާ ޝާހް ރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ ފިލްމީ ދުނިޔެއަށް ނުކުތުމަށް މިހާރު ވަނީ މުޅިން ތައްޔާރުވެފަ އެވެ. ބޮލީވުޑަށް ސުހާނާ ތައާރަފް ވާނީ ނެޓްފްލިކްސް އިން ދައްކަން ހަމަޖެހިފައިވާ "ދި އާޗީޒް" ކިޔާ ފިލްމަކުންނެވެ. ޒޯޔާ އަޚްތަރު ޑައިރެކްޓްކުރާ މި ފިލްމުގެ ބަތަލަކީ އަމީތާބު ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތިޔާ ނަންދާ އެވެ. އަދި ޝްރީ ދޭވީގެ ހަގު ދަރިފުޅު ޚުޝީ ކަޕޫރު ވެސް ހަމަ މި ފިލްމުން ތައާރަފު ވާނެ އެވެ.
"ދި އާޗީޒް"ގެ ފުރަތަމަ އިޝްތިހާރު މިހާރު ވަނީ ރިލީޒް ކޮށްފަ އެވެ. އެއާއެކު ޝާހް ރުކް ވަނީ އޭނާގެ ދަރިފުޅަށް ފިލްމީ ދުނިޔެއަށް މަރުހަބާ ކިޔުމާއެކު ވަރަށް ރަނގަޅު ނަސޭހަތް ތަކެއް ވެސް ދީފަ އެވެ.
"ފޮތް ކުއްޔަށް ދޫކުރާ ފިހާރަތަކުން 'އާޗީޒް ޑައިޖެސްޓް' ދުވާލަކަށް 25 ލާރި އަށް ކުއްޔަށް ހިފައިގެން ކިޔައި އުޅުނު ޒަމާން ފާއިތުވީތާ އެތައް އަހަރަކަށް ފަހު މި ވާހަކައިގެ ފިލްމު ސްކްރީނުން ބަލާލުމުގެ ފުރުސަތު ޒޯޔާ އަޚްތަރު މިވަނީ ހޯދާދީފައި. އަޖައިބެއް ފަދަ ކަމެއް މިއީ. ފިލްމުގައި ބައިވެރިވާ ހުރިހާ ކުދިންނަށް ވެސް މި 'ރީތި ޕްރޮފެޝަން' އަށް މަރުހަބާ،" ޝާހް ރުކް އޭނާގެ ދަރިފުޅު ޓެގްގައި ލިޔުނު މެސެޖުގައި ވެއެވެ.
"ސުހާނާ. ދަރިފުޅަށް ދުވަހަކު ވެސް މުޅިން ފުރިހަމަ މީހަކަށް ނުވެވޭނެ. ނަމަވެސް ދަރިފުޅުގެ ގޮތުގައި ދަރިފުޅު ހުރުމުން އެ ނިމުނީ. އެކްޓަރެއްގެ ހައިސިއްޔަތުން އެހެން މީހުންނަށް ހެޔޮ އަދި އެހީތެރިވާ މީހަކަށް ވާތި. ދަރިފުޅަށް އަމާޒުވާ ލަޓިބުރިތަކާއި މަރުހަބާއަކީ އަބަދަށް ދެމި އޮންނާނެ އެއްޗެއް ނޫން. ދެމި އޮންނާނީ ދަރިފުޅު ސްކްރީނުގައި ދެއްކި އެއްޗެއް. ވަރަށް ދިގު ދަތުރެއް ތި ކުރީ. ނަމަވެސް ބެލުންތެރިންގެ ހިތް ތަކާ ހަމައަށް ދަތުރުކުރާ މަގަށް ނިމުމެއް ނެތް. ވީ ވަރަކަށް ގިނައިން ހިނިތުންވަމުން މަންޒިލާ ދިމާލަށް ދަތުރުފަށާ،" ދަރިފުޅަށް ދިން ނަސޭހަތެއްގެ ގޮތުގައި ޝާހް ރުކް ލިޔެފައި ވެއެވެ.
މިއީ ކުޑަކުދިންގެ މެދުގައި މަގްބޫލު "އާޗިޒް ކޮމިކް" ގެ ކެރެކްޓާތައް ހިމަނައިގެން ޒޯޔާ އުފައްދާ އޭގެ ހިންދީ ވާޝަން އެވެ.
އާޗީގައި ދައްކަނީ ރަތް އިސްތަށިގަނޑެއްގެ ވެރި އާޗީ އާއި އޭނާގެ އެކުވެރިން ކަމަށްވާ ބެޓީ އާއި ވެރޯނިކާ އަދި ޖަގްހެޑްގެ މެދުގައި ހިނގާ ހެއްވާ މަޖާ ކަންތައް ދައްކުވައިދޭ ފުރާވަރު ކުދިންނަށް ޚާއްސަ ޑްރާމާ އެކެވެ. ނަމަވެސް މި ވާހަކަ ހިންދީ ފިލްމަކަށް ޒޯޔާ ބަދަލު ކޮށްލަނީ ކޮން ގޮތަކަށް ކަމެއް އެނގޭނީ ފިލްމި ރިލީޒް ވުމުންނެވެ.
މި ފިލްމުން އަމީތާބުގެ ކާފަ ދަރިފުޅު އަގަސްތިޔާ ވެސް ތައާރަފްވާތީ އޭނާ ވެސް ވަނީ ކާފަ ދަރިފުޅަށް މަރުހަބާ ކިޔައި ހިތްވަރު ދިނުމުގެ މެސެޖެއް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފަ އެވެ. އަދި ޚުޝީގެ ދައްތަ ޖާންވީ ކަޕޫރު ވެސް ވަނީ އޭނާގެ ކޮއްކޮ ބޮލީވުޑަށް ތައާރަފްވާތީ އެކަމަށް މަރުހަބާ ކިޔައި މެސެޖެއް ޝެއާ ކޮށްފަ އެވެ. މި ފިލްމު ނެޓްފްލިކްސް އިން ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ.